ޚަބަރު

އަލޮންސޯގެ 100 ވަނަ މެޗުން ލެވަކޫސަނަށް މޮޅެއް ނުވެވުނު


ޒަބީ އަލޮންސޯގެ ކޯޗުކަމުގެ ދަށުން ކުޅުނު 100 ވަނަ މެޗުގައި ރޭ ޖަރުމަން ލީގުގައި ބަޔާ ލެވަކޫސަނުން އަމިއްލަ ދަނޑުގައި 2-2 ގެ ނަތީޖާއަކުން ހޯލްސްޓެއިން ކީލްއާ އެއްވަރުވެއްޖެއެވެ.

މިއީ މި ފަހަރުގެ ސީޒަނުގެ ލީގުގައި ލެވަކޫސަނަށް ދެ ގޯލްގެ ލީޑެއް ގެއްލި، ޕޮއިންޓް ގެއްލުނު ދެވަނަ ފަހަރެވެ. މީގެކުރީން، މިދިޔަ އޮގަސްޓް މަހުގައި އަމިއްލަ ދަނޑުގައި އާރްބީ ލީޕްޒިގު އަތުން 3-2 އިން ބަލިވި މެޗުގައި ވެސް ލެވަކޫސަނަށް ދެލަނޑުގެ ލީޑެއް ވަނީ ގެއްލިފައެވެ.

މި ނަތީޖާއާއެކު ލެވަކޫސަން އޮތީ ތާވަލްގެ އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކަށް ވުރެ ދެ ޕޮއިންޓް ފަހަތުން، މިހާތަނަށް ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. ބަޔާން އަށް އެއްމެޗު މަދުން ކުޅެގެން 13 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެއިންޓްރަކްޓް ފްރޭންކްފާޓަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިނެއްގައި އޮތް ފްރެއިބާގަށް ވެސް އެއްމެޗު އިތުރަށް ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ފްރޭންކްފާޓަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް އާރްބީ ލީޕްޒިގަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.

ބޭއެރީނާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ އަށް މިނެޓުގެ ތެރޭގައި ލެވަކޫސަނުން ވަނީ ދެލަނޑުގެ ލީޑެއްނަގައިފައެވެ. މި މެޗުގައި އެ ޓީމުން ލީޑްނެގީ ހަތަރުވަނަ މިނެޓުގައި ނައިޖީރިއާގެ ފޯވާޑް، ވިކްޓަ ބޮނީފޭސް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑުޖެހީ އާޖެންޓީނާގެ މިޑްފީލްޑަރު، އެޒެކީލް ޕަލާސިއޯސް ދިން ބޯޅައަކުންނެވެ. އޭގެ ހަތަރު މިނެޓުފަހުން، ލެވަކޫސަންގެ ދެވަނަ ލަނޑުޖަހައިދިނީ ޖޯނަސް ހޮފްމަން އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އެޒެކީލް ޕަލާސިއޯސް އެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ލެވަކޫސަންގެ ފޯވާޑް، ބޮނީފޭސް ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމާ، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ހޯލްސްޓެއިން ކީލް އަށް ފަރަގު ކުޑަކޮށްދިނީ ލުވިސް ހޯލްޓްބީ ދިން ބޯޅައަކުން މެކްސް ގެޝްވިލް އެވެ. މި ގޯލާއެކު މި ހާފު ނިމުނީ 2-1 އިން ލެވަކޫސަން ކުރީގަ އޮވެގެންނެވެ.

މި މެޗުގައި ހޯލްސްޓެއިން ކީލް އިން އެއްވަރުކުރި ލަނޑު، 69 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖަން-ފީޓެ އާރޕް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ އާމިން ގިގޮވިޗް އަށް ލެވަކޫސަންގެ ޖެރެމީ ފްރިމްޕޮންގް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ލެވަކޫސަން ދެން ކުޅޭ މެޗުގައި ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު މި މަހުގެ 19 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ އެއިންޓްރަކްޓް ފްރޭންކްފާޓްއާ ދެކޮޅަށެވެ.