ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މެޗަކުން ބަލިނުވެ ލީގުގައި ރެއާލް މެޑްރިޑުން ދަމަހައްޓަމުން އަންނަ ރިކޯޑު އިތުރުކޮށްފިއެވެ.
ރެއާލް މެޑްރިޑްއިން ލަލީގާގައި މިހާތަނަށް ރެއާލް މެޑްރިޑް އިން 9 މެޗު ކުޅެފައިވާއިރު އެ ޓީމުން ވަނީ ހަ މެޗުން މޮޅުވެ ތިން މެޗު އެއްވަރުކޮށް ޖުމްލަ 21 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ ހޯދާފަ އެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް އަށް މެޗުން ވަނީ 21 ޕޮއިންޓް ލިބިފަ އެވެ.
މި ސީޒަނުގައި ރެއާލް މެޑްރިޑްއިން މެޗަކުން ބަލިނުވެ 9 މެޗު ހަމަކޮށްފައިވާއިރު މިދިޔަ ސީޒަނާއިއެކު އެ ޓީމުން ވަނީ ބަލިނުވެ 41 މެޗު ކުޅެފައެވެ. އަދި މިއީ ލަލީގާގެ ތާރީޚުގައި މެޗަކުން ބަލިނުވެ ޓީމަކުން ދަމަހައްޓާފައިވާ ދެވަނައަށް އެންމެ ރަގަޅު ރެކޯޑެވެ. ލަލީގާގައި މެޗަކުން ބަލިނުވެ އެންމެ ދިގު މުއްދަތަކަށް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ ސީޒަނުގައި ބާސެލޯނާ އެވެ. އެ ކްލަބުން ވަނީ މެޗަކުން ބަލިނުވެ 43 މެޗު ކުޅެފަ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ރެއާލް މެޑްރިޑްގެ ފެޑެރީކޯ ވަލްވާޑޭ ވަނީ ލަޑެއް ކާމިޔާބުކޮށް ރެއާލްއަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އޭރިޔާ ބޭރުގައި ހުރެ ބާރަށް ފޮނުވާލި ބޯޅާއެއް ވިޔަރެއާލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެފައިވާ ލަނޑެކެވެ.
ރެއާލް އިން ލަނޑު ޖަހާ ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ވިޔަރެއާލް އަށް ވަނީ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ބެރީ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ.
މި މެޗުން ރެއާލް މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރު ވެފައިވަނީ މެޗުގެ 73 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަނުމުންނެވެ.
މެޗުގެ އިތުރު ވަގުތުގައި ރެއާލް މެޑްރިޑްގެ ޑެނީ ކަރްވަހާލް އަށް ވަނީ އަނިޔާގެ ސްޓްރެޗަރ ގައި ދަނޑުން ބާލާފަ އެވެ. އަދި މެޗަށްފަހު ކޯޗް ކާލޯ އެންޗެލޮއްޓީ ބުނެފައިވަނީ އޭނާއަށް ލިބުނު އަނިޔާއަކީ ސީރިއަސް އަނިޔާއެއް ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އޭގެ ތަފްސީލް މިއަދު އެނގޭނެ ކަމަށެވެ.
އަދި މިފަދަ އަނިޔާތަކުގެ ސަބަބުން ކުޅުންތެރިން މާޔޫސްވާ ކަމަށާއި މިއީ އަރާމު ކުރާނެ ވަގުތު ނެތި ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ލިބޭ އަނިޔާ ކަމަށާއި އަދި ކަރްވަހާލް އަކީ ރެއާލް މެޑްރިޑަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.