ވިޔަފާރި

ބާޒާރުގައި ކަރާ މަދުވެފައި، އަގުބޮޑު


ރޯދަމަހު ދިވެހިންގެ ތެރޭގައި އެންމެ އިސްކަމެއް ދެވޭ އެއްބާވަތަކީ ކަރާ ކަމަށްވާއިރު، މުޅިރޯދަމަހަށް ބޭނުންވާވަރަށް ކަރާ ފޯރުކޮށްދެވޭނެކަމަށް ދަނޑުވެރިން ވަނީ ބުނެފައެވެ. ނަމަވެސް ބާޒާރު މައްޗަށް މިއަދު ބަލާލުމުން ފާހަގަކުރެވެނީ އެހެން އަހަރުތަކާ އަޅާބަލާއިރު ބާޒާރުގައި ކަރާ ހުރި އަދަދު މަދުކަމެވެ. ކަރައަކީ ޒަމާނުއްސުރެ ދިވެހިން ރޯދަމަހު ބޭނުންކުރުން އިތުރު، ދިވެހިންގެ ރޯދަމަހާ ގުޅުން ބޮޑު މޭވާއެއްކަމަށްވާއިރު މިއަދު މާލޭގެ ބާޒާރުގައި މައިގަނޑު ގޮތެއްގައި ހުރީ ތޮއްޑޫ ކަރައާއި ކަނޑޫދޫ ކަރައެވެ. ނަމަވެސް މަދުމަދުން އެހެން ރަށްރަށުން ގެނެސްފައި ހުރި ކަރާވެސް ލޯކަލް މާރުކޭޓުގައި ލިބެންހުއްޓެވެ. 

img:http://s3.psmnews.mv/images/660x400/14652302543170.jpg|ބާޒާރުން ލިބެންހުރި ތަރުކާރީގެ ބާވަތްތަކެއް

މިއަދު މެންދުރާ ހަމައަށް މާލޭގެ ބާޒާރުގައި ކަރާ ވިއްކަން ހުރީ ކިލޯއެއް ތިރީސް ރުފިޔާއަށެވެ. މިއީ ރޯދަމަސް ފެށެން ދެތިންދުވަހަށް ވީއިރު ބާޒާރުގައި ކަރާ ހުރި އަގުތަކަށްވުރެ ކުޑަ ތަންކޮޅެއް ބޮޑު އަގެކެވެ.

ކަރަލުގެ އިތުރުން މައިގަނޑު ގޮތެއްގައި ބާޒާރުން ލިބެންހުރި ބައެއް އެހެން ތަކެއްޗަށް ބަލާލާއިރު، އެންމެ ތިޔާގިކޮށް ތާޒާކޮށް ފެންނަން ހުރި ފަތުގެ ބާވަތްތަކެވެ. ކުއްޅަފިލާފަތާއި ކޮޕީފަތާއި ކަންކުން ފަތުގެ އިތުރުން ތާޒާ ލެޓިއުސް ބާޒާރުގައި މިއަދު ތިޔާގިކަން ފާހަގަ ކުރެވެއެވެ. 

img:http://s2.psmnews.mv/images/660x400/14652302186607.jpg|ބަޒާރުގައި މިއަދު ވިއްކަން ހުރި ބައެއް ބާވަތްތައް

ނަމަވެސް މިތަކެތީގެ އަގު ތަށް އެވްރެޖްގޮތެއްގައި ބޮޑުކަން ފާހަގަކުރެވުނެވެ. އެގޮތުން ތާޒާ ކޮޕީފަތުގެ ދެފަތް ނުވަތަ ތިންފަތުގެ ބޮޑިއެއް ބާޒާރުގައި މިއަދު މެންދުރާއި ހަމައަށް ހުރީ 20 ރުފިޔާއަށެވެ. މެންދުރުގެ ހޫނުގައިވެސް މިއަދު ބާޒާރު ސަރަހައްދުގައި، ޚާއްޞަކޮށް ލޯކަލް މާރުކޭޓަށް ވިޔަފާރިކުރަން ގިނައަދަދެއްގެ މީހުން ބާޒާރަށްދިޔަކަން ފާހަގަކޮށްލެވެއެވެ.