ޚަބަރު

ނިރުބަވެރިންގެ ލިސްޓުން ޠާލިބާނުން އުނިކުރަން ރަޝިޔާއިން ނިންމައިފި


އަފްޣާނިސްތާނުގައި ވެރިކަން ކުރާ ޠާލިބާނުން ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އުނިކުރަން ރަޝިޔާއިން ނިންމާފައިވާ ކަން އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ކަން ހާމަކުރަމުން ރަޝިޔާގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, އެ ނިންމުން ނިންމާފައި ވަނީ ސަރުކާރުގެ އެންމެ މަތިން ކަމުގައެވެ. އަފްޣާނިސްތާނުގެ އިންތިޚާބީ ސަރުކާރު ވައްޓައިލައި, ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތީ 2021ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އަދި, 20 އަހަރަށް ފަހު އެމެރިކާގެ އިސްތިޢުމާރީ ސިފައިން އަފްޣާނިސްތާނުން ފޭބުމުންނެވެ.

އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތުމަށް ފަހު ޠާލިބާނުން ޤާއިމު ކޮށްފައިވާ ސަރުކާރު އެއްވެސް ޤައުމަކުން ބަލައިގަނެފައެއް ނެތެވެ. ނަމަވެސް, ޗައިނާއާއި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ން ވަނީ, އެ ޤައުމުތަކަށް ޠާލިބާނުން ފޮނުވާފައިވާ ސަފީރުންގެ ބަލައިގަނެފައެވެ. ޠާލިބާނުންގެ ވެރިކަން ބަލައިގަތުމަށް ގިނަ ޤައުމުތަކުން ދެކޮޅު ހަދަމުންދާ ސަބަބުތަކުގެ ތެރޭގައި, އެ ޤައުމުގެ ޢާންމު ރައްޔިތުންގެ އަސާސީ އަދި އިންސާނީ ޙައްޤުތަކަށް އަރައިގަތުން ހިމެނެއެވެ.

ރަޝިޔާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ޒައިމީރް ކަބޫލޮފް ވިދާޅުވީ, ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން ޠާލިބާނުން އުނިކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ޤާާނޫނީ އިޖުރާޢަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ. ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޠާލިބާނަކީ ރަޝިޔާގެ ވާގިވެރިއެއް ކަމުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ޖުލައި މަހު ވިދާޅުވެފައިވެއެވެ.

ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި ރަޝިޔާއިން ޠާލިބާނުން ހިމަނާފައި ވަނީ 2003ވަނަ އަހަރުއެވެ. ނަމަވެސް, 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަަން ފޭރިގަތް ފަހުން ރަޝިޔާއިން ދަނީ އެ ޖަމާޢަތާ އެކު ގުޅުން ބަދަހި ކުރަމުންނެވެ. އަދި, ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން އެ ޖަމާޢަތް އުނިކުރުމަކީ, ރަޝިޔާގެ ސަރުކާރާއި ޠާލިބާނުންނާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެޅޭ ހަރުދަނާ ފިޔަވަޅަކަށް ވާނެއެވެ.

ޠާލިބާނުންގެ ޚާރިޖީ ވަޒީރު އަމީރު ޚާން މޫތަޤީ ދާދިފަހުން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ދިޔައެވެ. މޮސްކޯގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވަނީ ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުން ޠާލިބާން އުނިކުރުމަށް ކަޒަޚްސްތާނާއި ކިރްގިސްތާނުން ނިންމުމުން އެ ކަމަށް މަރުޙަބާ ކިޔާފައެވެ. އަދި, ރަޝިޔާގެ ލިސްޓުން ވެސް ޠާލިބާނުން އުނިކުރާނެ ކަމަށް ޤަބޫލު ކުރާ ކަމުގައި ބުނެފައެވެ.

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލާ ގުޅުން ބަދަހި ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ރަޝިޔާއިން ދެކޭ ކަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސެރްގިޔޭ ލެވްރޮފް ދެކެވަޑައިގަންނަވައެވެ. އަދި, ކާބުލާ އެކު މަޝްވަރާ ކުރުންމަތީ ދެމިއޮތުމަކީ މުހިންމު ކަމެއް ކަމުގައި އޭނާ ވަނީ ދާދިފަހުން ވިދާޅުވެފައެވެ. "ޙަޤީޤަތަކީ, އަފްޣާނިސްތާނާ ގުޅޭ ކަންކަން, ކާބުލާ މަޝްވަރާ ނުކޮށް ނިންމުމަކީ ކުރެވޭނެ ކަމެއް ނޫން ކަން،" އޭނާ ވިދާޅުވެފައިވެއެވެ. ކާބުލާ އެކު ސިޔާސީ, ވިޔަފާރި އަދި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހި ކުރަމުންދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނިރުބަވެރިންގެ ޖަމާޢަތް, އައިއެސާ ދެކޮޅަށް ޠާލިބާނުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ވެސް ލެވްރޮފް ވިދާޅުވިއެވެ. އައިއެސަކީ ވެސް ނިރުބަވެރިންގެ ޖަމާޢަތްތަކުގެ ލިސްޓުގައި ރަޝިޔާއިން ހިމަނާފައިވާ ޖަމާާޢަތެކެވެ. އަދި, އެމެރިކާއިން ހިފަހައްޓާފައިވާ އަފްޣާނިސްތާނުގެ މުދަލާއި ފައިސާ ދޫކޮށްލައި, އެ ޤައުމަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ވެސް ލެވްރޮފް ވަނީ ގޮވައިލައްވާފައެވެ. މޫތަޤީ ބުނީ, އައިއެސާ ދެކޮޅަށް ޠާލިބާނުން ކުރަމުންދާ މަސައްކަތްތަކަށް ސަރަޙައްދީ ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމުގައެވެ.

ރަޝިޔާއާއި އަފްޣާނިސްތާނަކީ ހަމަނުޖެހުން ބޮޑު ތާރީޚެއް އޮތް ދެ ޤައުމެވެ. 1979ވަނަ އަހަރު ކުރީގެ ރޫސީވިލާތުގެ އަސްކަރިއްޔާއިން ވަނީ އަފްޣާނިސްތާނަށް އަރައިގަނެފައެވެ. ނަމަވެސް, 10 އަހަރުގެ ދިގު ހަނގުރާމައަކަށް ފަހު ރޫސީވިލާތުގެ ސިފައިން އަފްޣާނިސްތާނުން ފައިބާފައި ވަނީ ގިނަ ޢަދަދެއްގެ ސިފައިން މަރުވި ފަހުންނެވެ. ނަމަވެސް, ރަޝިޔާއާއި އެ ޤައުމާ އިންވެގެން އޮތް ޤައުމުތަކަށް އައިއެސްގެ ނުރައްކާ ބޮޑުވެފައިވާ ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކޮންސެޓު ބާއްވާ ތަނަކަށް އައިއެސުން ދާދި ފަހުން ދިން ނިރުބަވެރި ޙަމަލާއެއްގައި ޢާންމުންގެ 145 މީހުން މަރައިލާފައިވެއެވެ.