ޚަބަރު

"ޅަވިޔަނި ޓަރޓްލް ފެސްޓިވަލް" ނިމިއްޖެ


ނައިފަރު ޖުވެނައިލްއިން ބޭއްވި "ޅަވިޔަނި ޓަރޓްލް ފެސްޓިވަލް" ނިމިއްޖެއެވެ. 

ހޮނިހިރު ދުވަހު ނައިފަރުގައި ކުރިޔަށްދިޔަ މި ފެސްޓިވަލް ގާތްގަނޑަކަށް ބާރަ ގަޑިއިރަށް ކުރިއަށް ގެންގޮސްފައިވެއެވެ. ވެލާކަހަނބު ޙިމާޔަތްކުރުމާއި، ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ގޮތުން ނައިފަރުގެ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ނައިފަރު ޖުވެނައިލް އިން އިންތިޒާމްކޮށްގެން ނައިފަރު މެރިން ސެންޓަރގައި ކުރިއަށްގެންދިޔަ ޓަރޓްލް ފެސްޓިވަލްގައި ތިމާވެއްޓާ ގުޅުންހުރި ގިނަ ޖަމްއިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ޅ. އަތޮޅުގެ ބައެއް ރިސޯޓްތަކާއި ބައިނަލްއަޤްވާމީ ބައެއް ޖަމްއިއްޔާތަކާއި އަމިއްލަ ފަރާތްތަކުންވެސް ވަނީ މި ފެސްޓިވަލްގައި ބައިވެރިވެފައެވެ.  

img:http://s3.psmnews.mv/images/660x400/14652291599844.jpg|ޓަރޓްލް ފެސްޓިވަލްގެ ތެރެއިން / ފޮޓޯ: ނައިފަރު ޖުވެނައިލް ކްލަބް

މި ފެސްޓިވަލްގައި ޖަމްއިއްޔާތަކުން ސްޓޯލްތައް ބަހައްޓާ ތަފާތު މައުލޫމާތު ފޯރުކޮށްދީފައިވެއެވެ. އާއިލީ ހަވީރަކާއި އެކު ކުރިއަށް ގެންދިޔަ މި ފެސްޓިވަލްގައި ކުޅިވަރުގެ ތެރެއިން ތަފާތު އެކި މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. ވީހާވެސް ގިނަ ބަޔަކަށް ދަޢުވަތު ދީގެން މިހާ ކުލަގަދަކޮށް މި ފެސްޓިވަލް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވީހާވެސް ގިނަބަޔަކަށް މި މައުލޫމާތުތައް ފޯރުކޮށްދިނުންކަމަށް ނައިފަރު ޖުވެނައިލްގެ ވައިސް ޗެއާޕަރސަން މުހައްމަދު އަޙުމަދު ވިދާޅުވިއެވެ. މިއީ ފެށުމެއް ކަމަށާއި ކުރިއަށްއޮތް ތާންގައި މިއަށްވުރެ ކުލަގަދަކޮށް މި ފެސްޓިވަލް ބާއްވާނެކަމަށް މުހައްމަދު އަހުމަދު ވިދާޅުވިއެވެ.

މި ފެސްޓިވަލް ނިންމާލާފައިވަނީ ހާއްސަ ސްޓޭޖް ޝޯރއަކުންނެވެ. މި ޝޯވގައި ބޮޑުބެރުގެ އިތުރުން ނައިފަރު ހިޔަލަ ގްރޫޕްގެ ހަރަކާތްތަށް ފެނިގެންގޮސްފައިވެއެވެ.