ޚަބަރު

ދެކުނު ކޮރެއާގެ ކުންފުންޏަކަށް 52 މިލިޔަން ރުފިޔާ ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމެއް


ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑަށް 52 މިލިޔަން ރުފިޔާ ދައްކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ އެފްއޭއެމް އާއި ޓީކުއިން ކޮންސްޓްރަކްޝަންއާ ދެމެދު 2021 ވަނަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު އެއްބަސްވުމެއް ގާއިމްކުރެވުނު ކަމަށް ބުނެފައެވެ. އެ އެއްބަސްވުމުގެ ދަށުން ވިލިމާލެ އާއި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ފުޓްބޯޅަ ދަނޑުތަކުގެ އަގުތަކުގެ ގޮތުގަޔާއި، ހުޅުމާލޭގައި ކުރެވިފައިވާ ރީކޮންސްޓްރަކްޝަންގެ މަސައްކަތުގެ އަގުގެ ގޮތުގަޔާއި، އެފްއޭއެމްއިން އަންގައިގެން ގެނެވުނު ބަދަލުތަކުގެ އަގު އަދި މި މައްސަަލައިގެ ތެރޭގައި ގާނޫނީ ކަންކަން ފުރިހަމަ ކުރަން ހިނގި ޚަރަދުތަކުގެ ގޮތުގައި ޓީކުއިން ކޮންސްޓްރަކްޝަނަށް ފަންސާސް ދެ މިލިޔަން އެއް ލައްކަ ފަންސާސްހާސް ހަތަރުސަތޭކަ ސާޅީސް ރުފިޔާ، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ދައްކާ ޚަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

އެފްއޭއެމްގެ މާލީ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ވަނީ އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ މިދިޔަ އޮގަސްޓް މަހު ހަވާލުކޮށްފައެވެ.

މީގެ އިތުރުން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ހުޅުމާލޭ އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށްވެސް އިއްޔެ ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބައްސާމް އެ ދެ އެޕާޓްމަންޓް ގަތީ ކޮވިޑް-19 ގެ އެހީގެ ގޮތުގައި ރާއްޖޭގެ ކުލަބުތަކަށް ފީފާއިން ދިން ފައިސާއިން ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ސާބިތުވެފައެވެ. އެއާއެކު މާދަމާގެ ކުރިން އެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ބައްސާމުގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާއިރު، އެ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ތުހުމަތުކުރި ގޮތުގައި ބައްސާމް އަމީން އެވެނިއުއިން ދެ އެޕާޓްމަންޓް ގަތީ އެފްއޭއެމްގެ ފައިސާއިން ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް ރުފިޔާ ބޭނުންކޮށްގެންނެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގައި، ފީފާގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ފީފާއިން މީގެ ކުރިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.