ޚަބަރު

ބާޒާރުމަތީގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް !


ރޯދަމަހު ބާޒަރުމަތީގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް މުދާ އަރުވައި ބާލާ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

ބާޒާރުމައްޗަށް ގެނެވުނު ބަދަލުން ބޮޑުތަކުރުފާނު މަގު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފެށިގެން މީރުބަހުރު ބަނދަރާއި ހަމައަށް މަސްމާރުކޭޓް ދެކުނުން އޮންނަ ކަނޑިދޮންމަނިކު ގޯޅިއާއި ހަވީރީ ހިނގުން ޙުސޭނީ ގޯޅިން ފެށީގެން ފާރުކެނޑި ހިނގުމާއި ގުޅޭ ހިސާބަށް ޓްރެފިކް ކަންތަކާއި ތަކެތި އަރުވާ ބޭލުންފަދަ ކަންކަން ފުލުހުން ބަލަހައްޓަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން މިދެންނެވި މަގުތަކާއި ގުޅިފައިވާ ގޯޅިތައް ކަމުގައިވާ މުޙައްމަދު އިސްމާޢީލް ދީދީ ގޯޅިއާއި، މުޙައްމަދު އިބްރާހީމް ދީދީ ގޯޅިއާއި، ޙުސައިނީ ގޯޅި އާއި ކެނދިގަސް ހިނގުމާއި އާބުރުޒު ހިނގުމުގެ އިތުރުން ފާރުކެނޑި ހިނގުންވެސް ފުލުހުން ބަލަމުންދާނޭކަމަށް ފުލުހުން ވިދާޅުވެއެވެ. 

އަދި ރޯދަމަހުގެ ކޮންމެ ދުވަހެއްގެ 13:30 ން ފެށިގެން 18:30 އާއި ހަމައަށް މިދެންނެވި މަގުތަކާއި ގޯޅިތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު މަޑުކޮށްގެން އޮތުމާއި، މުދާ އަރުވާ ބޭލުމުގެ މަސައްކަތް ކުރުމާއި މުދާ އުފުލާ އުޅަނދު ވަނުންވެސް މަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. 

img:http://s2.psmnews.mv/images/660x400/14652185741576.jpg|ބާޒާރުމަތީގެ ޓްރެފިކް ފްލޯ ހަމަޖައްސަވާފައިވާ ގޮތް / ޗާޓް: ޕޮލިސް

މި ބަދަލާއެކު ފިހާރަތަކުން މުދާ އަރުވާ ބޭލުމާއި ފިހާރަތަކަށް ގެންނަމުދާ ފިހާތަކުގައި ޖެހުން ފަދަ ކަންކަން ހެނދުނުގެ ވަގުތުތަކުގައާއި ރޭގަނޑުގެ ވަގުތުތަކުގައި ކުރިޔަށް ގެންދަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެދިވަޑައިގެންނަވައެވެ. ބާޒާރުމައްޗަށް ގެނެވުނު ބަދަލާއެކު ވަކި ވަގުތެއްގައި މަގުތަކުގެ ޓްރެފިކް ފްލޯއަށް ބާރު ބޮޑުވާނަމަ އެވަގުތަކުގައި އެސަރަޙައްދަށް ހަތަރުފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ރާއްވަވާނޭކަމަށް ފުލުހުން ވިދާޅުވެއެވެ. 

ފުލުހުން ވިދާޅުވީ އެސަރަޙައްދުގައި އުޅަނދު ޕާކް ކުރުމަށްވެސް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. މިގޮތުން ދަތުރުވެރިންގެ މާރުކޭޓު ވަށައިގެން އޮންނަ ޕޭވްމަންޓުގައި ޕާކުރުމުގެ ފުރުޞަތު ދީފައިވާއިރު ބާޒާރަށް ވަޑައިގަންނަވާ ފަރާތްތަކަށް ހައިކޯޓު ކުރިމަތީ އޮންނަ ޕާކިންޒޯނުގައި ޕާކު ކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައިކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޒުހާން ވިދާޅުވީ ރަމްޟާންމަހު ބާޒާރުމަތި ބެލެހެއްޓުމަށް ފުލުހުންގެ ޚާޢްޞަ ޓީމުތަކެއް ޙަރަކާތްތެރިވަމުންދާނެ ކަމަށާއި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓައި ބާޒާރު ކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށާއި އެސަރަޙައްދުން ދަތުކުރައްވާ ފަރާތްތަކުގެ ލުއިފަސޭހައަށްޓަކައިކަމަށެވެ.