ޚަބަރު

ލުބްނާންގެ ހާލަތާއެކު ޣައްޒާ ޢުދުވާން ހުއްޓުވުމުގެ އުންމީދު ފަނޑުވެއްޖެ


ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާންތަކެއް ފެށުމާ އެކު މުޅި ދުނިޔޭގެ ނަޒަރު މި ވަނީ އެ ކަމަށް ހުއްޓިފައެވެ. ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ލުބްނާނަށް ބޮންއަޅަން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުން ދިޔަ ލާއިންސާނީ ޖަރީމާތަކަށް އަހަރެއް ފުރުމާ ގާތްވެފައި ވަނިކޮށެވެ.

ލުބްނާންގެ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮން އަޅަން ފެށުމަށް ފަހު, އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އެއްގަމު މަގުން އެ ޤައުމުގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ, ޤަތުލުޢާންމު ފުޅާ ކޮށްފައެވެ. ޝަހީދު ކުރަމުންދާ މީހުންގެ ޢަދަދު އިތުރު ކޮށްފައެވެ. އަދި, ދުނިޔޭގެ ލޯތައް ލުބްނާންގެ މަޞްރަހަށް އެނބުރުމާ އެކު, ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ޖައްސާފައިވާ ނިކަމެތި ހާލަތާ މެދު ދުނިޔެ ހަނދުމަނެތިފައިވާ ކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލު ކުރަން ފަށައިފިއެވެ.

ޒަޔަނިސްޓުންގެ އިތުރުން ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުން ޤަބޫލު ކުރާ ގޮތުގައި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ފަށާފައިވާ ހަނގުރާމައާ އެކު ޣައްޒާ ޢުދުވާން ނިމުމަކަށް ގެންނަން ކުރަމުންދާ މަސައްކަތްތައް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކާއި, ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރާ ޤަޠަރާއި މިޞްރުގެ އިތުރުން ޣައްޒާގެ ގިނަ ރައްޔިތުން ވެސް މި ކަމާ މެދު ޚިޔާލު ތަފާތެވެ.

"މުޅި ދުނިޔޭގެ ނަޒަރު ހުއްޓިފައި އޮތީ ލުބްނާނަށް, މާނައަކީ ޣައްޒާ ޢުދުވާން ކައިރި މުސްތަޤުބަލެއްގައި ހުއްޓައެއް ނުލާނޭ،" ޣައްޒާގެ ރައްޔިތެއް ކަމުގައިވާ 45 އަހަރުގެ ޙުސާމް ޢަލީ ބުންޏެވެ. ޣައްޒާއާއި ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ބަދަލު ހިފުމުގެ ގޮތުން އޮކްޓޫބަރު 1ވަނަ ދުވަހު އީރާނުން ވަނީ ޒަޔަނިސްޓު ދައުލަތަކަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި މިސައިލް ޙަމަލާތަކެއް ދީފައެވެ. އެ މަންޒަރު ވެގެން ދިޔައީ ޣައްޒާގެ ރައްޔިތުންނަށް އުންމީދު އައުވެގެން ދިޔަ މަންޒަރަކަށެވެ.

ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޛަޙްރީ ވިދާޅުވީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުން ދިޔަ ލާއިންސާނީ ޢުދުވާންތައް ހުއްޓައިލާނެ ކަމުގެ އެއްވެސް އުންމީދެއް ލުބްނާން ޢުދުވާން ފެށުމުގެ ކުރިން ވެސް ނެތް ކަމުގައެވެ. އަދި, ލުބްނާންގެ ބާރުގަދަ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާ ދެކޮޅަށް ޔަހޫދީ ފައުޖުން ހަނގުރާމަ އިޢުލާނު ކުރުމާ އެކު, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެންނަން ޔަހޫދީންނަށް އިތުރަށް ބާރު އެޅިގެން ގޮސްފައިވާ ކަމުގައި އޭނާ ޤަބޫލު ކުރައްވައެވެ.

ނަމަވެސް, މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން މި ކަމާ އެއްބަހެއް ނުވެއެވެ. މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރައްވާ މިޞްރުގެ ބޭފުޅެއް ކަމުގައިވާ އަޝްރަފް އަބުލްހޫލީ ވިދާޅުވީ, ޣައްޒާ ޢުދުވާން ހުއްޓުވުމަށް މިޞްރާއި ޤަޠަރުން ވިލަރެސްކޮށްގެން ފަށާފައިވާ ސުލްޙައިގެ މަޝްވަރާތަކުގެ ވާހަކަތައް މިހާރު މީޑިޔާތަކުގައި ދައްކަމުން ނުދާ ކަމުގައެވެ. އަދި, ބައިނަލްއަޤުވާމީ މައިދާނުގައި އެ ކަމަށް އޮތް ޝައުޤު ގެއްލިފައިވާ ކަމުގައެވެ. އެއާ އެކު, ޔަހޫދީ ފައުޖަށް ޣައްޒާގައި ބޭނުން ގޮތަކަށް އަމަލު ކުރުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ޤަބޫލު ކުރައްވައެވެ.

ޣައްޒާގައި ކަން ހިނގަމުން ދަނީ ވެސް އެ ގޮތަށެވެ. ޔަހޫދީ ފައުޖުން ވަނީ ޣައްޒާ ޢުދުވާން އިތުރަށް ފުޅާކޮށްފައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެކަނިވެސް ޔަހޫދީ ފައުޖުން ވަނީ ލޭއޮހޮރުވުން ބޮޑު ޤަތުލުޢާންމުތަކެއް ހިންގައި, ފަލަސްޠީނުގެ 99 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން 21 މީހަކު ޝަހީދު ކޮށްލާފައި ވަނީ އދން ހިންގާ ތިން މަދަރުސާއަކަށް ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައެވެ. ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގެ ޠުލްކަރްމުގައި ހުންނަ ރެފިއުޖީ ކޭމްޕަކަށް ވެސް ބޮންއަޅައި, ޔަހޫދީ ފައުޖުން ވަނީ އިތުރު 18 މީހުން ޝަހީދު ކޮށްލާފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވީ, ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާން ޙަމާސުން ދެކޮޅު ހަދަމުންދާ ކަމުގައެވެ. ނަމަވެސް, ޙަމާސުން އެ ކަން ދޮގު ކުރެއެވެ. އެ ޖަމާޢަތުން ބުނީ, ޔަހުދީންގެ އައު ހުށަހެޅުންތަކަކާ ގުޅިގެން މަޝްވަރާތައް މަޑުޖެހިފައިވާ ކަން އެމެރިކާއިން އޮގަސްޓު މަހު އެ ޖަމާޢަތަށް އަންގާފައިވާ ކަމުގައެވެ.

"[2023] އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީން ބުނަމުން ދަނީ, ޙަމާސުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރެވޭނީ ޙަމާސާއި ޙިޒްބުاللهއާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކޮށްގެން ކަމަށް, ނަމަވެސް, ޙަޤީޤަތަކީ އެއީ އެ ކަން ކާމިޔާބު ކުރެވޭނެ މަގެއް ނޫން،" މެދުއިރުމަތީގެ މަސްރަޙު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ނޮމީ ބަރް-ޔާކޯވް ވިދާޅުވިއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ތިންކް-ޓޭންކެއް ކަމުގައިވާ ޗެޓަމް ހައުސްގައި ދިރާސާ ކުރައްވާ ބޭފުޅެކެވެ. ލުބްނާން ޢުދުވާނާ އެކު ޣައްޒާގެ ރައްޔިތުންގެ ހާލަތުގެ މަތިން ބައިނަލްއަޤުވާމީ މުޖުތަމަޢު ހަނދުމަނެތެން ފަށާފައިވާ ކަމަށް އޭނާ ވެސް ޤަބޫލު ކުރައްވައެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ, އެ ޤައުމުގައި ނޮވެންބަރު 5ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކުގައި އެއްވެސް ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ޤަބޫލު ނުކުރާ ކަމުގައެވެ. ދާދި ފަހުން ބޭއްވި އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ޖަލްސާގެ ހަވާސާގައި ލުބްނާން ޢުދުވާން 21 ދުވަހަށް މެދުކަނޑައިލުމާ އެކުއެކީގައި ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް މެދުކަނޑައިލުމަށް ޙިޒްބުاللهން ހުށަހެޅި ކަމުގައި އެމެރިކާގެ އޮފިޝަލް ބުންޏެވެ. ނަމަވެސް, ޔަހޫދީން ވަނީ އެ ހުށަހެޅުމަށް އިންކާރު ކޮށްފައެވެ. އެއާ އެކު, ކައިރި މުސްތަޤުބަލެއްގައި ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ކުރެވޭ އުންމީދު މި ވަނީ ފަނޑުވެފައެވެ.