ޚަބަރު

މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަވައިފި


ރަމްޟާންމަހުގެ ހަވީރު ވަގުތުތަކުގައި ރޯދަ ކުރުކުރުމުގެ ގޮތުން ކުޑަކުދިންނާއި ޢާއިލާގެ މެމްބަރުންނާއި ރަޙުމަތްތެރިން އެކުގައި ބުރުޖަހާއިރު މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކަށް ސަމާލުކަން ދެއްވުމަށް ފުލުހުން އެދިވަޑައިގެންނަވައިފިއެވެ. 

ފުލުހުން ވިދާޅުވީ މަގުތަކުގެ ޓްރެފިކް ފްލޯއަށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުމަކީ ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން ކުރުން ވަރަށް މުހިއްމު ކަމެއްކަމަށެވެ. އެގޮތުން ހައުސިންގ މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީ އާއި މަޝްވަރާކޮށް ފުލުހުން ވަނީ ރަމްޟާންމަހު ކޮންމެ ދުވަހެއްގެ ހަވީރު 16:00 ން ފެށިގެން 18:30 އާއި ދެމެދުގެ ވަގުތުތަކުގައި މާލެ ވަށައި ދުއްވާ ފަރާތްތަކުން ބައެއް ސަރަޙައްދުތަކުގައި ހުޅަނގުން އިރަށް ދުއްވާ ގޮތަށް ހަމަޖައްސާފައެވެ.

img:http://s3.psmnews.mv/images/660x400/14652155345503.jpg|މަގުތަކުގެ ޓްރެފިކް ފްލޯއަށް ގެނެވުނު ބަދަލުތައް ފެންނަ ޗާޓު

މިގޮތުން ބޮޑު ތަކުރުފާނުމަގު އައިފާނު ބިލްޑިންގއިން ފެށިގެން ހެންވޭރުގެ ޓަސްކަލޫސާ އާއި ހަމައަށް އެއްކޮޅަށް ދުއްވޭ ގޮތަށް ބަދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން ބާޒާރުމަތި ހިމެނޭ ސަރަޙައްދުތަކުގައިވެސް ކުރިއެކޭ އެއްގޮތަށް އެކޮޅަށް ދުއްވާގޮތަށް ވަނީ ހަމަޖައްސާފައިކަމަށް ފުލުހުން ވިދާޅުވެއެވެ. 

މި ބަދަލުތައް ގެެސްފައިވަނީ ރައްޔިތުންގެ ރައްކާތެރިކަން ހުރިހާ ވަގުތެއްގައިވެސް ދަމަހައްޓައި އުފާވެރި މާޙައުލެއްގައި ހުރިހާ ފަރާތްތަކަށްވެސް ރަމްޟާންމަހުގެ ވަގުތުތައް ހޭދަކުރުމަށް ފުރުޞަތު ތަނަވްސްކޮށްދީ މަގުތަކުގެ ތަރުތީބު ދަމަހައްޓައި މަގުތައް އަމާންކަމާއެކު ބޭއްވުމަށްކަމަށް ފުލުހުން ވިދާޅުވެއެވެ.