ޚަބަރު

ޔަހޫދީންގެ ޢުދުވާނާއެކު ލުބްނާންގެ ޢާންމުން ވަނީ މުސީބާތެއްގައި ޖެހިފައި: އދ


ލުބްނާންގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކާ ގުޅިގެން އެ ޤައުމުގެ ޢާންމު ރައްޔިތުން މުސީބާތެއްގައި ޖެހިފައިވާ ކަމުގައި އދގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ލުބްނާންގެ ޢާންމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. ޢުދުވާނުގެ ދަށުން އެ ޤައުމުގެ ޢާންމުންގެ ގެދޮރަށް ބޮންއަޅަން ފެށުމަށް ފަހު ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން އޮކްޓޫބަރު 1ވަނަ ދުވަހު ވަނީ އެ ޤައުމުގެ ދެކުނުގެ ރަށްތަކަށް އެއްގަމު މަގުން އަރައި ޢުުދުވާން ފުޅާ ކޮށްފައެވެ.

ލުބްނާންގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ޢިމްރާން ރީޒާ ވިދާޅުވީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން އެ ޤައުމުގައި މިލިޔަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމުގައެވެ. އަދި, މީގެ ކުރިން އަންދާޒާ ކުރެވިފައިި ނުވާ ޢަަދަދެއްގެ މީހުން, ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެދޮރު ނެތި, މުސީބާތެއްގައި ޖެހިފައިވާ ކަމުގައެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ހިތަށް ގެންނަން ދަތި މިންވަރެއްގެ ގެއްލުންތަކެއް ލުބްނާންގެ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަަސީލަތްތަކަށް ދީފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

"ސެޕްޓެންބަރު 23ން ފެށިގެން އަޅުގަނޑުމެންގެ ލޮލަށް ފެންނަމުން މި ދަނީ ބޮޑު މުސީބާތެއްގެ މަންޒަރުތައް. ލުބްނާންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިރުވެރިކަމާއި އަނިޔާ އޮތީ އިންތިހާއަށް ބޮޑުވެފައި،" ރީޒާ ވިދާާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި ވަނީ, އެންމެ ދުވަހެއްގެ ތެރޭގައި ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކުގައި 500އަށްވުރެ ގިނަ މީހުން އެއް ފަހަރާ ޝަހީދުކޮށްލި އަނިޔާވެރި ޙަމަލާތަކަށެވެ.

ލުބްނާންގެ ސަރުކާރުން ބުނީ, އެ ޤައުމުގެ ދެކުނާއި, އަލް-ބިޤާޢު ވާދީގެ އިތުރުން ވެރިރަށް ބައިރޫތުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ ކަމުގައެވެ. އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަން މަސައްކަތް ކުރަމުންދިޔަ މީހުންނަށް އަމާޒުކޮށް ޙަމަލާދީ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމުގައި ލުބްނާނުން ހާމަކުރިއެވެ.

"ރައްކާތެރިކަން ހޯދޭނެ ގޮތެއް ނެތިގެން ލުބްނާންގެ ރައްޔިތުން ދަނީ އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރަމުން. ނަމަވެސް, [ޔަހޫދީ ފައުޖުން] ދަނީ އެ މީހުންނަށް ވެސް ޙަމަލާ ދެމުން،" ރީޒާ ކަށަވަރު ކޮށްދެއްވިއެވެ. ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ލުބްނާންގެ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން 97 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އަދި, އިންސާނިއްޔަތު ކަމާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޔަހޫދީން ޚިލާފުވަމުންދާ ކަމުގައި ކަން ވެސް އޭނާ ހާމަ ކުރެއްވިއެވެ.

"މި ޢުދުވާނުގެ ތެރެއިން ހަނގުރާމައިގެ ޤާނޫނުތަކަށް އިޙުތިރާމު ކުރަން އަޅުގަނޑުމެން މި ދަނީ ގޮވައިލަމުން. ނަމަވެސް, ޙަޤީޤަތަކީ އަޅުގަނޑުމެންނަށް ފެންނަމުން މި ދަނީ އެންމެން ގާތަށް ދުވެ, ޢާންމު ރައްޔިތުންގެ ފުރާނައަށް އިޙުތިރާމުކޮށް ރައްކާތެރި ކޮށްދިނުމަށް އާދޭސް ކުރަން ޖެހިފައިވާ މަންޒަރު،" ރީޒާ ވިދާޅުވިއެވެ.

މިއީ, 2006ވަނަ އަހަރު ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ކުރި 34 ދުވަހުގެ ހަނގުރާމައަށް ފަހު ލުބްނާންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި އަދި ބިރުވެރި ހާލަތެވެ. ޔަހޫދީންގެ ޢުދުވާންތަކުގައި ނިކަމެތި ކޮށްލާފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލުބްނާންގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މީޤާތީ ވަނީ ބޭރުގެ އެހީއަށް އެދިވަޑައިގަންނަވާފައެވެ. ރީޒާ ވިދާޅުވީ, އެ ކަމަށް 426 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވާނެ ކަމުގައެވެ.

ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތައް ފަށާފައި ވަނީ ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައެވެ. ޙިޒްބުاللهގެ އަސްކަރީ އޮޕަރޭޝަން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތަަށް ވާގިވެރިވެ, ޔަހޫދީންގެ ޢުދުވާން ހުއްޓުމަކަށް ގެންނަން ބާރު އެޅުމެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ 37 މީހުން ޝަހީދު ކޮށްލައި, އިތުރު 151 މީހުން ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.