ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ރަޙުމު ކުޑަ ޙަމަލާތަކެއްދީ 18 މީހުން ޝަހީދު ކޮށްލައިފިއެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ޠުލްކަރްމު ރެފިއުޖީ ކޭމްޕަށް ދިން ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން ބުނީ އެ ޙަމަލާތަކުގައި, ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ޒާހީ ޔާސިރު ޢައްބުއްރާޒިޤް ޢޫފީ ޝަހީދު ކޮށްލާފައިވާނެ ކަމުގައެވެ. ޙަމާސުން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު ވަނީ ހުޅަނގު އައްސޭރީގައި އެތައް ހާސް ޢާންމުން ދިރިއުޅޭ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުުން ދީފައިވާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި, ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވައިލާފައެވެ.
ފަލަަސްޠީން ސަރުކާރުގެ ތަރުޖަމާނު ބުނީ, ޔަހޫދީންގެ މެދުކެނޑުމެއް ނެތް ލާއިންސާނީ ޢުދުވާންތަކާ ގުޅިގެން އެއްވެސް ބަޔަކަށް ސުލްޙައާއި ހަމަޖެހުން ނުގެނެވޭނެ ކަމުގައެވެ. އަދި, ޢުދުވާންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެ, ލޭއޮހޮރުވުން ބޮޑު ހަނގުރާމައަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށި ފަހުުން ހުޅަނގު އައްސޭރީގައި ހިންގާ ޤަތުލުޢާންމުތައް ވެސް ވަނީ އިތުރު ކޮށްފައެވެ. އަދި, ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ކޮންމެ ދުވަހަކު ވެސް ދަނީ ހުޅަނގު އައްސޭރީގެ ރަށްތަކާއި ރެފިއުޖީ ކޭމްޕުތަކަށް ރެއިޑުކޮށް, މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދެމުންނެވެ. އެ ޢުދުވާންތަކުގައި ހުޅަނގު އައްސޭރިން ހައްޔަރަށް ގެންގޮސްފައިވާ މީހުންގެ ޢަދަދު ހާހުން ގުނާލެވެއެވެ.
ލުބްނާނުގެ ވެރިރަށް ބައިރޫތަށް ދިން ނިރުބަވެރި ވައިގެ ޙަމާލަތަކެއްގައި ވެސް ޔަހޫދީ ފައުޖުން ވަނީ އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އިސް އޮފިޝަލެއް ޝަހީދު ކޮށްލަން މަސައްކަތް ކޮށްފައެވެ. ޔަހޫދީ ފައުޖުގެ ޙަމަލާތަކުގައި އެ ޖަމާޢަތުގެ ހާޝިމް ޞަފީއްދީން ޝަހީދު ކޮށްލާފައިވާ ކަމުގައި އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސުން ރިޕޯޓު ކުރިއެވެ.
ސެޕްޓެންބަރު 28ވަނަ ދުވަހު ބައިރޫތަށް ދިން ނިރުބަވެރި ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލާފައެވެ. އޭނާގެ ބަދަލުގައި ދެން އެ ޖަމާޢަތުގެ ވެރިކަމުގެ ޒިންމާތަކާ ޙަވާލުވެ ވަޑައިގަންނަވާނީ ޞަފީއްދީން ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. އޭނާ ޝަހީދު ކޮށްލާފައިވާ ކަން ޙިޒްބުاللهން ކަށަވަރު ކޮށްދީފައެއް ނެތެވެ.
ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ލުބްނާނުގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,000އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަން ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 9,000އަށް އަރައެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ 37 މީހުން ޝަހީދު ކޮށްލައި, އިތުރު 151 މީހުން ޒަޚަމު ކޮށްލާފައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,788އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 96,794އަށް މީހުން ޒަޚަމު ކޮށްލާފައެވެ.