ޚަބަރު

ޓާ ސްޓެގެން އާއި ނޯޔާ ނެތި ޖަރުމަނުން އައު ކީޕަރަކަށް ފުރުސަތުދެނީ


މާކް އަންދްރޭ ޓާ ސްޓެގެން އާއި މެނުއެލް ނޯޔާ ނެތުމުން، ކުރިއަށް އޮތް ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ޖަރުމަނުން ނެގި ސްކޮޑުން ގައުމީ ޓީމަށް މިހާތަނަށް މެޗެއް ކުޅެފައިނުވާ ތިން ގޯލްކީޕަރަކު ހިމަނައިފިއެވެ.

ބާސެލޯނާގެ އެއްވަނަ ކީޕަރު، ޓާ ސްޓެގެން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހިފައިވާއިރު، ޖަރުމަނުގެ ކުރީގެ އެއްވަނަ ކީޕަރު، މެނުއެލް ނޯޔާ އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފައެވެ.

މިއާއެކު، ޖަރުމަނުން ވަނީ ހޮފެންހެއިމްގެ އޮލިވާ ބައުމަން އާއި ސަލްޒްބާގްގެ ޔަނިސް ބްލަސްވިޗް އަދި ސްޓުޓްގާޓްގެ އަލެގްޒެންޑާ ނޫބެލް އަށް މި ފަހަރުގެ ސްކޮޑުން ފުރުޞަތު ދީފައެވެ. މި ތިން ކުޅުންތެރިންނަކީ މީގެކުރީން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނުނަމަވެސް މެޗެއް ކުޅެފައިނުވާ ކުޅުންތެރިންނެވެ.

މި ފަހަރުގެ ޖަރުމަނު ސްކޮޑުން މުޅިން އަލަށް ޖާގަ ލިބުނު ކުޅުންތެރިއަކީ، ބޮރޫޝިއާ މުންޗެންގްލަޑްބަކްގެ އުމުރުން 29 އަހަރުގެ ފޯވާޑް، ޓިމް ކްލެއިންޑިއެންސްޓް އެވެ. އަދި މިދިޔަ ނޮވެންބަރު މަހުގެ ފަހުން އަނިޔާގެ ސަބަބުން ގައުމީ ޓީމަށް މެޗެއް ކުޅެފައިނުވާ ބަޔާން މިއުނިކްގެ ވިންގް، ސާޖް ގްނާބްރީ ވަނީ އަލުން ޓީމުގައި ހިމެނިފައެވެ.

ނޭޝަންސް ލީގުގައި ޖަރުމަނުން ދެން ކުޅޭ މެޗުގައި މިމަހުގެ 11 ވަނަ ދުވަހު ރަށުން ބޭރުގައި ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ބައްދަލުކުރާއިރު، އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ.