ޔުއެފާ ކޮންފަރެންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމްގެ ގެންޓް އަތުން 4-2 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވެއްޖެއެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗަށް ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ޓީމު ނެރެފައިވަނީ 11 ބަދަލާއެކު މުޅިން ތަފާތު ޓީމެކެވެ. އެގޮތުން މަރެސްކާ ވަނީ ޗެލްސީގައި އޮތް ބޮޑު ސްކޮޑުގެ ފައިދާ ނަގައި، ޓީމުގައި ހިމެނޭ މަޝްހޫރު މޮޅު ކުޅުންތެރިންނަށް އަރާމުކުރަން ފުރުސަތު ދީފައެވެ.
ބަދަލު ކުޅުންތެރިންނާއެކު ޗެލްސީން މި މެޗު ކުޅުނު ނަމަވެސް، މެޗުގެ 12 ވަނަ މިނިޓުގައި މިޚައިލޯ މުޑްރިކް ދިން ޕާހަކުން ރެނާޓޯ ވެއިގާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އެއާއެކު ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެ ނިންމާލާފައިވާއިރު, ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓްގައި ޕެޑްރޯ ނެޓޯ ވަނީ އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން ގެންޓްގެ ސުޔޯޝީ ވަތަނަބޭ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ އުއްމީދުތައް އައުކޮށްދީފައެވެ. މި މެޗުގައި ޗެލްސީން އަލުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 63 ވަނަ މިނިޓުގައި ރެނާޓޯ ވެއިގާގެ އެސިސްޓަކުން ކްރިސްޓޮފާ އެންކުންކޫ ކާމިޔާބުކޮށްދިންއިރު, މިއީ މި ސީޒަނުގައި އޭނާ ޗެލްސީއަށް ޖަހައިދިން ހަތްވަނަ ލަނޑެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޑިއުސްބަރީ ހޯލްއަށް ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތެއް ނަގާލާފައިވީ ނަމަވެސް، މެޗުގެ 70 ވަނަ މިނިޓުގައި އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފައެވެ. އެކަމަކު މެޗުގެ ފަހު މިނިޓްގައި ގެންޓްގެ ގަންޑެލްމަން ވަނީ އިތުރު ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ.
ކޮންފަރެންސް ލީގުގެ ފޯމެޓަށް ބަދަލު ގެނެސްފައިވާއިރު ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ ގަދަ އަށެއްގައި ހިމެނޭ ޓީމުތަކަށް ނޮކްއައުޓް ބުރުން ޖާގަ ލިބިގެންދާނެއެވެ. އަދި ގަދަ 16 އަށް ދާ އަނެއް 8 ޓީމު ކަނޑައެޅިގެންދާނީ ޕްލޭއޮފް މެޗުތަކެއް ކުޅުމަށްފަހުގައެވެ.
ކޮންފަރެންސް ލީގުގައި ޗެލްސީ ވާދަކުރަމުންދާއިރު މީގެ ކުރިން އެ ޓީމު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.