ޚަބަރު

ހަތް އަހަރަށްފަހު ސޮލާންކޭއަށް އިނގިރޭސި ގައުމީ ޓީމުން ފުރުސަތުދީފި


ޔުއެފާ ނޭޝަންސް ލީގުގައި މި މަހު ގްރީސް އާއި ފިންލަންޑާ ދެކޮޅަށް އިންގްލަންޑުން ކުޅޭ ދެ މެޗަށް އެކުލަވާލި ސްކޮޑުން ހަތް އަހަރަށްފަހު ޓޮޓްނަމް ހޮޓްސްޕާގެ ފޯވާޑް ޑޮމިނިކް ސޮލާންކޭއަށް ފުރުސަތުދީފިއެވެ.

އިންގްލަންޑްގެ ކޯޗުކަމުން ގެރެތު ސައުތުގޭޓް ވަކިވުމުން ވަގުތީ ގޮތުން ކޯޗު ކަމާ ހަވާލުވެހުރި ލީ ކާސްލީގެ އިރުޝާދުގެ ދަށުން އިންގްލަންޑް ކުޅެމުންދާއިރު, ސޮލާންކޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ 2017 ވަނަ އަހަރު ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސޮލާންކޭ ގައުމީ ޓީމަށް ނެގުމަށްފަހު ކާސްލީ ބުނެފައިވަނީ އެންމެ ފަހުން ނެގި ސްކޮޑުގައިވެސް އޭނާ ހިމެނުމަށް ނިންމި ކަމަށާއި، ނަމަވެސް ސޮލާންކޭއަށް ލިބުނު އަނިޔާގެ ސަބަބުން އެ ފަހަރު ސްކޮޑުގައި ހިމަނާފައިނުވާ ކަމަށެވެ. އަދި ބޯންމަތުގައި އޭނާ މޮޅު ކުޅުމެއް ދެއްކުމަށްފަހު މިހާރު ޓޮޓްނަމްގައި އެފަދަ މޮޅު ކުޅުމެއް ދައްކަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ސޮލާންކޭއަށް ފުރުސަތު ދީފައިވާއިރު ކާސްލީ ވަނީ އެންމެ ފަހުން ސްކޮޑުގައި ނުހިމެނޭ ކައިލް ވޯލްކާއަށްވެސް މި ފަހަރުގެ ސްކޮޑުން ފުރުސަތު ދީފައެވެ. އަދި އަނިޔާގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހު ސްކޮޑުގައި ނުހިމެނޭ ޖޫޑް ބެލިންހަމްވެސް ވަނީ ސްކޮޑަށް ނަގާފައެވެ.

މި ފަހަރުގެ ސްކޮޑުން ފުރުސަތު ނުލިބޭ ކުޅުންތެރިންގެ ތެރޭގައި އެސްޓަން ވިލާގެ މޯގަން ރޮޖާސް އާއި، މެންޗެސްޓާ ޔުނައިޓެޑްގެ ހެރީ މެގުއާ އާއި، ޓޮޓްނަމްގެ ޖޭމްސް މެޑިސަންގެ އިތުރުން ކްރިސްޓަލް ޕެލަސްގެ އެބެރެޗީ އެޒޭ ހިމެނެއެވެ.

ކާސްލީގެ އިރުޝާދުގެ ދަށުން ނޭޝަންސް ލީގުގައި ފިންލަންޑާއި އަޔަލަންޑާއި ދެކޮޅަށް އިންގްލަންޑުން މީގެ ކުރިން ކުޅުނު ދެ މެޗު އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.