ޚަބަރު

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ޓީމުތައް ކްރިކެޓް މެޗު ކުޅެން ރާއްޖެ އަންނަނީ


ކްރިކެޓް މެޗުތަކެއް ކުޅުމަށް އިނގިރޭސިވިލާތުގެ ޓީމަކާއި އޮސްޓްރޭލިއާގެ ޓީމެއް ރާއްޖެ އަންނަ ގޮތަށް ތާވަލުކުރެވިފައިވާ ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ބުނެފިއެވެ.

ޕީއެސްއެމް އިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކްރިކެޓް ބޯޑުގެ ނައިބު ރައީސް އަޙްމަދު އިސްހާގު ވިދާޅުވީ ނިމިގެންދިޔަ އިންތިޚާބުގައި ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ފައިސަލްގެ ޓީމުގެ ޕްރޮޕޯސަލާ އެއްގޮތަށް، ބޭރުގެ ޓީމުތައް ރާއްޖެ ގެނެސް މެޗުތައް ކުޅުމަކީ ވައުދެއް ކަމަށެވެ.

އިސްހާގު ވިދާޅުވީ މި ހިނގާ ދައުރުގައި އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކްރިކެޓް ތައާރަފުކުރުން ކަމަށާއި، ޚާއްސަކޮށް ފުވައްމުލަކަށް އަމާޒުކޮށް ގިނަ ޕްރޮގްރާމުތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި މި ވަގުތު އޮތް ހަމައެކަނި ބައިނަލްއަގުވާމީ ފެންވަރުގެ ކްރިކެޓް ދަނޑު އޮތީ ފުވައްމުލަކުގައިކަން ފާހަގަކުރައްވަމުން އިސްހާގު ވިދާޅުވީ ރަސްމީ ސިފައެއްގައި މިހާތަނަށް ޕްރޮގްރާމުތައް ހިންގިފައި ނެތުމުން، އެންމެ މުހިންމު އޭރިއާއަކަށް އެ ސަރަހައްދު ވެގެންދާނެ ކަމަށެވެ. އެގޮތުން މި ދައުރުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފުވައްމުލަކު ދަނޑު އިތުރަށް ތަރައްގީކޮށް، އެ ތަނުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވުމަށް ކަމަށްވެސް އިސްހާގު ވިދާޅުވިއެވެ.

"މި ވަގުތުވެސް އަޅުގަނޑުމެންނާ އެގްރީވެފައި އެބައޮތް އިނގިރޭސިވިލާތުގެ ދެ ޓީމެއް އަންނަ އަހަރު ކްރިކެޓް ކުޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައި." އިސްހާގު ވިދާޅުވިއެވެ.

އިސްހާގު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ 11 އަދި 13 ވަނަ ދުވަހު އިނގިރޭސިވިލާތުގެ 40 އަހަރުން މަތީގެ ކްރިކެޓް ޓީމެއް މެޗުތަކެއް ކުޅުމަށް މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 2026 ވަނަ އަހަރު އޮސްޓްރޭލިއާގެ ޓީމެއް ކްރިކެޓް މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ދަތުރުކުރާ ގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އޮސްޓްރޭލިއާގެ ކުލަބުގެ ދަތުރަކީ އެ ކުލަބުން ކުރިއަށްގެންދާ ޓުއާގެ ތެރެއިން ރާއްޖޭގައި ކުޅުމަށް ހަމަޖެހިފަވާ މެޗުތަކެއް ކަމަށްވެސް ވިދާޅުވިއެވެ. މި ހުރިހާ ކަމަކާ އެއްކޮށް ފުވައްމުލަކު ދަނޑު ބައިނަލްއަގުވާމީ ގޮތުން ހުޅުވާލުމަކީ އެންމެ ބޮޑު އަމާޒު ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިސްހާގު ވަނީ މި މަހު ބޫޓާންގައި އަލަށް އެޅި ކްރިކެޓް ދަނޑު ހުޅުވުމަށް ރާއްޖޭގެ ގައުމީ ޓީމަށް ދައުވަތުދީގެން، މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

"މި މެޗަށް ދާއިރު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުވައްމަލު ތިން ކުދިން ގައުމީ ޓީމުގައި ހިމެނުން. އެއީ ދެން ވަރަށް އުފާވެރި ޚަބަރެއް. މއީ ފުވައްމަލަކަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފެއް، ފުވައްމުލަކުން އުފެދިގެން އައި ކުދިން ގައުމީ ޓީމަށް ކުޅުން." އިސްހާގު ވިދާޅުވިއެވެ.