ދީން

ތޮއްޑޫގައި ބިނާކޮށްފައިވާ އެންމެ ބޮޑު މިސްކިތް ހުޅުވައިފި


އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި އިމާރާތްކޮށްފައިވާ އެންމެ ބޮޑު މިސްކިތް، މަސްޖިދު ޢާއިޝާ ރަސްމީކޮށް ހުޅުވައިފިއެވެ.

މަސްޖިދު ޢާއިޝާ  ހުޅުވައިދެއްވީ އެމިސްކިތުގެ ނަން ނިސްބަތްވާ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢާއިޝާގެ ބައްޕަ ހަސަން ޒަރީރެވެ.

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި އަލަށް ޤާއިމްކުރެވުނު 1850 މީހުންހުންގެ ޖާގައިގެ މިމިސްކިތް މިއަދު މެންދުރު ނަމާދަށް ހުޅުވާފައިވާއިރު، މިސްކިތުގައި އެންމެ ފުރަތަމަ އިމާމްވެ ނަމާދުކުރެއްވީ އައްޝައިޚް އިލްޔާސް ހުސައިންއެވެ. މިނަމާދުގައި ތޮއްޑޫގެ ގިނަ އަދަދެއްގެ އާންމުރައްޔިތުންވަނީ ބައިވެރިވެފައެވެ.

މިސްކިތް ހުޅުވި ރަސްމިއްޔާތުގައި ވާހަކަދައްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނު އުއްމީދުކުރައްވަނީ ރައްޔިތުން މިފަދަ ތަންތަނުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށެވެ. އަދި މަސްޖިދު އައިޝާ އިމާރާތްކުރުމަށް ގިނަ ދުވަސްތަކެއް ނެގީ އެންމެ ޒަމާނީފެންވަރަށް ކޮލެޓީ ރަނގަޅުކޮށް ބިނާކުރެއްވުމަށްކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހީމް ވިދާޅުވީ، ތޮއްޑޫގައި އަލަށް ހުޅުވިގެންދިޔަ ތަނަވަސް މިސްކިތަކީ ރަށުގެ ރައްޔިތުންނަށްޓަކައި ގާސިމް އިބްރާހީމް ވެދެއްވާފައިވާ ވަރަށްބޮޑު އެހީއެއްކަމަށެވެ. ތޮއްޑޫގެ ރައްޔިތުންވެސް ވަނީ މިމިސްކިތަކީ ޖާގައިގެ ގޮތުން ބޮޑު މިސްކިތަކަށްވެފައި މިސްކިތް ބޭނުން ކުރަން ފެށުމަކީ ރަށަށް ލިބުނު ކުރިއެރުމެއްކަމަށެވެ.

މަސްޖިދު ޢާއިޝާ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އައްޝައިޚް އިލްޔާސް ޙުސައިނާއި އިސްލާމިކް އެފެއާޒް މިނިސްޓަރުގެ ނައިބު ޝައިޚް އިބްރާހީމް އަޙްމަދު ވަނީ މި މިސްކިތުގައި ދަރުސް ދެއްވާފައެވެ.

މަސްޖިދު ޢާއިޝާއަކީ ތޮއްޑޫގައި ހުޅުވުނު ހަތަރުވަނަ މިސްކިތެވެ.