ޖަޕާންގެ ހުޅަނގުދެކުނުގައި އޮތް ކިޔޫޝޫގެ މިޔަޒަކީ ވައިގެ ބަނދަރުގައި ބޮމެއް ގޮވުމާ ގުޅިގެން ވައިގެ ބަނދަރު ބަންދުކޮށްފިއެވެ. މިޔަޒަކީ ވައިގެ ބަނދަރުގައި ގޮވާފައި ވަނީ, މަތިންދާބޯޓުތައް ރަންވޭއަށް ދަތުރު ކުރަން އޮންނަ ޓެކްސީވޭގެ ދަށުގައި ވަޅުލެވިފައި އޮތް ބޮމެކެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް, އަދި އެއްވެސް މަތިންދާބޯޓަކަށް ވެސް ގެއްލުން ލިބިފައެއް ނުވެއެވެ.
ޖަޕާނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ, ބޮން ގޮވުމާ އެކު, ވައިގެ ބަނދަރުގެ ޓެކްސީވޭގައި 23 ފޫޓު ފުން ވަޅުގަނޑެއް ހެދި, ޓެކްސީވޭއަށް ބޮޑު ގެއްލުމެއް ލިބުނު ކަމުގައެވެ. ޖަޕާނުގެ އަސްކަރިއްޔާއިން ކުރި ދިރާސާތަކަށް ފަހު, މިޔަޒަކީގެ ވައިގެ ބަނދަރުގައި ގޮވާފައި ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ވައްޓައިލާފައި އޮތް ނުރައްކާތެރި ބޮމެއް ކަން ވަނީ ކަށަވަރު ކޮށްފައެވެ. ރަންވޭ ބިނާ ކުރި އިރު, އެ ބޮން އޮތީ ޓެކްސީވޭގެ ދަށުގައި ވަޅުލެވިފައެވެ.
ބޮން ގޮވި ވަގުތުގެ ވީޑިޔޯއިން ފެންނަނީ, އެ ހާދިސާ ހިނގުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން މަތިންދާބޯޓެއް އެ ސަރަޙައްދު ހުރަސްކޮށް ދުއްވާފައިދާ މަންޒަރެވެ. މި ހާދިސާއާ ގުޅިގެން ވައިގެ ބަނދަރު ވަގުތީ ގޮތުން ބަންދުކޮށް, 87 އުދުހުމެއް ކެންސަލް ކުރަން ޖެހުނެވެ. ޖަޕާން ސަރުކާރުގެ ކެބިނެޓް ސެކްރެޓަރީ އަދި ތަރުޖަމާނު ޔޮސިމަސަ ހަޔަސީ ވިދާޅުވީ, ބޮމުގެ ހާދިސާގައި ޓެކްސީވޭއަށް ލިބިފައިވާ ގެއްލުން މަރާމާތު ކުރުމުގެ މަސަައްކަތް ފަށާފައިވާ ކަމުގައެވެ. އަދި, ވީއެންމެ އަވަހަކަށް އެ މަސައްކަތް ނިންމައި, ވައިގެ ބަނދަރު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
މި ހާދިސާއާ ގުޅިގެން ކިޔޫޝޫން އޯސަކާ, ފުކުއޯކާ އަދި ވެރިރަށް ތޯކިޔޯއަށް ކުރަން ހަމަޖެހިފައި އޮތް ގިނަ ޢަދަދެއްގެ ދަތުރުތައް ކެންސަލް ކުރިއެވެ. ކިޔޫޝޫގެ އިރުދެކުނު އައްސޭރިފަށުގައި އޮންނަ މިޔަޒަކީ ވައިގެ ބަނދަރަކީ, ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޖަޕާނުގެ އަސްކަރިއްޔާއިން ކަނޑުގެ ސިފައިންގެ މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރި ތަނެކެވެ. އެ ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން އެ ސަރަޙައްދަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައިވެއެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއިން އެމެރިކާއިން ޖަޕާނަށް ދިން ޙަމަލާތަކުގައި ބޭނުން ކޮށްފައިވާ ގިނަ ޢަދަދެއްގެ ބޮންތައް އަދިވެސް ދަނީ ފެންނަމުންނެވެ. ޖަޕާނުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ, އެ ފަދަ ބޮންތަކެއް މިޔަޒަކީ ވައިގެ ބަނދަރުން މީގެ ކުރިން ވެސް ފެނިފައިވާ ކަމުގައެވެ. ޖަޕާނުގެ ދިފާޢީ އިދާރާއިން ބުނީ, އެ ފަދަ 2,348 ބޮން ހުސްވި އަހަރު ނައްތައިލާފައިވާނެ ކަމުގައެވެ. ނައްތައިލާފައިވާ ބޮންތަކުގެ ބަރުދަން 37.5 ޓަނަށް އަރައެވެ.