އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ޒަޔަނިސްޓު ދައުލަތަށް ދަތުރު ކުރުން މަނާކޮށްފިއެވެ. ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން އިސްރާއީލަށް އެތެރެވުން ގުތެރޭޝަށް މަނާ ކޮށްފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ޚާރިޖީ ވަަޒީރު އިސްރައެލް ކަޓްޒެވެ. އޭނާ ބުނީ, ގުތެރޭޝާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ނިންމާފައި ވަނީ, އީރާނުން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދިނުން ކުށްވެރި ކޮށްފައި ނެތުމުންނެވެ.
180 ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޒަޔަނިސްޓު ރަށްތަކުގައިވާ ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޙަމަލާ ދީފައި ވަނީ އޮކްޓޫބަރު 1ވަނަ ދުވަހުއެވެ. އޭގެ ތެރެއިން ގިނަ މިސައިލްތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް, ގިނަ ޢަދަދެއްގެ މިސައިލްތައް އޭގެ އަމާޒަށް ވާސިލުވިއެވެ. އަދި, ޔަހޫދީ ފައުޖުގެ އަމާޒުތަަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
އައިއާރްޖީސީން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢަައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އައިއާރްޖީސީގެ ޙަމަލާތަކާ ގުޅިގެން ގުތެރޭޝްގެ އޮފީހުން ކުރު ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި އޭނާ ވަނީ, މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވަމުންދާތީ އެ ކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި, ކޮންމެ ޙަމަލާއަކަށް ފަހު ރަައްދު ޙަމަލާތައް ދެމުންދާ ކަން ފާހަގަ ކުރައްވައި, އެ ކަމާ މެދު ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ޔަހޫދީންގެ ރުޅިގަނޑު ފަޅައިގެން ގޮސްފައި ވަނީ, ގުތެރޭޝްގެ ބަޔާނުގައި އީރާނުގެ ނަންގަނެފައި ނެތުމާއި, އީރާނުގެ ޙަމަލާތައް ކުށްވެރި ކުރާކަމަށް ވިދާޅުވެފައި ނެތުމުންނެވެ.
ކަޓްޒް ބުނީ, އެ ކަމާ ގުޅިގެން ގުތެރޭޝާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި, އޭނާއަށް އިސްރާއީލުގެ އެއްވެސް ރަށަކަށް އެތެރެ ނުވެވޭނެ ކަމުގައެވެ. އަަދި, ގުތެރޭޝްގެ އެއްބާރުލުމާ ނުލައިވެސް, މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުރިއަށް ގެންދާނެ ކަމުގައެވެ.
ޔަހޫދީންގެ މި އަމަލާ މެދު, އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ސިފަ ކުރެއްވި ގޮތުގައި, އެއީ ޔަހޫދީން އަޅާފައިވާ ހަރުދަނާ ފިޔަވަޅެއް ނޫނެވެ. އަދި, އެ ފަދަ ފިޔަވަޅުތަކާ އެކު ބައިނަލްއަޤުވާމީ މަސްރަޙުގައި ޔަހޫދީންގެ އަގުވެއްޓެމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.
"އދން އެ ދަނީ [ފަލަސްޠީނުގެ] ޣައްޒާގައި ވަރަށް ފުރިހަމަ, މުހިންމު މަސައްކަތްތަކެއް ކުރަމުން. އެ ސަރަޙައްދުގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން. އދ, އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރާއިރު, އެއީ ސަލާމަތާއި ސުލްޙަ ދަމަހައްޓަން ވަަރަށް މުހިންމު ދައުރެއް އަދާ ކުރާ އިދާރާއެއް،" މިލަރ ވިދާޅުވިއެވެ.
ގުތެރޭޝް އިސްރާއީލުގެ ރަށްތަކަށް އެރުން މަނާ ކުރުމުން އދން ވެސް ވަނީ ނުރުހުން ފާޅުކޮށް, ޔަހޫދީންގެ އެ އަމަލު ކުށްވެރި ކޮށްފައެވެ. އދގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ "މިއީ, އދގެ މުވައްޒަފުންނާ މެދު އިސްރާއީލުގެ ސަރުކާރުން އަމަލު ކުރަމުންދާ ގޮތް ހާމަވާ އިތުރު ޙަމަލާއެއް" ކަމުގައެވެ. އަދި, އދގެ މުވައްޒަފުން އެއްވެސް ޤައުމަކަށް އެރުން މަނާ ކުރުމަކީ އެ އިދާރާއިން ބަލައިގަންނާނެ ފިޔަވަޅެއް ނޫން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އދގެ ސަލާމަތީ މަޖިލީހުގެ ބައްލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ފަހުން ވަނީ އީރާނުގެ ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ, އޭޕްރިލް މަހު އީރާނުން އިސްރާއީލަށް ދީފައިވާ ޙަމަލާތަކޭ އެއް ފަދައިން, އެންމެ ފަހުން ދީފައިވާ ޙަމަލާތައް ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމުގައެވެ. އީރާނުން އަމަލުތައް ގުތެރޭޝް ކުށްވެރި ކުރައްވާފައިވީ ނަމަވެސް, މެދުއިރުމަތީގެ ޤައުމުތަކުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވަން އދއަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.