ވިޔަފާރި

ފިޔާ، ބިސް އަދި އަލުވި ރަމަޟާން މަސް ނިމެންދެން ލިބެން ހުންނާނެ


އެސްޓީއޯއިން ރަމަޟާންމަހަށް ޚާއްޞަކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ފިޔާ، ބިސް އަދި އަލުވި އެއްވެސް ދަތިކަމެއްނެތި ރަމަޟާންމަސް ނިމެންދެން ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ހަމާކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެސްޓީއޯއިން ވިދާޅުވީ ރަމަޟާންމަހަށް ޚާޞަކޮށްގެނައި ފިޔާއާއި، އަލުއްވާއި، ބިހުގެ ފުރަތަމަ ޝިޕްމަންޓް މީގެ ހަފްތާއެއް ކުރިން ގެނެސް މާލޭގެ އިތުރުން އަތޮޅުތަކުގެ ރައްޔިތުންނަށް ލިބޭނެހެން ވިއްކަމުން ދާކަމަށެވެ. އަދި ރަމަޟާންމަސް ނިމެންދެންވެސް އެއްވެސް ދަތިކަމެއްނެތި މި ތިންބާވަތް އެސްޓީއޯއިން ރައްޔިތުންނަށް ފޯރުކޯށްދެމުންދާނެކަމަށާއި، އެއްވެސްވަރަކަށް އަގުތަކަށްވެސް ބަދަލެއް ނާންނާނެކަމަށެވެ. އެގޮތުން މިހާރުވެސް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކަމުންދާ އަގުގައި ވިއްކަމުންދާނެކަމަށެވެ.

އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 10 ރުފިޔާއަށެވެ. އަދި ފިޔާ ބަސްތާއެއް ވިއްކަނީ 160 ރުފިޔާއަށެވެ. އަލުވި ކިލޯއެއް 9 ރުފިޔާއަށް ވިއްކަމުންދާއިރު އަލުވި ބަސްތާއެއް ވިއްކަނީ 250 ރުފިޔާއަށެވެ. މީގެއިތުރުން ބިސް ކޭހެއް އެސްޓީއޯއިން ވިއްކަނީ 275 ރުފިޔާއަށެވެ.

އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ފިޔައާއި، އަލުވި ބިސް މިތިން ބާވަތް ރައްޔިތުންނަށް ހެޔޮއަގުގައި ފޯރުކޮށްދިނުމަށް މަސައްކަތްކުރެއެވެ.