އެސްޓަން ވިލާގެ ދަނޑުގައި 41 އަހަރަށްފަހު ކުޅުނު ޔޫރަޕުގެ މުބާރާތެއްގެ ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްފިއެވެ.
އެސްޓަން ވިލާގެ ވިލާ ޕާކްގައި 38 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 70 ވަނަ މިނިޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖޯން ދުރާން އެވެ.
އުމުރުން 20 އަހަރުގެ ދުރާން މި ލަނޑު ޖަހާފައިވަނީ ކުޅެން އެރިތާ ނުވަވަނަ މިނިޓުގައި ލިބުނު ބޯޅައަކުން ބަޔާން މިއުނިކްގެ ކީޕަރު މެނުއެލް ނޯޔާ ޕޮޒިޝަން ގެއްލިފައިވަނިކޮށް އޭގެ ފައިދާ ނަގައިގެންނެވެ. މިއީ މިސީޒަނުގައި އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ޖެހި ފަސްވަނަ ލަނޑެވެ.
މި މެޗުން މޮޅުވުމާއެކު އެސްޓަން ވިލާއަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު 36 ޓީމު ލީގު އުސޫލުން ވާދަކުރާ މުބާރާތުގެ ހަވަނަ މަގާމް ލިބިފަ އެވެ. އެސްޓަން ވިލާއިން ވަނީ ފުރަތަމަ މެޗުގައި ސްވިޒަލޭންޑްގެ ޔަންގް ބޯއިޒް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
މި މެޗުގެ ފަހު ވަގުތުގައި ބަޔާން މިއުނިކްގެ ހެރީ ކޭން ފޮނުވާލި ނުރައްކާތެރި ހަމަލައެއް އެސްޓަން ވިލާގެ އާޖެންޓީނާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ. މީގެ ކުރިންވެސް ހެރީ ކޭން ފޮނުވާލި ދެ ހަމަލައެއް މާޓިނޭޒް ވަނީ ދިފާއުކޮށްފަ އެވެ.
އެސްޓަން ވިލާގެ ވިލާ ޕާކްގައި ޔޫރަޕްގެ އެލީޓް މެޗެއްގައި އެ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ 1983 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުގައި އިޓަލީގެ ޔުވެންޓަސް އާއި ދެކޮޅަށެވެ.