ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުން 4-0 ގެ ނަތީޖާއަކުން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.
މި މެޗު ކާމިޔާބު ކުރުމާއެކު ބެންފީކާ ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފަ އެވެ. އަދި ތާވަލުގެ ތިންވަނަ މަގާމުގައި މިވަގުތު އެ ޓީމު އޮތީ ދެ މެޗުން ލިބުނު ފައިދާ 5 ގޯލާއެކުގަ އެވެ.
އެތްލެޓިކޯ މެޑްރިޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ 13 ވަނަ މިނިޓުގައި ބެންފީކާގެ ކެރެމް އަކްތޫރުކޮގްލޫ ވަނީ ލަނޑެއް ކާމިޔާބުކޮށް އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ފުރަތަމަ ހާފްގައި އެތްލެޓިކޯ އަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާތީ ކޯޗް ޑިއެގޯ ސިމިއޯނީ ވަނީ ދެވަނަ ހާފް ފެށުމުގެ ކުރިން އެ ޓީމަށް ތިން ބަދަލެއް ގެނެސްފަ އެވެ. އެގޮތުން ގްރޭޒްމަން އާއި ކޯކޭގެ އިތުރުން ރޮޑްރިގޯ ޑިޕޯލްގެ ބަދަލުގައި ސޮލޮތް އާއި ގަލެގާގެ އިތުރުން ސެރާނޯ ވަނީ ކުޅެން އަރުވާފަ އެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި އޭރިޔާ ތެރެއިން ގަލެގާ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ބެންފީކާއަށް ދީފައެވެ. އަދި ރެއާލް މެޑްރިޑްގެ ކުރީގެ ފޯވަޑް އެންހަލް ޑިމާރިއާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
މި މެޗުގައި ބެންފީކާއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެލެކްޒެންޑަރ ބާ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ކޯނަރެއް ބެސްޓޭ ނަގައިދިނުމުން އޭރިޔާ ތެރޭގައި ހުރެ ބާ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
ބެންފީކާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށްވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ އޯކުން ކޮކޫ އެވެ.