ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ފްރާންސްގެ ލިލްއިން ކާމިޔާބުކޮށްފިއެވެ.
ލިލްގެ ޑިކެތްލަން އެރީނާގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިލް އަށް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ޖޮނަތަން ޑޭވިޑް އެވެ. މި ޕެނަލްޓީ އަކީ ލިލްގެ ޒެގްރޯވާ ފޮނުވާލި ހިލޭ ޖެހުމެއް ކަމަވިންގާ އޭރިޔާ ތެރެއިން އަތުނަ ބްލޮކް ކުރުމާއި ގުޅިގެން ވީޑިއޯ ބެލުމަށްފަހު ރެފްރީ ދީފައިވާ ޕެނަލްޓީއެކެވެ.
މިއީ 2023 ވަނަ އަހަރުގެ މެއި މަހުގެ ފަހުން ޗެމްޕިއަންސް ލީގު މެޗެއްގައި ރެއާލް މެޑްރިޑް ބަލިވި ފުރަތަމަ ފަހަރެވެ. އަދި ކާލޯ އެންޗެލޮއްޓީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރެއާލް މެޑްރިޑް އިން މެޗަކުން ބަލިނުވެ 36 މެޗު ކުޅުމަށްފަހު ބަލިވި ފުރަތަމަ މެޗެވެ.
ލިލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ވަނީ ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ފުރަތަމަ ހާފްގައި ޑޭވިޑް ފޮނުވާލި ނުރައްކާތެރި ދެ ހަމަލައެއް ރެއާލްގެ ކީޕަރު އެންދްރޭ ލުނިން ވަނީ ދިފާއުކޮށްފަ އެވެ.
ރެއާލް މެޑްރިޑްގެ ކޯޗު އެންޗެލޮއްޓީ ވަނީ މި މެޗުގެ ފުރަތަމަ އެގާރައިގައި ބްރެޒިލްގެ ޒުވާން ތަރި އެންޑްރިކް ހިމާނާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ހޯދަދީފަ އެވެ. ނަމަވެސް އޭނާގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައިނުވާތީ ދެވަނަ ހާފްގައި އެންޑްރިކް ވަނީ ބަދަލުކޮށްފަ އެވެ.
އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައިގައި ހިމެނިފައިނުވާ ކިލިއަމް އެމްބާޕޭ ދެވަނަ ހާފްގައި ކުޅެން އެރުވުމާއެކު ރެއާލް މެޑްރިޑްގެ ހަމަލަތައް ވަރުގަދަވި ނަމަވެސް އެ ޓީމަށް ވަނީ ލިލްގެ ގޯލު ހުޅުވާލުމަށް ނުކުޅެދިފަ އެވެ.
މި މުބާރާތުގައި ރެއާލް މެޑްރިޑް ދެން ނިކުންނާނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް އާއި ދެކޮޅަށެވެ. އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑްއިން ހޯދާފައިވަނީ ފައިނަލުގައި ބޮރޫޝިޔާ ޑޯޓްމަންޑް ބަލިކުރުމަށްފަހުގަ އެވެ.