ޚަބަރު

ޔަހޫދީން ޙިމާޔަތް ކުރަން ފަރަންސޭސިވިލާތުން ވެސް ތެދުވެއްޖެ


އީރާނުގެ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ސުލްޙަމަސަލަސް ކަމަށް ނުރައްކާވެފައިވާ ކަމަށް ބުނެ, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން އީރާނާ ދެކޮޅަށް ތެދުވަން ފަރަންސޭސިވިލާތުން ނިންމައިފިއެވެ. ފަރަންސޭސިވިލާތުން ބުނީ, އީރާނުގެ އަމަލުތަކުގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވެފައި އޮތް ހިރާސް ކުޑަކުރުމަށް, އެ ޤައުމުގެ އަސްކަރީ ވަސީލަތްތައް ރުކުރުވައިލާފައިވާ ކަމުގައެވެ. އީރާނާ ދެކޮޅަށް ތެދުވަން ފަރަންސޭސިވިލާތުން ނިންމާފައި މި ވަނީ, އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޔަހޫދީންނަށް ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.

ނަމަވެސް, ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު ނުކުތާއަކީ, މެދުއިރުމަތީގެ މަސްރަޙު ހޫނުކޮށް, ސަރަޙައްދީ ހަނގުރާމައެއް ފެށުމަށް ކެތްމަދުވެފައި ވަނީ ޔަހޫދީން ކަމެވެ. އަދި, އެ ކަމުގެ އަޑީގައި ހުރީ ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމެވެ. އައިއާރްޖީސީން ޔަހޫދީ ފައުޖުގެ އަމާޒުތަކަށް އޮކްޓޫބަރު 1ވަނަ ދުވަހު ވަރުގަދަ ޙަމަލާތަކެއް ދީފައި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ޖަރީމާތަކާ ގުޅިގެންނެވެ. އަދި, ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ކުރީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާގެ އިތުރުން އައިއާރްޖީސީގެ ކޮމާންޑަރުގެ ނައިބު ޢަައްބާސް ނިލްފުރޫޝާން ޝަހީދު ކޮށްލުމުން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

180އެއްހާ ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޔަހޫދީ ފައުޖުގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ފަހު, ބަދަލުގައި ދީފައިވާ ޙަމަލާތައް ނިމުމަކަށް އައިސްފައިވާ ކަމުގައި އީރާނުން ވަނީ ބުނެފައެވެ. ނަމަވެސް, ޔަހޫދީންނާއި އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ވަނީ އީރާނުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ, އިންޒާރު ދީފައެވެ. އަދި, މިހާރު ފަރަންސޭސިވިލާތުން ވެސް މި ވަނީ އީރާނާ ދެކޮޅަށް ތެދުވެފައެވެ. އަދި, މެދުއިރުމައްޗަށް ސިފައިން ފޮނުވަން ފަށާފައެވެ.

"ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން އީރާނުން އިސްރާއީލަށް ދީފައިވާ ޙަމަލާތައް ކުށްވެރި ކުރަން. އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި އަޅުގަނޑުމެން ދެމި ތިބޭނެ ކަން ތަކުރާރު ކުރަން. އީރާނުން ދީފައިވާ ޙަމަލާތައް ދިފާޢު ކުރުމަށް [ފަރަންސޭސިވިލާތުން] ވާނީ އެހީތެރިކަން ފޯރުކޮށްދިފައި،" އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަމަވެސް, ޔަހޫދީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ކޮން ގޮތަކުން ކަން އެ ވުޒާރާއިން ސާފު ކޮށްދީފައެއް ނެތެވެ.

ޔަހޫދީންގެ ނިރުބަވެރި ޢުދުވާންތަކާ ގުޅިގެން ހޫނުވަމުންދާ މެދުއިރުމަތީގެ މަސްރަޙާ ގުޅޭ ގޮތުން ކުއްލި ބައްދަލުވުމެއް ބާއްވައި މަޝްވަރާ ކުރުމަށް އދގެ ސަލާމަތީ މަޖިލީހުން ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް, ހުޅަނގުގެ ބާރުތަކުގެ އަމަލުތަކާ ގުޅިގެން މަސްރަޙު އިތުރަށް ގޯސްވެ, މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ހުޅަނގުގެ ޤައުމުތަކުގެ ރައްޔިތުން ސައިޕްރަސް މަގުން އެނބުރި އަމިއްލަ ޤައުމަށް ދިޔުމުގެ ފުރުޞަތު ހުޅުވައިލާފައިވާ ކަމުގައެވެ. މިއީ, ހުޅަނގުން މަސްރަޙު އިތުރަށް ގޯސް ކުރަން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ.

ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ހައިޖާނުގަނޑު, ޚާރިޖީ ދާއިރާގެ މަޝްވަރާތަކުން ހައްލު ކުރުމާ ގުޅޭ ގޮތުން ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޜޯން-ނޮއޭލް ބަޣޫއާއި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން މަޝްވަރާ ކުރައްވާފައިވާ ކަމުގައި ވެސް ފަރަންސޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން ބުންޏެވެ. އަދި, ކުރިއަށް އޮތް ދުވަސްތަކުގައި އެ ކަމާ ގުޅޭ ގޮތުން ޖަރުމަނުވިލާތުގެ ޚާރިޖީ ދާއިރާގެ އޮފިޝަލުންނާ މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަން ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.

އީރާނާ ދެކޮޅަށް ޖަރުމަނުވިލާތުން ތެދުވާނެ ކަމުގެ އިޝާރާތެއް އެ ޤައުމުން ވެސް ދީފައިވެއެވެ. އެ ޤައުމުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒް ވިދާޅުވީ "އެ ސަރަޙައްދުގައި [މެދުއިރުމަތީގައި] ބޮޑު ހުޅުގަނޑެއް ޖެހުމުގެ ހިރާސް އީރާނުގެ އަމަލުތަކުގެ ސަބަބުން އެބައޮތް" ކަމަށާއި, ކޮންމެ ހާލަތެއްގައި ވެސް އެ ކަން ހުއްޓުވަން ޖެހޭ ކަމުގައެވެ. އަދި, ޔަހޫދީންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓައިލަން އޭނާ އީރާނަށް ގޮވައިލައްވާފައިވީ ނަމަވެސް, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން ބާރު އަޅުއްވާފައެއް ނެތެވެ.