ސިއްހަތު

ކާޑިއެކް ސެންޓަރުގެ ޚިދުމަތް ރޯދަ މަހުގެ މެދުތެރޭގައި ފަށަނީ


އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމްކުރައްވާފައިވާ "ނެޝަނަލް ކާޑިއެކް ސެންޓަރު" ގައި ބޭނުންވާ ހުރިހާ އާލާތްތައް ބަހައްޓާވާ، ރަމަޟާން މަހުގެ މެދުތެރޭގައި އެސެންޓަރުގެ ހުރިހާ ޚިދުމަތެއް ފެށޭވަރުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމްކުރި، ނެޝަނަލް ކާރޑިއެކް ސެންޓަރުގައިވާ ކެތު ލެބުން، އޮޕަރޭޝަނުގެ ބަދަލުގައި ބޭނުންކުރާނީ، ހަށިގަނޑުގެ ލޭނާރުތެރެއަށް ލައްވާ ކެތޭޓާރއެއްކަމަށް އައިޖީ.އެމް.އެޗުން ވިދާޅުވެއެވެ.

މައިގަނޑުގޮތެއްގައި މިސެންޓަރުގައި ދެއްވާނޭ ޚިދްމަތަކީ، އެންޖިއޯގްރަފީއާއި، އެންޖިއޯ ޕްލާސްޓީ ހެދުމުގެ ޚިދްމަތެވެ. އަދި ހިތުގެ ޕްރެޝަރު ބެލުމާއި، ހިތުގެ ކަރަންޓު ހިގާގޮތުގެ ނިޒާމް ބެލުމާއި،އޭގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ ފަރުވާ ކުރެވޭނޭ އިންތިޒާމްވެސް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ކުއްޖާ އުފެދުމުގައި، ހިތުގައި ހުންނަ އެކި އެކި ލޯވަޅު އޮޕަރޭޝަނަކާނުލާ ޑިވައިސްއެއް ބޭނުންކޮށްގެން ބެއްދުމާއި، ހިތުގެ ވިންދުގެ އެކި މައްސަލަތައް ދެނެގަނެ ކުޑަ ފެޅުމަކާއެކު ހިތައް ޕޭސްމޭކަރެއް ލެއްވުމުގެ ޚިދްމަތްވެސް ކެތުލެބުން ލިބިގެންދާނޭކަމަށް އައި.ޖީ.އެމް ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެ އިތުރުން މި ކެތު ލެބަކީ، ސިކުނޑީގެ ނާރުތަކުގައި އުފެދޭ ގަނޑު ލޭކޮޅުތައް ވިރުވާލާ ނުވަތަ ނަގާ އިމަޖެންސީ ޙާލަތުގައި ސްޓްރޯކަށްވެސް ފަރުވާ ދެވޭނޭ ތަނެއް ކަމަށްވެސް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14651940930105.jpg|ކެތްލެބްގެ އެތެރެ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ- ފޮޓޯ: ރައީސް އޮފީސް

ނެޝަނަލް ކާޑިއެކް ސެންޓަރުގެ އިފްތިތާހުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ، މި ސެންޓަރު އެކި އެކި ދާއިރާތަކައް ޚާއްޞަ ކުރައްވައިގެން އެކި އެކި ޑިޕާޓްމެންޓްތައް ބޭރުގެ ފަރާތްތަކައް ހުޅުވާލައިގެން ހިންގެވުމަށް ވިސްނަމުންދާކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ  މިނިވަން ނިޒާމެއްގެ ދަށުން މިފަދަ ޚާއްޞަ ފަރުވާފޯރުކޮށްދެއްވުމުގެ ނިޔަތުގައި ކަމަށާއި، ރައްޔިތުންގެ މެދުގައި ޞިއްޚީ ދާއިރާއަށް އިތުބާރު ބޮޑުކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލުގެ ފަންނީ އެހީއާއި އެކު  ޤާއިމް ކުރެވުނު ނެޝަނަލް ކާޑިއެކް ސެންޓަރުން އެކަށީގެންވާ ފެންވަރު ރަނގަޅު ފަރުވާދެވޭނޭ ކަމަށާއި، ހުރިހާ އާލާތްތައް ޤާއިމްކުރައްވާ ރަމަޟާން މަހުގެ މެދުތެރޭގައި "ނެޝަނަލް ކާޑިއެކް ސެންޓަރ" އިން ހިތުގެ ބަލިތަކުގެ އެންމެހައި ފަރުވާ ދޭން ފެއްޓެވޭވަރުވާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނެޝަނަލް ކާޑިއެކް ސެންޓަރުގެ އިތުރު ޚާއްޞަ ސިފަތަކުގެ ތެރޭގައި، ހޯލްޓަރ ކާޑިއޯރޫމާއި، އިކޯ ކާޑީއޯ ރޫމަކާއި، ޓްރެޑްމިލް ރޫމަކާއި، ކާޑިއެން ކެތިޓަރައިޒޭޝަން ރޫމެއް ހިމެނެއެވެ. ހަމަ އެއާއި އެކު 9 އެދުގެ އެދުގެ ކާޑިއޯ ވެސްކިއުލާ އިންޓެންސިވް ކެއަރ ޔުނިޓެއް ޤާއިމް ކުރެވިފައިވާކަން ފާހަގަކުރެވެއެވެ.

އިންޑިއާގެ މެޑް-ޓްރީނާ ހޮސްޕިޓަލްގެ ފަންނީ އެހީތެރިކަމާއެކު، ޤާއިމްކުރެވިފައިވާ މިލެބަށް ބޭނުންވާ މެޝިނަރީޒް އިންސްޓޯލްކޮށްފައިވަނީ އެ ހޮސްޕިޓަލުގެ ފަރާތުންނެވެ.