ސިއްހަތު

ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރ- ޞިއްޙީ ދާއިރާއަށް އިންގިލާބެއް


އައިޖީއެމްއެޗްގައި ޢިމާރާތްކުރައްވާ "ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރަކީ، މިޞަރަޙައްދުގައި ޤާއިމް ކުރެވޭ، އެންމެ ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާދޭ މަރުކަޒަކަށްވެގެންދާނޭކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނޭޝަނަލް ޑަޔަގްނޯސްޓިކް ސެންޓަރުގެ ބިންގާ އެޅުމާއި، ނޭޝަނަލް ކާޑިއެކް ސެންޓަރ އަދި އައި.ޖީ.އެމް.އެޗް ކޮންފަރެންސް ފެސިލިޓީ އިފްތިތާޙްކުރެއްވުމަށްޓަކައި، ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

img:http://s1.psmnews.mv/images/660x400/14651936283717.jpg|ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ރައީސް އޮފީސް

25 ބުރިއަށް އިމާރާތް ކުރައްވާ، ނެޝަނަލް ޑައިގްނޯސްޓިކްސް ސެންޓަރުން، އައި.ޖީ.އެމް.އެޗުން މިހާރުދެމުންއަންނަ ހުރިހާ އައުޓް ޕޭޝަންޓް ޚިދްމަތާއި، ރާއްޖޭގައި ފަރުވާ ދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ކުރެވޭނެ އިންތިޒާމް ޤާއިމްކުރެވިގެންދާނެއެވެ. ހަމަ އެއާކު ޕްރީމިއަމް ހެލްތު ސާވިސްގެ ޚިދްމަތް ތަޢާރަފް ކުރެވި، ޤައުމީ އަދި ޞިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު، ކޮންފަރެންސްތައް ބޭއްވޭނޭ އިންތިޒާމް މި ސެންޓަރުގައި ހަމަޖެހިގެންދާނޭކަމަށް އައި.ޖީ.އެމްއެޗުން ވިދާޅުވެއެވެ.

ނޭޝަނަލް ޑަޔަގްނޯސްޓިކް ސެންޓަރުގެ ބިންގާ އެޅުއްވުމާއި، ނޭޝަނަލް ކާޑިއެކް ސެންޓަރ އަދި އައި.ޖީ.އެމް.އެޗް ކޮންފަރެންސް ފެސިލިޓީ އިފްތިތާޙްކުރެއްވުމަށްޓަކައި، ރޭ އައި.ޖީ.އެމް.އެޗް.ގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ، މިވަގުތު ރާއްޖެއަށް އެންމެ ބޮޑަށް އަޅާލުން ބޭނުންވާ ދާއިރާއަކީ ޞިއްޙީ ދާއިރާކަމަށްވުމާއެކު، ސަރުކާރުގެ ޢަމާޒަކީ ޞިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާޞިލް ކުރެއްވުމަށް ކުރެއްވެންހުރި މަސައްކަތްތައް ކުރެއްވުން ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14651937614910.jpg|އައިޖީއެމްއެޗްގެ އެތެރެ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ- ފޮޓޯ: ރައީސް އޮފީސް

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ނެޝަނަލް ޑައިގްނޯސްޓިން ސެންޓަރުގެ މަސައްކަތް ނިމޭއިރު ހުޅުމާލެއާއި މާލޭގެ އާބާދީގެ އެއް ލައްކަ ތިރީސް ހާހެއްހާ މީހުންނަށް ފަރުވާ ދެވޭ ވަރުގެ ތަނަކަށް އައި.ޖީ.އެމް.އެޗް ވެގެންދާނެކަމުގައެވެ. އަދި މާލޭގައި މިފަދަ ޚިދްމަތް ދިނުމުގެ ބަދަލުގައި އަތޮޅުތެރޭގައިވެސް މިފަދަ ޚިދްމަތްތައް ތަޢާރަފް ކުރެއްވުމުގެ މަސައްކަތް މިހާރު ސަރުކާރުން ފަށްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަނާ ޙަވާލުކުރައްވައިގެން ޢިމާރާތް ކުރެއްވުމަށް ހަމަޖެހިފައިވާ އައިޖީއެމްއެޗްގެ މި އާ ޢިމާރާތަކީ، ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ އަގުބޮޑު އެއް ޢިމާރާތްކަން ފާހަގަކޮށްލަންޖެހެއެވެ. އެއީ، ލައިފް ސަޕޯޓް ސިސްޓަމް އިންސްޓޯލް ކުރުމާއި، ރޭޑިއޭޝަން ނުފެތުރޭގޮތަށް ޝީލްޑްކުރުމާއި، ޞިއްޙީ ފަރުވާދިނުމަށް ބޭނުންކުރާ ގޭސް ފަދަތަކެތި ރައްކާތެރިކަމާއެކު ބަހައްޓަވަންޖެހޭތީއެވެ.

img:http://s2.psmnews.mv/images/660x400/14651940930105.jpg|އައިޖީއެމްއެޗްގެ އެތެރެ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީ- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ މާޙައުލާ ވީހާވެސް ގުޅޭގޮތަކަށް މި ޢިމާރާތް ފަރުމާ ކުރައްވާފައިވާއިރު، އާ ޢިމާރާތުގެ އެންމެ ތިރީގެ ކޮމްޕައުންޑް ފަރުމާކުރައްވާފައިވަނީ ކާރިސާއެއް ކުރިމަތިވާ ޙާލަތްތަކުގައި ބަލި މީހުންނަށް ފަރުވާދެވޭ ގޮތަށެވެ. ޖުމްލަ 140 މިލިއަން ޑޮލަރު ޚަރަދުކުރައްވައިގެން އަޅުއްވާ ފަންސަވީސް ބުރީގެ މި ޢިމާރާތް ނިންމަވައި ދެހާސް އަށާރަވަނަ އަހަރު ބޭނުންކުރަން ފެށޭނެކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.