ޚަބަރު

އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ ޚާއްސަ މެޗަށް ބަޔާން ތައްޔާރު: ކޮމްޕެނީ


ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅޭ ޚާއްސަ މެޗަށް ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށް ބަޔާން މިއުނިކްގެ ކޯޗް ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ.

ޗެމްޕިއަންސް ލީގު މެޗެއްގައި 40 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑަށް އެސްޓަން ވިލާ ނިކުންނައިރު އެ ޓީމު ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.

ބަޔާންގެ ކޯޗް ކޮމްޕެނީ ބުނެފައިވަނީ ދިގު މުއްދަތަކަށްފަހު އަމިއްލަ ދަނޑުގައި ޗެމްޕިއަންސް ލީގު މެޗަކަށް އެސްޓަން ވިލާ ނިކުންނައިރު މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށާއި މިދިޔަ ސީޒަނުގައި އެ ޓީމުންވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފައި ކަމަށެވެ. އަދި މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ޓީމުގެ އިތުބާރު ބޮޑުކޮށްފައިވާކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އިނގިރޭސި ވިލާތުގެ 13 އަހަރު ކުޅެފައިވާ ކޮމްޕެނީ އިތުރަށް ބުނެފައިވަނީ އެސްޓަން ވިލާ އާއި އެ ޓީމުގެ ކޯޗުގެ އިތުރުން ކުޅުންތެރިންނަކީ އޭނާ ދަންނަ ބައެއް ކަމަށާއި ނަމަވެސް އެވާހަކަ ނުދައްކާ މުހިންމީ މިރޭގެ މެޗުގައި 90 މިނިޓުގެ ތެރޭގައި ނަތީޖާ ހޯދުން ކަމަށެވެ. އަދި މިއީ އެ ޓީމަށް މުހިންމު މެޗެއް ކަމަށްވެސް ކޮމްޕެނީ ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގެ ފޯމެޓް ބަދަލުކޮށް 36 ޓީމު ބައިވެރިކޮށްގެން ލީގު އުސޫލުން ފުރަތަމަ ބުރު ކުޅޭ ގޮތަށް މި ފަހަރުގެ މުބާރާތް ބަދަލުކޮށްފައިވާއިރު, މި މުބާރާތުގައި ބަޔާން މިއުނިކް ކުޅުނު ފުރަތަމަ މެޗުގައި ޑައިނަމޯ ޒަގްރެބް އަތުން ބަޔާން ވަނީ 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފަ އެވެ.