ޚަބަރު

އީރާނުން އިސްރާއީލަށް މިސައިލް ޙަމަލާތަކެއް ދީފި


އީރާނުގެ ބާރުގަދަ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ޒަޔަނިސްޓް ދައުލަތަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި މިސައިލް ޙަމަލާތަކެއް ދީފިއެވެ. ޔަހޫދީން މި ކަން ކަށަވަރު ކޮށްދީފައިވީ ނަމަވެސް, އީރާނުން މި ކަމާ މެދު ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ. ޔަހޫދީ ފައުޖުން ބުނީ, އީރާނުން މިސައިލްތަކެއް އުދުއްސައިލުމާ އެކު އިސްރާއީލުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު ޖަހަމުންދާ ކަމުގައެވެ. އަދި, ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައި, ޔަހޫދީ ޢާންމުން ބޮން ޝެލްޓަރތަކަށް ވަދެ ފިލަން ފަށާފައިވާ ކަމުގައެވެ.

އީރާނުން ޔަހޫދީންގެ ރަަށްތަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދީފައި މި ވަނީ, ފަލަސްޠީނާއި ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ލުބްނާނަށް ބޮންއަޅަން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 1,030އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 6,000އަށް އުފުލިފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ހިމެނެއެވެ. އެއަށް ފަހު, ޔަހޫދީ ފައުޖުން މިހާރު ދަނީ ލުބްނާންގެ ރަށްތަކަށް އެއްގަމު މަގުން އަރައި, ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ.

ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. 2023 އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,615އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އެއްހާ މައުސޫމު ކުޑަކުދިން ހިމެނޭއިރު, ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ޤަބޫލު ކުރެއެވެ. އަދި, ޢުދުވާންތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,359އަށް އުފުލިފައެވެ.