ޚަބަރު

ރަޝިޔާގެ އަސްކަރިއްޔާއަށް އިތުރު 133,000 ސިފައިން ވައްދަނީ


މި އަހަރު ނިމުމުގެ ކުރިން ރަޝިޔާގެ އަސްކަރިއްޔާއަށް އިތުރު 133,000 ސިފައިން ވައްދައި, ސިފައިންގެ ޢަދަދު އިތުރު ކުރުމަށް އެ ޤައުމުގެ ރައީސް ވްލަޑިމިޔަރ ޕުޓިން އަމުރު ކުރައްވައިފިއެވެ. އޭނާ މި ކަމަށް އަމުރު ކުރައްވާފައި މި ވަނީ, ރަޝިޔާގެ އަސްކަރިއްޔާގެ ސިފައިންގެ ޢަދަދު އިތުރުކޮށް, ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ފުޅާ ކުރަން އަމަލު ކުރައްވަމުން ގެންދަވާ ރޭވުމުގެ ދަށުންނެވެ. ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ.

އިތުރު 133,000 ސިފައިން ހޯދަން ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިނުން ރުހުން ދީފައިވާއިރު, ގެޒެޓުގައި ޝާއިޢު ކޮށްފައިވާ އަމުރުގައިވާ ގޮތުން, އަސްކަރިއްޔާއާ އަލަށް ގުޅޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. އޭގެ ތެރޭގައި, މިހާރު ވެސް ރިޒަރވް ސިފައިންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުން ނުހިމެނޭނެ ކަމުގައި ވެސް ކްރެމްލިންގެ ޤަރާރުގައި ބުނެފައިވެއެވެ.

ރަޝިޔާގެ އަސްކަރިއްޔާއާ އަލަށް ގުޅޭ ސިފައިންނާ ބެހޭ އިދާރާގެ ވެރިޔާ ވްލަޑިމިޔަރ ތިމިލިޔަންސްކީ ވިދާޅުވީ, އަސްކަރިއްޔާއަށް އަލަށް ވައްދާ ސިފައިން 12 މަސް ދުވަހުގެ މުއްދަތަކަށް އަސްކަރިއްޔާގައި ޚިދުމަތް ކުރަން ޖެހޭނެ ކަމުގައެވެ. "ރަޝިޔާގެ އަސްކަރިއްޔާއިން މި ވަގުތު ހިންގަމުންދާ ޚާއްޞަ އަސްކަރީ އޮޕަރޭޝަންތަކުގައި އެ މީހުން ބައިވެރިވެ ޚިދުމަތް ކުރަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ. ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ކުރަމުންދާ ހަނގުރާމައަކީ ރަޝިޔާއިން ސިފަ ކުރާ ގޮތުގައި ޚާއްޞަ އަސްކަރީ އޮޕަރޭޝަނެކެވެ.

ޔޫކްރެއިނުން ޤަބޫލު ކުރާ ގޮތުގައި, ރަޝިޔާގެ ސިފައިން އެ ޤައުމަށް އަރައި ހަނގުރާމަ ފަށާފައި ވަނީ އިތުރު ބިންތަކެއް ފޭރިގަތުމުގެ މަޤުޞަދުގައެވެ. ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ބިމުން 18 އިންސައްތަ ސަރަޙައްދަކަށް ރަޝިޔާއިން ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބޮޑެތި ބިންތަކެއް ވެސް ހިމެނެއެވެ. އެއީ, ރަޝިޔާގެ ބިންތަކެއްގެ ގޮތުގައި 2022ވަނަ އަަހަރުގެ ފަހުކޮޅު އެ ޤައުމުން ވަނީ ނިންމައި, އެ ކަން އިޢުލާނު ކޮށްފައެވެ.

ރަޝިޔާގެ އަސްކަރިއްޔާގައި ޚިދުމަތް ކުރާ ސިފައިންގެ ޢަދަދު މިހާރު ވެސް 1.5 މިލިޔަނަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ހާމަވެއެވެ. ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ހުޅަނގު ސަރަޙައްދީ ރޮނގަށް ނުރައްކާ ކުރަން ފެށުމުން, ޕުޓިން ވަނީ އަސްކަރިއްޔާއަށް އިތުރު 180,000 ސިފައިން ވެއްދުމަށް ސެޕްޓެންބަރު މަހު ވެސް އަމުރު ކުރައްވާފައެވެ.

ޔޫކްރެއިނުން ވެސް އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކް ސަރަޙައްދަށް ގިނަ ޢަދަދެއްގެ ސިފައިން ފޮނުވައި, އެ ސަރަޙައްދުގެ ރަށްތަކަށް އަތްގަދަ ކުރުމުގެ މަސައްކަތް ފެށިއެވެ. އެ ސަރަޙައްދުގައި އޮތް 100އެއްހާ އަވަށް ހިމެނޭ ގޮތުން, 1,200އެއްހާ އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާނެ ކަމަށް ޔޫކްރެއިނުން ބުނެއެވެ. ރަޝިޔާއަށް އަރައިގަނެފައިވާ ޔޫކްރެއިންގެ ސިފައިން ފަހަތަށް ޖެއްސުމަށް ރަޝިޔާގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.