ޚަބަރު

ޑިއުޓީފްރީގެ ޚިދުމަތް އިތުރަށް ފުޅާކުރަނީ


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ މިހެން ވިދާޅުވީ އެއަރޕޯޓްގެ ފަންސާސް ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން އެއަރޕޯޓްގެ ޑިއުޓީ ފްރީތަކުން 40 އިންސައްތައާއި 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭ ގޮތަށް ހަމަޖައްސައި ބޭއްވި ޙަަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢާާދިލް މޫސާ ވިދާޅުވީ ޑިޕާޗަރ ޑިއުޓީ ފްރީގައި ލިބެން ހުރި ހުރިހާ ބާވަތެއް އެރައިވަލް ޑިއުޓީ ފްރީ ޝޮޕުން ލިބެން ހުންނާނެކަމަށެވެ. ޑިއުޓީ ފްރީގައި ޚާާއްސަ ބާވަތްތަކުން 40 އިންސައްތަ ޑިސްކައުންޓް ލިބޭއިރު ހުރިހާ ބާވަތަކުންވެސް 10 އިންސައްތައިގެ ޑިސްކައުންޓް ލިބޭގޮތަށްވަނީ ހަމަޖައްސާފައެވެ. 

މީގެ އިތުރުން މިއަދުވަނީ ކޮކެށިގެ ނަމުގައި ދިވެހިންނަށް ހާއްސަ ސެންޓެއް އެއަރޕޯޓު ޑިއުޓީ ފްރީގައި ތައާރަފްކޮށްފައެވެ. މި ސެންޓް ފުޅިއަކީ ދިވެހި ވަންތަގޮތަކަށް ތައްޔާރުކޮށްފައި ހުރި ފުޅިއެކެވެ. މި ސެންޓް ފުޅި އިފްތިތާޙްްކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ލަވަކިއުންތެރިއާ މަރިޔަމް އުނޫޝާއެވެ. މި ސެންޓްގެ ވައްތަރުތަކުގެ ތެރޭގައި އެމްބާ، ރޯސް އަދި ޖޭސްމިން ހިމެނެއެވެ. މިސެންޓު ފުޅިއަކީ ސްވެނިއާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭނެ ފަދަ އުފެއްދުމެއްކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ. 

މި ޕްރޮޑަކްޓް މިއަދު އެއާޕޯޓުގައި އިފްތިތާހުކުރި ޕްރޮމޯޝަންގެ ދަށުން ލިބޭއިރު، މި ޕްރޮޑަކްޓަކީ ލިމިޓެޑް އެޑިޝަނެކެވެ. މި ޕްރޮޑަކްޓްގެ ބްރޭންޑް އެމްބެސަޑަރަކަށް ހަަމަޖައްސާފައިވަނީވެސް ލަވަކިޔުންތެރިޔާ، މަރިޔަމް އުނޫޝާއެވެ. މި ސެންޓް ފުޅިއަކީ ފްރާންސްގެ އުފެއްދުމެކެވެ.