ޚަބަރު

ރޮނާލްޑޯ އާއި މާނޭގެ ލަނޑުތަކުން އަލް ނަސްރު މޮޅުވެއްޖެ


އޭއެފްސީ ޗެމްޕިއަންސް ލީގުގައި ގަތަރުގެ އަލް ރައްޔާނާ ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސަޑިއޯ މާނޭ ޖެހި ދެ ލަނޑުން އަލް ނަސްރު މޮޅުވެއްޖެއެވެ. މި މެޗު އަލް ނަސްރުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ސައުދި އަރަބިއްޔާގެ ރިޔާދުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އަލް ނަސްރު އިންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ސަޑިއޯ މާނޭ އެވެ.

އަދި މެޗުގެ 76 ވަނަ މިނިޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އަލް ރައްޔާންގެ ބްރެޒިލް ފޯވަޑް ރޮޖާ ގުއެޑެޒް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

މިއީ އަލް ނަސްރުގެ ކޯޗު ކަމާއި އޭސީ މިލާނުގެ ކުރީގެ ކޯޗު ޕިއޮލީ ހަވާލުވި ފަހުން އެ ޓީމު މޮޅުވި ހަތަރުވަނަ މެޗެވެ. އަލް ނަސްރުގެ ކުރީގެ ކޯޗް ލުއިސް ކާސްޓްރޯގެ އިރުޝާދުގެ ދަށުން އެ ޓީމު އެންމެ ފަހުން ކުޅެފައިވަނީ ޗެމްޕިއަންސް ލީގުގައި އިރާގުގެ އަލް ޝޯޓާ އާއި ދެކޮޅަށެވެ. އެ މެޗު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ދެ ޓީމު އެއްވަރުވެގެންނެވެ.