ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ފުޅާކޮށް, ޤަތުލުޢާންމު ބޮޑު ކުރުމުގެ ގޮތުން އެއްގަމު މަގުން އެ ޤައުމަށް އަރައިގަންނަން ޔަހޫދީ ފައުޖުން ތައްޔާރީ ހާލަތެއްގައި އޮތް ކަން އެމެރިކާއިން ހާމަކޮށްފިއެވެ. ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމަށް އެ މީހުން ދިރިއުޅޭ ގެދޮރަށް ބޮންއަޅަމުންނެވެ. މި ޢުދުވާނުގައި, އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލިއެވެ.
ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އޮފިޝަލަކު ބުނީ, ޔަހޫދީ ފައުޖުގެ އަމަލުތަކުން ފެންނަނީ, ލުބްނާނަށް އެއްގަމު މަގުން އަރައި, ލާއިންސާނީ ޢުދުވާންތައް އިތުރުކޮށް ފުޅާ ކުރަން ޔަހޫދީން ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ މަންޒަރު ކަމުގައެވެ. ލުބްނާނާއި އިސްރާއީލް ގުޅޭ ސަރަޙައްދީ ރޮނގު — ބްލޫ ލައިން ނުވަތަ ނޫ ރޮނގު — ކައިރިއަށް ޔަހޫދީ ފައުޖުން ވަނީ އެތަކެއް ސަތޭކަ ހާސް އަނިޔާވެރި ސިފައިންނާއި އަސްކަރީ ޓޭންކުފަހަރު ފަދަ ބަރުހަތިޔާރުތައް ޖަމާކޮށްފައެވެ.
ލުބްނާނަށް އެއްގަމު މަގުން ސިފައިން ފޮނުވައިގެން ލާއިންސާނީ ޖަރީމާތައް ފުޅާ ކުރަން ތައްޔާރުވަމުންދާ ކަން ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ދިފާޢީ ވަޒީރު ޔޮއާވް ގަލާންތު ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ކަމުގެ ބޭނުމަކީ, އިސްރާއީލުގެ އުތުރުގެ ރަށްތަކަށް ޙިޒްބުاللهގެ މުޖާހިދުން ދެމުންދާ ޙަމަލާތައް ހުއްޓުވުން ކަމުގައި އޭނާ ބުންޏެވެ. ޙިޒްބުاللهން ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން މީގެ އަހަރެއްހާ ދުވަސް ކުރިން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ އަމާޒަކީ, ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނަށް ވާގިވެރިވެ, ޢުދުވާންތައް ހުއްޓައިލަން ޔަހޫދީންނަށް ބާރު އެޅުމެވެ.
އެމެރިކާގެ ނޫހެއް ކަމުގައިވާ ވޮޝިންގޓަން ޕޯސްޓުން ބުނީ, އެއްގަމު މަގުން ލުބްނާނަށް އަރައި ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާ ކުރަން ތައްޔާރުވަމުންދާ ކަން ޔަހޫދީން އެމެރިކާ ސަރުކާރަށް އަންގާފައިވާ ކަމުގައެވެ. އަދި, 2006ވަނަ އަހަރު ޔަހޫދީ ފައުޖުން ޙިޒްބުاللهއާ ދެކޮޅަށް ކުރި ހަނގުރާމައާ އަޅައިބަލާއިރު, ކުރިއަށް އޮތް އޮޕަރޭޝަން ކުޑަވާނެ ކަމަށް ބުނެފައިވާ ކަމުގައި ވެސް އެ ނޫހުން ރިޕޯޓު ކުރިއެވެ. އެ ރިޕޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ޣައްޒާއާއި ލުބްނާން މުޖާހިދުންނާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމަށް ކަމުގައެވެ. "އަޅުގަނޑު އެންމެ ހިތްހަމަ ޖެހޭނީ އެ މީހުން [ޙަމަލާ ބަދަލު ކުރުން] ހުއްޓައިލުމުން،" ބައިޑަން ވިދާޅުވިއެވެ.
އެއްމަގު މަގުން ލުބްނާނަށް އަރައިގަންނަ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ކުރިމަތިލައި, ނަޞްރު ލިބެންދެން ޖިހާދު ކުރަން ޙިޒްބުاللهގެ މުޖާހިދުން ތައްޔާރަށް އޮތް ކަން އެ ޖަމާޢަތުގެ ވެރިޔާގެ ނައިބު ނަޢީމް ޤާސިމް ހާމަކުރެއްވިއެވެ. "ކޮންމެ ފަދަ ހާލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެ, އަދި އެއްގަމު މަގުން [ލުބްނާނަށް] އަރައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން ނިންމައިފި ނަމަ, އަޅުގަނޑުމެންގެ ލަޝްކަރުން އޮތީ އެ ކަމަށް ތައްޔާރަށް،" ޔަހޫދީންގެ އަނިޔާވެރި މަޤުޞަދުތައް ފޭލުކޮށްލާނެ ކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ލުބްނާނަށް ދެމުންދާ ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު 1,000އަށް އުފުލިފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މައުސޫމު ކުޑަކުދިން ހިމެނެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް 136 މީހުން ޝަހީދު ކޮށްލާފައިވާއިރު, އޭގެ ތެރެއިން 45 މީހުން ޝަހީދު ކޮށްލާފައި ވަނީ ޢައިން އަލް-ދުލްބީއަށް ދިން ޢުދުވާނީ ޙަމަލާތަކުގައެވެ. ލުބްނާން ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 6,000އަށް އުފުލިފައެވެ.
ޔަހޫދީންގެ ޙަމަލާތަކުގައި ލުބްނާންގެ ގިނަ ރަށްތަކެއްގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި ގިނަ ޢަދަދެއްގެ އިމާރާތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. "އަޅުގަނޑުމެން މި ދަނީ އެ މީހުން ސަލާމަތް ކުރަމުން, [އިމާރާތްތަކުގެ ދަށުން] ދިރިތިބި މީހުންނާއި, ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިތައް ނެރެމުން،" ޔަހޫދީން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދާ ޓީމެއްގައި ހިމެނޭ މާޛިން އަލް-ޚަޠީބު ބުންޏެވެ.
ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ނަޞްރުاللهގެ ހަށިގަނޑު ފެނިފައިވާއިރު, އޭނާގެ ޖަނާޒާ ބާއްވާނެ ތާރީޚެއް ޙިޒްބުاللهން ހާމަކޮށްފައެއް ނެތެވެ. ޤާސިމް ވިދާޅުވީ, ނަޞްރުاللهގެ ބަދަލުގައި އެ ޖަމާޢަތުގެ ސެކްރެޓަރީ-ޖެނެރަލްގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަން ކުރުމަށް މަޝްވަރާ ކުރަމުންދާ ކަމުގައެވެ.
ޙިޒްބުاللهން "ވަރަށް އަވަހަށް ޕާޓީގެ ސެކްރެޓަރީ-ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރާނެ. ކުރިއަށް އޮތީ ދިގުވެގެން ގޮސްދާނެ ހަނގުރާމައެއް ކަން ޤަބޫލު ކުރަން. 2006ވަނަ އަހަރު ޔަހޫދީންގެ ކިބައިން މިނިވަން ހޯދި ގޮތަށް ކުރިއަށް އޮތް ހަނގުރާމައިގައި ވެސް އަޅުގަނޑުމެންނަށް ނަޞްރު ލިބޭނެ،" އޭނާ ވިދާޅުވިއެވެ. ޙިޒްބުاللهން މެދުކެނޑުމެއް ނެތި ޔަހޫދީންގެ ޖައްބާރުކަމާ ދެކޮޅަށް ޖިހާދު ކުރަމުންދާ ކަމާއި, ޒަޔަނިސްޓުންގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަން ވެސް އޭނާ ހާމަކުރެއްވިއެވެ.