ޚަބަރު

ހައްޖު ކޯޕަރޭޝަންގެ ޚިދުމަތްތަކަށް ފައިސާދެއްކުން އެމްއައިބީން


މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ދެއްވަމުންގެންދަވާ ބައެއް ޚިދުމަތްތަކާއި، ސްކީމްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކު މެދުވެރިކޮށް ފައިސާ ދެއްކޭނެ ޚިދުމަތެއް ތައާރަފްކުރައްވައިފިއެވެ.

މިކަމަށްޓަކައި ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުއެވެ. މިއީ ހައްޖު ކޯޕަރޭޝަންގެ ސްކީމްތަކާއި، ޙައްޖާއި އުމްރާގެ އިތުރުން، އަގީގާއަށް ފައިސާ ދެއްކުން އިސްލާމިކް ބޭންކް މެދުވެރިކޮށް އެބޭންކުގެ ޚިދުމަތްދެއްވާ ބްރާންޗުތަކުން ލިބިގެންދާ ޚިދުމަތެކެވެ.

މިޚިދުމަތް ދެއްވަން ފައްޓަވާނީ ރަމަޟާންމަހުގެ ދިހަވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް ހައްޖުކޯޕަރޭޝަނުން ވިދާޅުވެއެވެ. ޚިދުމަތް ރަސްމީކޮށް އިފްތިތާހްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވީ، މިވީ ކުރު މުއްދަތުގެ ތެރޭގައި މޯލްޑިވްސް ހައްޖުކޯޕަރޭޝަނުގެ ޚިދުމަތް ވަރަށް ފުޅާކުރެވި ރައްޔިތުން ހައްޖަށް ދިއުމުގެ ކަންކަން ވަރަށް ލުއިގޮތަކަށް އިންތިޒާމް ކުރައްވައިގެން ޚިދުމަތް ދެއްވަމުންގެންދަވާކަމަށެވެ. 

މިރަސްމިއްޔާތުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، ހައްޖުކޯޕަރޭޝަން އުފެދުނީއްސުރެވެސް އިސްލާމިކް ބޭންކުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށާއި އެކޯޕަރޭޝަނުން ދެއްވާ ޚިދުމަތްތައް އަތޮޅުތަކުން ލިބެންހުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއްކަމަށެވެ.