ނޭޕާލަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ނުރައްކާތެރި ހާދިސާތަކެއްގައި މަރުވި މީހުންގެ ޢަދަދު 100އަށް އުފުލިއްޖެއެވެ. ބޯކޮށް ވާރޭވެހުމާ ގުޅިގެން ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެފައިވާއިރު, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ނުރައްކާތެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެ ހާދިސާތަކާ ގުޅިގެން ތިން ދުވަހުގެ މުއްދަތަކަށް މަދަރުސާތައް ބަންދު ކޮށްފައިވާއިރު, ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކާ ގުޅިގެން ގެއްލިފައިވާ ކަމަށް ބެލެވޭ 67 މީހުން ހޯދަން އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފެންބޮޑުވުމާ ގުޅިގެން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެރިރަށް ކަތުމަންޑޫ އޮންނަ ކަތުމަންޑޫ ވާދީންނެވެ. ހަތަރު މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެ ސަރަޙައްދުގައި ފެންބޮޑުވުމާ ގުޅިގެން މަގުތައް ބަންދުވެ, ޢާންމު ދަތުރުފަތުރަށް ހުރަސް އެޅިފައިވާއިރު, އެ ސަރަޙައްދުން އެކަނިވެސް 37 މީހުން މަރުވި ކަމުގައި ނޭޕާލްގެ އިދާރާތަކުން ހާމަކުރިއެވެ. މަދަރުސާތަކާއި ޔުނިވަރސިޓީތައް ބަންދު ކޮށްފައި ވަނީ ފެންބޮޑުވުމާ ގުޅިގެން އެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެންނެވެ.
"އެ ކަމާ ގުޅިގެން ތިން ދުވަހުގެ މުއްދަތަކަށް ހުރިހާ މަދަރުސާތަކެއް ބަންދު ކުރަން އަޅުގަނޑުމެން ވާނީ އިރުޝާދު ދީފައި،" ނޭޕާލްގެ ތަޢުލީމީ ވުޒާރާގެ ތަރުޖަމާނު ލަކްޝްމީ ބައްޓަރާއި ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން އެ ނޭޕާލްގެ އެތެރޭގެ ވައިގެ ދަތުރުފަތުރަށް ވެސް ހުރަސް އެޅިފައިވާ ކަމުގައި އޮފިޝަލުން ހާމަ ކުރިއެވެ.
ނޭޕާލްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ކަތުމަންޑޫ ވާދީއަށް 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި 322.2 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައެވެ. އެއާ އެކު, މާގްމަތީ ކޯރު ފުރިގެން ބަންޑުންވުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި މާހިރުން ބުންޏެވެ. ނޭޕާލްގެ މޫސުމާ ބެހޭ އިދާރާގެ އޮފިޝަލެއް ކަމުގައިވާ ގޯވިންދަ ޜާ ވިދާޅުވީ, ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ. "ނަމަވެސް, ބައެއް ސަރަޙައްދުތަކަށް އަދިވެސް ދަނީ ވިއްސާރައިގެ އަސަރު ކުރަމުން،" އޭނާ ވިދާޅުވިއެވެ.
ނޭޕާލްގެ މޫސުމީ އިދާރާއިން ބުނީ, އެ ޤައުމުގެ ސަރަޙައްދުތަކަށް މޫސުން ގޯސްވެފައި ވަނީ ބޭ އޮފް ބަންގާލް ކަނޑުގައި އުފެދިފައިވާ ލޯ-ޕްރެޝަރ ސިސްޓަމެއްގެ ސަބަބުން ކަމުގައެވެ. އެ ކަމާ ގުޅިގެން އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. މިއީ, މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ ހާލަތެއް ކަމުގައި މޫސުމީ މާހިރުން ބުންޏެވެ.
އިންޓަރނޭޝަނަލް ސެންޓަރ ފޯ އިންޓެގްރޭޓެޑް މައުންޓަން ޑިވެލޮޕްމަންޓް (އައިސީއައިއެމްއޯޑީ)ގެ މޫސުމީ މާހިރެއް ކަމުގައިވާ އަރުން ބަކްތާ ޝްރޭސްތާ ވިދާޅުވީ, ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ ހިރާސްތަކާ މެދު ނުވިސްނައި ޢުމްރާނީ ތަަރައްޤީއަށް އިސްކަން ދިނުމުން, މޫސުމީ ބަދަލުތަކުގެ ނުރައްކާ އެތަކެއް ގުނައަކަށް އިތުރުވާ ކަމުގައެވެ. "ކަތުމަންޑޫ ސަރަޙައްދުގައި މިހާ ބޮޑަށް ފެންބޮޑުވެފައިވާ މަންޒަރު އަޅުގަނޑު މީގެ ކުރިން ދުވަހަކުވެސް ނުދެކެން،" އޭނާ ވިދާޅުވިއެވެ.
ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ސަރަޙައްދުގައި ފެން ހިންދާނެ ޚާއްޞަ ނިޒާމުތަކާއި ފުރިހަމަ ނަރުދަމާ ނިޒާމެއް ޤާއިމުކޮށް, ރޭވުންތެރި ކަމެއް ނެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގުން ހުއްޓައިލުމަށް އައިސީއައިއެމްއޯޑީން ވަނީ ނޭޕާލްގެ ސަރުކާރަށް އިރުޝާދު ދީފައެވެ. އެ އިދާރާއިން ޤަބޫލު ކުރާ ގޮތުގައި, ނޭޕާލްގެ ގިނަ ސަރަޙައްދުގައި ރައްޔިތުން ވަޒަންވެރި ކުރުވައި, ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުން ދަނީ ހަރުދަނާ ރޭވުންތަކެއް ނެތިއެވެ.
އެ ސަރަޙައްދަށް ބޯކޮށް ވާރޭވެހެމުން ދިޔުމާ ގުޅިގެން ނޭޕާލްގެ އިރުދެކުނުން ދެމޭ ކޯޝީ ކޯރުގެ ފެންގަނޑު ވެސް އިިންތިހާއަށް އުފުލި, ބަންޑުންވުމުގެ ހިރާސް އޮތް ކަމުގައި މާހިރުން ބުންޏެވެ. ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި އެ ކޯރުގެ ފެންގަނޑު ބަންޑުންވެ, އިންޑިޔާގެ އިރުމަތީ ބިހާރު ސްޓޭޓްގެ ސަރަޙައްދުތަކުގައި ފެންބޮޑުވެ, ބޮޑެތި ގެއްލުންތަކެއް ލިބޭ ކަން ފާހަގަ ކުރެވެއެވެ.
ވިއްސާރަ މޫސުމުގައި ހިނގާ މި ފަދަ ނުރައްކާތެރި ހާދިސާތަކުގައި ނޭޕާލުން ކޮންމެ އަހަރު ވެސް ގިނަ ޢަދަދެއްގެ މީހުންގެ ފުރާނަ ގެއްލެއެވެ. ޖޫން މަހުގެ މެދުތެރޭގައި ނޭޕާލްގެ ވިއްސާރަ މޫސުން ފެށުނު ފަހުން ހިނގާފައިވާ ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 254އަށް އުފުލިފައެވެ. އަދި, 65 ގެއްލިފައިވާ ކަމަށް އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ.