ޚަބަރު

އިތުރު ވަގުތުގައި ޖެހި ދެ ލަނޑާއެކު އާސެނަލަށް މުހިންމު މޮޅެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ދެ ލަނޑާއެކު، އާސެނަލުން 4-2 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން 20 ވަނަ މިނެޓުގައި ގެބްރިއެލް މާޓިނެލީ ވަނީ ޔޫރިއަން ޓިމްބާގެ ހުރަހެއްގެ އެހީގައި އާސެނަލަށް ލީޑްނަގައިދީފައެވެ. އަދި، ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި މާޓިނެލީގެ ޕާހަކުން ލެއަންޑްރޯ ޓްރޮސާޑް ވައްދާލި ލަނޑާއެކު އާސެނަލުން ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ފަކުންޑޯ ބުއޮނަނޯޓޭގެ ހިލޭޖެހުމެއްގެ އެހީގައި ޖޭމްސް ޖަސްޓިން ވަނީ ލެސްޓާ އަށް ފަރަގު ކުޑަކޮށްދީފައެވެ. އަދި އޭގެފަހުން، މެޗުގެ 63 ވަނަ މިނެޓުގައި ވިލްފްރެޑް އެންޑީޑީ ދިން ބޯޅައަކުން ޕެނަލްޓީއޭރިޔާ ތެރެއިން އެއްފަހަރުން ފޮނުވާލި ހަމަލާއަކުން ޖަސްޓިން ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ.

ލެސްޓާ އިން އެއްވަރުކުރުމުން އާސެނަލުން އަލުން ގޭމްގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތުގެ ތެރެއިން ފޮނުވާލި ގިނަ ހަމަލާތަކެއް ކީޕަރު، މެޑްސް ހާމެންސަން ވަނީ ހުއްޓުވައިފައެވެ. އޭގެތެރޭގައި، އޭނާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އާސެނަލްގެ ފޯވާޑް، ޓްރޮސާޑް ފޮނުވާލި ބޯޅައަކާއި، ގޯލާއި ވަރަށް ކައިރިން ކައި ހަވާޓްޒް ފޮނުވާލި ނުރައްކާތެރި ހަމަލާއެއްވެސް ހާމެންސަން މަތަކުރިއެވެ.

ނަމަވެސް، މެޗުގެ އިތުރުވަގުތުގެ ހަތަރުވަނަ މިނެޓުގައި ޓްރޮސާޑް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލެސްޓާގެ މިޑްފީލްޑަރު، އެންޑީޑީ ގައިގަ ޖެހިފައި ވަތް ބޯޅަ ހުއްޓުވަން ހާމެންސަން އަށް މާބޮޑު މަސައްކަތެއްނުކުރެވުނެވެ.

އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ނުވަވަނަ މިނެޓުގައި އާސެނަލުން ވަނީ މުޅި މެޗުގައިވެސް މޮޅު ސޭވްތަކެއްކުރި ހާމެންސަން ބަލަހައްޓަމުންދިޔަ ގޯލް ފޫއަޅުވާލައިފައެވެ. މިއީ އާސެނަލްގެ އެޓޭކެއްގައި ޕެނަލްޓީއޭރިޔާ ތެރެއިން ޖަސްޓިން ދިފާއުކުރަން އުޅުނު ބޯޅައެއް ހަވާޓްޒް އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުން ހޯދީ މޮޅާއެކު އާސެނަލުން ވަނީ ތާވަލްގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައެވެ. މި ދެ ޓީމަށް ވެސް މިހާތަނަށް ކުޅުނު ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. އޭގެ އެއްޕޮއިންޓް ފަހަތުން ތިންވަނައިގައި ޗެލްސީ އޮތްއިރު، ހަތަރެއްގައި އޮތް ލިވަޕޫލަށް 5 މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ލީގުގައި އާސެނަލް ދެން ކުޅޭ މެޗުގައި އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ސައުތެމްޓަނާ އެވެ. އޭގެކުރީން، އެ ޓީމުން ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.