ލުބްނާނުގެ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ނިރުބަވެރި ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ޝަހީދުކޮށްލައިފާވާކަން އެޖަމާއަތުން ހާމަކޮށްފިއެވެ. ނަސްރުﷲ ޝަހީދުކޮށްލާފައިވާކަން ހާމަކޮށް ޙިޒްބުﷲ އިން ވަނީ ޣައްޒާގެ ދިފާއުގައާއި އަދި ލުބުނާނުގެ ދިފާއުގައި އެޖަމިއްޔާއިން ޔަހޫދީންނާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ. ޔަހޫދީ ޖަމާއަތުން ވަނީ ހުކުރު ދުވަހު ބައިރޫތަށް ޢަމާޒުކޮށް ދިން ޙަމަލާތަކުގައި ނަޞްރުالله ޝަހީދުވެފައިވާކަމަށް ބުނެފައެވެ.
ޔަހޫދީ ފައުޖުން ނަޞްރުالله ޝަހީދު ކޮށްލަން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ހުންނަ އެ ޖަމާޢަތުގެ މައި މަރުކަޒަށެވެ. އެ މަރުކަޒު ހުންނަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކެއްގެ ތެރޭގައެވެ. އެހަމަލާގައި ނަސްރުﷲގެ އިތުރުން ޙިޒްބުﷲގެ ކޮމާންޑަރެއް ކަމަށްވާ އަލީ ކަރްކީ އާއި އިތުރު ބަޔަކުވެސް ވަނީ ޝަހީދުކޮށްލާފައެވެ. ޔަހޫދީންގެ ހަމަލާތަކުގައި ޙިޒްބުﷲގެ ކޮންމާޑަރުންގެ ތެރެއިން ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާކަމަށް އެޖަމާއަތުން ވަނީ ހާމަކޮށްފައެވެ.
އެމެރިކާއިން ފޯރުކޮށްދީފައިވާ ނުރައްކާތެރި ބޮންތައް ބޭނުންކޮށްގެން ލުބުނާނުގެ އެކި ސަރަޙައްދުތަކަށް ޙަމަލާ ދެމުންދާ ދަނޑިވަޅެއްގައި ޔަހޫދީ ފައުޖުން ބުނެފައި ވަނީ ހަނގުރާމަ އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރީ ޙާލަތުގައި ތިބި ކަމަށެވެ. އަދި ރިސާވް ތިން ލަޝްކަރު ޔަހޫދީ ފައުޖުގެ ސެންޓްރަލް ކޮމާންޑާ ގުޅިފައިވާ ކަން ޔަހޫދީ ފައުޖުން ވަނީ ބުނެފައެވެ. ހުސްވި ހަފުތާގައި ވެސް ޔަހޫދީ ފައުޖުން ޟާޙިޔާއަށް ހަތަރު ފަހަރަކު ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރިއެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ ތިން ކޮމާންޑަރަކު ޝަހީދު ކޮށްލިއެވެ.
ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު 2006ވަނަ އަހަރުގެ ތެރޭގައި ކުރި ގެއްލުން ބޮޑު ހަނގުރާމައިގައި ވެސް ނަޞްރުالله ޝަހީދު ކޮށްލިކަން ޔަހޫދީ ފައުޖުން އިޢުލާނު ކުރިއެވެ. ނަމަވެސް އެ ފަހަރު ނަޞްރުالله ވަނީ ޓީވީ މެދުވެރިކޮށް އޭނާގެ ޙާލު ރަނގަޅު ކަން ހާމަކޮށްދެއްވައި ޔަހޫދީންގެ ދޮގުތައް ބޭޒާރުކޮށްލައިފައެވެ.
ޔަހޫދީން ގޮތް ހުސްވެގެން ދެމުންދާ ޙަމަލާތައް ނުރައްކާތެރިވެފައިވާ ދަނޑިވަޅެއްގައި އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަކޮށްފައެވެ. އީރާނަކީ ޔަހޫދީ ފައުޖާ ހަނގުރާމަ ކުރަމުންދާ ޙިޒްބުاللهގެ އިތުރުން ފަލަސްޠީނުގެ ޙަމާސް ޖަމާޢަތާއި ޔަމަނުގެ ޚޫޘީ ޖަމާޢަތުގެ އެންމެ ބޮޑު މަދަދުގާރެވެ. އަދި ޔަހޫދީ ފައުޖުން ދާދި ފަހުން ޙަމާސްގެ އިސްވެރިޔާ އިސްމާޢީލް ޙަނިއްޔާ ޝަހީދުކޮށްލާފައި ވަނީ ވެސް އީރާނުގެ ވެރިރަށް ތަހްރާނުގައި ހުންނަވަނިކޮށެވެ.