ޚަބަރު

މަރުގެ މައްސަލައެއްގައި 4 ކުއްޖަކު ހައްޔަރުކޮށްފި


ހުކުރުދުވަހު ހަވީރު މާލޭގައި ހިންގި މާރާމާރީގައި މަރާލި 14 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައިގައި 18 އަހަރުން ދަށުގެ އިތުރު 4 ކުއްޖަކު ހައްޔަރުކުރައްވައިފިއެވެ.

މަރުގެ މިމައްސަލައާ ގުޅިގެން ފުލުހުން މިމަހުގެ ފަސްވަނަ ދުވަހުގެ ރޭ ވަނީ 18 އަހަރުގެ މީހަކު ހައްޔަރުކުރައްވާފައެވެ. މިއާއެކު މިމައްސަލައާ ގުޅިގެން މިހާތަނަށް ވަނީ 18 އަހަރުން ދަށުގެ 6 ކުދިންނާއި، 18 އަހަރުގެ މީހަކު ހައްޔަރުކުރައްވާފައެވެ.

މީގެ ތެރެއިން 4 ކުދިންގެ ބަންދަށް މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ޙާޟިރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ހައްޔަރުކުރެއްވި 16 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް އަދި އަށާރަ އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ދެއްވާފައެވެ.

ހުކުރުދުވަހު މާލޭގައި ހިނގި މާރާމާރީގައި 14 އަހަރުގެ އިތުރު ކުއްޖަކު ވަނީ މަރާލާފައެވެ. ފުލުހުން ވިދާޅުވީ ހުކުރުދުވަހު ހިނގި މާރާމާރީތަކަކީ މާފަންނަށް ނިސްބަތްވާ 2 ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކެއްކަމަށެވެ. އަދި މި މާރާމާރީތަކާ ގުޅިގެން މަރުވެފައިވާ 2 ކުދިންނަކީވެސް ކުށުގެވެށީގައި އުޅުނު ކުދިންކަމަށް ތުހުމަތު ކުރެވޭކަމުގައި ފުލުހުން ވިދާޅުވެއެވެ. އެގޮތުން ހުކުރުދުވަހުގެ ރޭ މަރާލާފައިވަނީ، އެދުވަހު ހަވީރު ހިންގި މާރާމާރީގައި ބަރިވެރިވި ކުއްޖެއްކަމަށް ފަލުހުން ވިދާޅުވެއެވެ.