ޚަބަރު

ނަޞްރުالله ޝަހީދުކޮށްލަން ދިން ޙަމަލާއިން ބައިރޫތު ގުޑުވާލައިފި


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުالله ޝަހީދު ކޮށްލުމުގެ ޖައްބާރު މަޤުޞަދުގައި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ބައިރޫތަށް ދިން ރަޙުމު ކުޑަ ޙަމަލާތަކާ އެކު އެ ރަށަށް ގުޑުން ގެނުވައިފިއެވެ. ޔަހޫދީ ފައުޖުން އެންމެ ފަހުން ބައިރޫތަށް ދީފައިވާ ޙަމަލާތަކުގެ އަމާޒަކީ ނަޞްރުالله ޝަހީދު ކޮށްލުން ކަމަށް, ނަން ހާމަ ކޮށްފައި ނުވާ ޔަހޫދީންގެ މަސްދަރަކުން ވަނީ އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޯސަށް ކަށަަވަރު ކޮށްދީފައެވެ. އޭގެ ފަހުން ޔަހޫދީ ފައުޖުން ވަނީ ނަޞްރުالله ޝަހީދު ކޮށްލިކަން އިޢުލާން ކޮށްފައެވެ. ނަމަވެސް ޙިޒްބުالله އެ ކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޙިޒްބުاللهގެ މުޖާހިދުން ނައްތައިލުމުގެ ނަމުގައި ޔަހޫދީ ފައުޖުން ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ދަނީ އެ ޤައުމުގެ ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 700އަށް ވަނީ އުފުލިފައެވެ. އޭގެ ތެރޭގައި 50އަށްވުރެ ގިނަ ކުޑަކުދިންނާއި ގިނަ ޢަދަދެއްގެ އަންހެނުން ހިމެނެއެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ތެރެއިން 5,000އެއްހާ މީހުންނަށް ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާ ދެމުންދާ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ނަޞްރުالله ޝަހީދު ކޮށްލުމަށް ބައިރޫތުގެ ދެކުނަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގެ މަޤުޞަދު ކާމިޔާބުވި ކަން ސާފެއް ނޫނެވެ. ނަމަވެސް, ޙިޒްބުاللهއާ ގުޅުން އޮންނަ މަސްދަރަކުން ވަނީ, އޭނާ ޝަހީދުކޮށްލެވިފައި ނުވާ ކަން ކަށަވަރު ކޮށްދީފައެވެ. އީރާނުގެ ތަސްނީމު ނޫސް އޭޖެންސީން ވެސް ވަނީ އޭނާ ރައްކާތެރި ހާލުގައި ހުންނެވި ކަމަށް ރިޕޯޓު ކޮށްފައެވެ. ނަޞްރުاللهގެ ހާލާ ގުޅޭ ގޮތުން ޙިޒްބުاللهން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.

ޔަހޫދީންގެ ޙަމަލާތަކުގައި ޢާންމުން ދިރިއުޅޭ ހަތަރު އިމާރާތެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވެއެވެ. ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, އެ ޙަމަލާތަކުގައި ދެ މީހަކު ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު, އިތުރު 76 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި އިތުރު މީހުން ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކުރަން އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔަހޫދީ ފައުޖުން ބުނީ, ނަޞްރުالله ޝަހީދު ކޮށްލަން ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ޟާޙިޔާ ޑިސްޓްރިކްޓުގައި ހުންނަ އެ ޖަމާޢަތުގެ މައި މަރުކަޒަށް ކަމުގައެވެ. އަދި, އެ މަރުކަޒު ހުންނަނީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކެއްގެ ތެރޭގައި ކަމުގައެވެ. ހުސްވި ހަފުތާގައި ވެސް ޔަހޫދީ ފައުޖުން ޟާޙިޔާއަށް ހަތަރު ފަހަރަކު ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒު ކުރިއެވެ. އެ ޙަމަލާތަކުގައި ޙިޒްބުاللهގެ ތިން ކޮމާންޑަރަކު ޝަހީދު ކޮށްލިއެވެ.

ޟާޙިޔާގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުގެ ޙަމަލާތަކުގެ ވަރުގަދަ ޙަމަލާތަކާ އެކު މުޅި ރަށަށް ގުޑުން ގެނުވި ކަމުގައެވެ. އަދި, 2006ވަނަ އަހަރު ޔަހޫދީ ފައުޖުން ބައިރޫތަށް ދިން ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކުގެ ބިރުވެރި ހަނދާންތަކާއި އިހުސާސްތައް އައުވި ކަމުގައެވެ. ނަޞްރުالله ޝަހީދު ކޮށްލުމުގެ ނަމުގައި ޔަހޫދީ ފައުޖުގެ އަނިޔާވެރި ސިފައިން ބައިރޫތަށް ވަރުގަދަ ޙަމަލާތަކެއް ދީފައި މި ވަނީ, ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލަން ޒަޔަނިސްޓު ދައުލަތުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިންކާރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ސުލްޙައިގެ މަޝްވަރާތަކަށް ޖާގަ ދިނުމުގެ ގޮތުން 21 ދުވަހުގެ މުއްދަތަކަށް ޢުދުވާން މެދުކަނޑައިލަން ގޮވައިލާފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ, ފަރަންސޭސިވިލާތް, އޮސްޓްރޭލިޔާ, ޤަޠަރު, އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) ސަޢޫދީ ޢަރަބިއްޔާ އަދި ވިލާތުގެ އިއްތިހާދު (އީޔޫ) ހިމެނެއެވެ. އެ ގޮވައިލުމަށް އިންކާރުކޮށް ހައްދުފަހަނަ އެޅި ނަތަންޔާހޫ ބުނީ, ޙިޒްބުاللهއާ ދެކޮޅަށް ކަމަށް ބުނެ ފަށާފައިވާ ޢުދުވާން މެދުކަނޑައިލުމުގެ އެއްވެސް ނިޔަތެއް ނެތް ކަމުގައެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީޤާތީ ވަނީ ބައިރޫތަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މި ޙަމަލާތަކާ އެކު, ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ގޮވައިލުންތަކަށް ޔަހޫދީން އިޙުތިރާމު ނުކުރާ ކަން ހާމަވެގެން ގޮސްފައިވާ ކަމުގައި އޭނާ ސިފަ ކުރެއްވިއެވެ. ބައިރޫތުގައި ހުންނަ އީރާނުގެ އެމްބަސީން ބުނީ, އެންމެ ފަހުގެ ޙަމަލާތަކާ އެކު ހަނގުރާމައިގެ މަސްރަޙު ބަދަލުވެގެންދާނެ ކަމުގައެވެ. އަދި, ޔަހޫދީންނަށް އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އަދަބު ދޭނެ ކަމުގައެވެ.

ޔަހޫދީންގެ އެންމެ ފަހުގެ ޙަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތް ވެސް ހިމެނެއެވެ. "ބައިރޫތުގެ ދެކުނަށް ދީފައިވާ ނުރައްކާތެރި ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ ނަގައިލައި, ބޮޑެތި ގެއްލުންތަކެއް ދިން. މި ކަން ވަގުތުން ހުއްޓުވަން ޖެހޭ،" އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ފަރަންސޭސިވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކޮލާ ދު ރީވިޔޭ ވިދާޅުވިއެވެ.

އެމެރިކާއިން ވެސް ބުނީ, މި މައްސަލައަށް ޙައްލެއް ހޯދޭނެ ހަމައެކަނި މަގަކީ މަޝްވަރާ ކަމުގައެވެ. "އަޅުގަނޑުމެން ޤަބޫލު ކުރަނީ, ކުރިއަށް ދެެވެން އޮތް ހަމައެކަނި މަގަކީ މަޝްވަރާ ކަން, ހަމަނުޖެހުން ނޫން ކަން. މަޝްވަރާ ކޮށްގެން ކަންކަން ޙައްލު ކުރުމަކީ ދިގު ރާސްތާއެއްގެ ގޮތުގައި މި ވަގުތު ފެނިދާނެ, ނަމަވެސް އެ ފުރުޞަތު އެބައޮތް, އަޅުގަނޑުމެން ޤަބޫލު ކުރަނީ, އޮތް ޙައްލަކީ އެއީ ކަން, އަދި އެ ކަމަށް ބާރު އެޅުމަށް ހުރިހާ ޕާޓީތަކާ އެކު މަސައްކަތް ކުރަމުން ދާނަން،" އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން ލުބްނާނަށް ރަޙުމު ކުޑަ ޙަމަލާތަކެއް ދޭން ފަށާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާތާ އަހަރެއް ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,534އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 96,092އަށް އުފުލިފައެވެ.