ޚަބަރު

ޕީއެސްއެމްގެ މުވައްޒަފުންގެ މެދުގައި ކާމިޔާބު ފުޓްސަލް ފިއެސްޓާއެއް


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މުވައްޒަފުންގެ މެދުގައި ބޭއްވި ފުޓްސަލް ފިއެސްޓާ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ފިއެސްޓާ ކުރިއަށްދިޔައީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހެންވޭރު ފުޓްބޯޅަ ދަނޑުގައެވެ.

"ޕީއެސްއެމް ފުޓްސަލް ފިއެސްޓާ 2024" ގެ ނަމުގައި ކުރިއަށްދިޔަ މި ފިއެސްޓާގެ ފިރިހެން ބައިގައި އަށް ޓީމެއް ވަނީ ވާދަކޮށްފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައި 4-3 ގެ ނަތީޖާއަކުން ޓީމު ސީ ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައިވަނީ ޓީމު ޑީ އެވެ. އަދި އަންހެން ބައިގައި ދެ ޓީމެއް ވާދަކުރިއިރު، އެ ދެ ޓީމުގެ ދެމެދުގައި ވަނީ އެގްޒިބިޝަން މެޗެއް ކުޅެފައެވެ. ރެޑް ޓީމާ ދެކޮޅަށް ކުޅުނު މި މެޗު 6-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ބްލޫ ޓީމުންނެވެ.

މި ފިއެސްޓާ ކުރިއަށްދިޔައިރު، ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އަމަލީ ގޮތުން ފިއެސްޓާ ހިންގުމުގަ އާއި، ޓީމުތަކަށް ސަޕޯޓުކުރުމުގައި ހަރަކާތްތެރިވެފައެވެ. ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ޕީއެސްއެމްއިން ފުޓްސަލް ފިއެސްޓާއެއް ބޭއްވިިއިރު، މި ފިއެސްޓާގެ ބޭނުމަކީ ކުޅިވަރުގެ ތެރެއިން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މުވައްޒަފުން މޯޓިވޭޓްކުރުމެވެ.

ޕީއެސްއެމް ފުޓްސަލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދެވެ. ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ސަޢީދު ވަނީ "ހުސެއިން މުޙައްމަދު މެމޯރިއަލް ކަޕް" ގެ ނަމުގައި މި މުބާރާތް ކުރިއަށް އޮތް އަހަރުތަކުގައި ބާއްވާނެކަން އިއުލާން ކުރައްވާފައެވެ. އަދި މުވައްޒަފުންގެ މެދުގައި ރެކްރިއޭޝަން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް، ޕީއެސްއެމްގެ މޯލްޑިވްސް މީޑިއާ ކުލަބު އިތުރަށް ހަރުދަނާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.