ޚަބަރު

ސޫދާންގެ ވެރިރަށް މިނިވަން ކުރަން އަސްކަރީ ހަރަކާތެއް ފަށައިފި


ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ އަތްދަށުން ސޫދާންގެ ވެރިރަށް ޚަރްތޫމް މިނިވަން ކުރަން އެ ޤައުމުގެ އަސްކަރިއްޔާއިން ވަރުގަދަ ހަރަކާތެއް ފަށާފައިވާ ކަން ހާމަކޮށްފިއެވެ. ސޫދާންގެ އަސްކަރިއްޔާއިން ހަރަކާތެއް ފަށާފައި ވަނީ, މިހާރު ކުރިއަށްދާ އދގެ ޢާންމު މަޖިލީހުގެ 79ވަނަ ޢާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެ ޤައުމުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙް އަލް-ބުރްހާނީ އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރާ ދިމާކޮށެވެ.

އާރްއެސްއެފްގެ ފައުޖުން ޚަރްތޫމަށް އަތްގަދަ ކޮށްފައި ވަނީ މީގެ 17 މަސް ކުރިންނެވެ. ސޫދާންގެ އަސްކަރިއްޔާއިން ބުނީ, ޚަރްތޫމް މިނިވަން ކުރުމަށް ފަށާފައިވާ އަސްކަރީ ހަރަކާތުގެ ދަށުން އާރްއެސްއެފްގެ އަމާޒުތަކަށް ވައިގެ ޙަމަލާތަކާއި އާޓިލަރީ ބަޑީގެ ޙަމަލާތައް އަމާޒު ކުރަން ފަށާފައިވާނެ ކަމުގައެވެ. އަދި, ނީލަ ކޯރު ހުރަސްކޮށް ޚަރްތޫމްގެ އިތުރުން އުންމު ދުރްމާނާއި ބަޙްރިއްޔަށް އެއްގަމު މަގުން އަސްކަރިއްޔާގެ ސިފައިން އަރަން މަސައްކަތް ފަށާފައިވާނެ ކަމުގައެވެ.

އދގެ ޢާންމު މަޖިލީހުގެ ޖަލްސާގައި ތަޤުރީރު ކުރައްވަމުން ޖެނެރަލް ބުރްހާނީ ވިދާޅުވީ, ސޫދާންގެ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް, އެ ޤައުމުގައި ސުލްޙަ ޤާއިމު ކުރަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ފަށާފައިވާ މަސައްކަތްތަކަށް އެ ޤައުމުގެ އަސްކަރިއްޔާއިން މަރުޙަބާ ކިޔާ ކަމަށާއި, އެ ކަމަށް އެއްބާރުލުން ދޭނެ ކަމުގައެވެ. ނަމަވެސް, ސުލްޙަ ޤާއިމު ކުރެވޭނެ ހަމައެކަނި މަގަކީ އާރްއެސްއެފްގެ ފައުޖުން ހަތިޔާރު ތިރިކުރުން ކަމުގައެވެ.

ސޫދާންގެ ދާޚިލީ މަސްރަޙު އިތުރަށް ގޯސް ކުރުމުގެ މަޤުޞަދުގައި ބޭރުގެ ޤައުމުތަކަކުން އާރްއެސްއެފަށް މާލީ އަދި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި, ހަނގުރާމަ ކުރުމަށް ކުލީ ސިފައިން ފޮނުވަމުންދާ ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ. އެއީ ކޮން ޤައުމުތަކެއް ކަން ބުރްހާނީ ހާމަ ކުރައްވާފައި ނެތް ނަމަވެސް, އޭނާގެ އަސްކަރިއްޔާއިން އެ ތުހުމަތު އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ކޮނޑުގައި ކުރިން އަޅުވާފައިވެއެވެ. އާރްއެސްއެފަށް ހަތިޔާރު ފޯރުކޮށްދެމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ޔޫއޭއީން ވަނީ ދޮގު ކޮށްފައެވެ.

އާރްއެސްއެފުން ބުނީ, ނީލަ ކޯރު ހުރަސް ކުރަން މަސައްކަތް ކުރަމުންދާ އަސްކަރިއްޔާގެ ފައުޖުތަކަށް ރައްދު ޙަމަލާދީ, އެ މީހުން ފަހަތަށް ޖައްސާފައިވާނެ ކަމުގައެވެ. މި އަހަރުގެ ކުރީކޮޅު ބުރްހާނީގެ ސިފައިން ވަނީ އުންމު ދުރްމާންގެ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައެވެ. ނަމަވެސް, އެ ރަށުގައި ތިބި އާރްއެސްއެފްގެ ސިފައިން ފައްސައިލެވިފައެއް ނުވެއެވެ.

ސޫދާންގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން 10 މިލިޔަން މީހުންނަށް ވަނީ އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައެވެ. ދާޚިލީ ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ހުސްވެ, އެ ޤައުމުގެ ޢާންމު ރައްޔިތުން ވަނީ ހައިހޫނުގައި ޖެހިފައެވެ. ހަނގުރާމައަށް ނިމުމެއް ގެނައުމަށް އެމެރިކާއިން އިސްވެ ސްވިޓްޒަލެންޑުގައި ހުސްވި މަހު ބޭއްވި ސުލްޙައިގެ މަޝްވަރާތަކުގައި ބައިވެރިވާން ބުރްހާނީގެ އަސްކަރިއްޔާއިން ވަނީ އިންކާރު ކޮށްފައެވެ.

އދގެ ޢާންމު މަޖިލީހުގައި ބުރްހާނީ ތަޤުރީރު ކުރެއްވުމުގެ ކުރިން އާރްއެސްއެފްގެ ވެރިޔާ މުޙައްމަދު ޙަމްދާން ދަޤްލޫ ވެސް ވަނީ ވީޑިޔޯ ތަޤުރީރެއް ޢާންމު ކޮށްފައެވެ. އެ ތަޤުރީރުގައި އޭނާ ބުނީ, ޙަމަލާ ބަދަލުކުރުން މެދުކަނޑައިލައި, ސޫދާންގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ފެށުމުގެ ފުރުޞަަތު ދޭން އާރްއެސްއެފުން ތައްޔާރަށް އޮތް ކަމުގައެވެ.

އޭނާ މިހެން ބުނި ނަމަވެސް, އާރްއެސްއެފްގެ ފައުޖުތަކުން ދަނީ އިތުރު ރަށްތަކަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. ސޫދާންގެ ހުޅަނގުގައި އޮތް އުތުރު ދަރްފޫރުގެ ވެރިރަށް އަލް-ފާޝިރަށް އަތްގަދަ ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އާރްއެސްއެފްގެ ފައުޖުތަކުން ވަނީ އެ ރަށް ވަށައިލާފައެވެ. އަދި, އާރްއެސްއެފްގެ ސިފައިން ދަނީ އެ ރަށުގައި ތިބި އަސްކަރިއްޔާގެ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ.

ސޫދާންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއިން އެ ޤައުމުގެ އަސްކަރިއްޔާއާއި އާރްއެސްއެފްގެ ފައުޖުން ލާއިންސާނީ ޖާރީމާތައް ހިންގަމުންދާ ކަން އދން ދާދި ފަހުން ހާމަކޮށްފައިވެއެވެ. އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާގެ ވެރިޔާ ފޮލްކަރ ތުރްކު ވިދާޅުވީ ކުށެއް ނެތް ޢާންމުން ޤަތުލު ކުރުމާއި, ޖިންސީ އަނިޔާ އަދި އަންހެނުންނާއި ޅަ އުމުރުގެ ފިރިހެން ކުދިން ވަގަށް ގެންދިޔުން ފަދަ ލާއިންސާނީ އަނިޔާތައް ސޫދާންގައި ޢާންމުވެފައިވާ ކަމުގައެވެ. އަދި, އަލް-ފާޝިރު އާރްއެސްއެފްގެ އަތްދަށަށް ގޮސްފި ނަމަ, އެ ފަދަ އަނިޔާވެރިކަން އެތަކެއް ގުނައަކަށް އިތުރުގެންދާނެ ކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ.