ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ


  • ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރާތީ މާދަމާ ހެނދުނު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް

  • މި މަސައްކަތް މާދަމާ ހެނދުނު 09:30 އިން 10:15 އަށް ކުރިއަށްދާނެ

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ކުރާތީ، މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނިން މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 09:30 އިން 10:15 އަށް އަދި މެންދުރުފަހު 2:00 އާއި 3:00 ދެމެދުކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، މާދަމާ ހެނދުނު 09:30 އާއި 10:15 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވަނީ މާލެ ސިޓީ، ހަނދުވަރީ ހިނގުން، އަމީނީ މަގު، ބުރުޒު މަގު، ޢިއްޒުއްދީން މަގު އަދި ދިލްބަހާރު ހިނގުން ހިމެނޭ ސަރަޙައްދުންކަމަށެވެ. އަދި މެންދުރުފަހު 2:00 އާއި 3:00އާ ދެމެދު ކަރަންޓް ކެނޑުން އެކަށީގެންވަނީ މާލެ ސިޓީ، ކަނބާއައިސާރަނި ހިނގުން، ބްލޫކިޔާ މަގު، ޝަހީދު ޢަލީ ހިނގުން، މުރަނގަ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަޙައްދުންކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.