ޚަބަރު

ރާއްޖޭގެ ރީތިކަން ދައްކާލުމަށް "މޯލްޑިވްސް މޯމަންޓްސް 2024"


  • މި މުބާރާތް ކުރިއަށްގެންދަނީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން

  • މުބާރާތް ކުރިއަށް ދާނީ 27 ސެޕްޓެމްބަރު އިން 12 އޮކްޓޯބަރަށް

  • 18 އަހަރުން މަތީގެ އެންމެންނަށް ބައިވެރިވެވޭނެ

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީން މުޅި ދުނިޔެއަށް ހުޅުވާލައިގެން "މޯލްޑިވްސް މޯމަންޓްސް2024"ގެ ނަމުގައި ރާއްޖެ އިޝްތިހާރުކުރުމަށް މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތް ކުރިއަށް ދާނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހަރަކާތުގެ އަމާޒަކީ ބައިވެރިންގެ ހުނަރު ދައްކާލުމުގެ އިތުރުން ރާއްޖޭގެ ހިތްގައިމު ރީތިކަމާއި މުއްސަނދި ސަގާފަތާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތައް މުޅި ދުނިޔެއަށް ދައްކާލުންކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި މުބާރާތުގެ ތެރެއިން ރާއްޖޭގެ ހިތްގައިމު ފޮޓޯތައް ނުވަތަ ވީޑިއޯތައް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި "މޯލްޑިވްސްމޫމަންޓްސް2024" ހޭޝްޓެގް ބޭނުންކޮށްގެން ހިއްސާކުރާއިރު ކުރު ތަފްސީލެއްވެސް ހިއްސާކުރަން ޖެހެއެވެ. މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ރާއްޖޭގެ ނަލަކަން ދައްކުވައިދިނުމަށް ހިތްވަރުދޭކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އުމުރުން 18 އަހަރުފުރިފައިވާ ކޮންމެ މީހަކަށް ބައިވެރިވެވޭނެއެވެ. ކޮންމެ ބައިވެރިއަކަށްވެސް އޮރިޖިނަލް ތިން އެންޓްރީއެއް ހުށަހެޅޭނެއެވެ. ފޮޓޯތައް ހުށަހަޅަން ޖެހޭނީ 1:1 ރޭޝިއޯއެއްގައި އަދި ވީޑިއޯތައް ހުންނަން ޖެހޭނީ ދިގުމިނުގައި 60 ސިކުންތަށް ވުރެ ދިގު ނޫން 16:9 ޕޯޓްރެއިޓް ފޯމެޓެއްގައެވެ. މި މުބާރާތަށް އޭއައި އިން އުފައްދާ ކޮންޓެންޓް ބަލައިނުގަނެވޭނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި މުބާރާތުން އެއްވަނައަށްދާ ނަސީބުވެރިފަރާތަކަށް 4 ރޭގެ ހާއްސަ ޗުއްޓީއެއް ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްއިން ލިބޭނެއެވެ. އަދި ނަސީބުވެރި ފަރާތުގެ ހުށަހެޅުން ވިޒިޓް މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި އެހެނިހެން ޕްރޮމޯޝަނަލް ހަރަކާތްތަކުން ފެންނާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން މިފަދަ ތަފާތު ހަރަކާތްތައް މެދުވެރިކޮށް ރާއްޖޭގެ ރީތިކަން ދައްކުވައިދެމުން އަންނައިރު "މޯލްޑިވްސް މޯމަންޓްސް2024" މުބާރާތަކީ އެންމެ މަގްބޫލް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ އޮތް މަގާމު ދެމެހެއްޓުމުގެ މަގުސަދުގައި ހިންގާ ހަރަކާތެކެވެ.