ޚަބަރު

ޕަލޭމޯ އަތުން ހޯދި ބޮޑު މޮޅާއެކު ނާޕޮލީ ގަދަ 16 އަށް


އިޓާލިއަން ކަޕުގައި ރޭ ސިރިލް އެންގޮންގޭ ޖެހި ދެ ލަނޑާއެކު، 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕަލޭމޯ ބަލިކޮށް ގަދަ 16 ބުރުގެ ޖާގައެއް ނާޕޮލީން ހޯދައިފިއެވެ.

ނާޕޮލީން ރޭގެ މެޗަށް ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން، އެންމެ ފަހުން ލީގުގައި ޔުވެންޓަސްއާ ދެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ވަނީ ނުވަ ބަދަލެއް ގެނެސްފައެވެ. މީގެތެރޭގައި، އެ ޓީމުގެ ފޯވާޑް ލައިންގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ، ޖޯޖިއާގެ ވިންގާއި، ކްވިޗާ ވަރަޝްކޭލިއާ އަދި ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ ފެށީ ބެންޗުންނެވެ.

ނާޕޮލީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑްނެގީ ހަތްވަނަ މިނެޓުގައި އެންގޮންގޭ ޖެހި ލަނޑުންނެވެ. އޭގެ ފަސް މިނެޓުފަހުން، އެންގޮންގޭ ވަނީ އޭނާގެ ދެވަނަ ލަނޑުޖަހައިދީ، ނާޕޮލީ އަށް ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. މި ބޯޅަ ސަލާމަތްކުރަން ޕަލޭމޯގެ ގޯލްކީޕަރު، ސަލްވަޓޯރޭ ސިރިގޫ އަށް މާބޮޑު މަސައްކަތެއްނުކުރެވުނެވެ.

މި މެޗުގެ 29 ވަނަ މިނެޓުގައި ޕަލޭމޯއިން ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފައެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް، މަޓެއޯ ބްރޫނޮރީ ފޮނުވާލި މި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. އޭގެފަހުން، މެޗުގެ 42 ވަނަ މިނެޓުގައި ނާޕޮލީގެ ޑިފެންޑަރު، ހުއާން ޖީސަސް ކާމިޔާބުކުރި ގޯލާއެކު އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 13 ވަރަކަށް މިނެޓުގެ ތެރޭގައި ޕަލޭމޯ އަށް އިތުރު މައްސަލަތައް ކުރިމަތިވީ، ނާޕޮލީގެ މިޑްފީލްޑަރު، ބިލީ ގިލްމޯގެ މޫނުމަތީގައި ޖެހުމުން އެ ޓީމުގެ އެލްޔޯސާ ވަސިޗް އަށް ސީދާ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

މި މެޗުގައި ނާޕޮލީ އިން ޖެހި ހަތަރުވަނަ ލަނޑު، 70 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގް، ޑޭވިޑް ނެރޭސް ކާމިޔާބުކޮށްދިންއިރު، އޭގެ ހަތް މިނެޓުފަހުން ނާޕޮލީގެ ފަސްވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ އެވެ.

ނާޕޮލީ ދެން ކުޅޭ މެޗުގައި ލީގުގައި މި މަހުގެ 29 ވާ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ މޮންޒާއާ ދެކޮޅަށެވެ.