ޚަބަރު

ފީފާގެ ނިންމުމާއެކު ވެލެންސިއާގެ ސަސްޕެންޝަން ނިމުމަކަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ނިންމުމާއެކު، ކުލަބު ވެލެންސިއާގެ ސަސްޕެންޝަން ނިމުމަކަށް އަތުވެއްޖެއެވެ.

މި އަހަރުގެ މާޗު މަހު އެފްއޭއެމް އިން ވެލެންސިއާ ސަސްޕެންޑުކޮށްފައިވަނީ އެ ކުލަބުން ވަކިކުރި ބޯޑު މެންބަރު ހަސަން ވަހީދު (ދޮނާ) ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާތީ، އެ ހުރިހާ ކަމެއް ބަލައި، ވެލެންސިއާގެ ކަންކަން ރަނގަޅު ގޮތަށް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެއެވެ. އަދި މި ސަސްޕެންޝަން ދެމެހެއްޓުމަށް އެފްއޭއެމް އިން ނިންމާފައިވަނީ ވެލެންސިއާއިން އައު ބޯޑެއް އިންތިޚާބު ކުރަންދެނެވެ. އެކަމަކު އެ ކުލަބު ސަސްޕެންޑްކުރަން ނިންމީ އެ އެސޯސިއޭޝަނުން ބާއްވަން މަސައްކަތްކުރި އިންތިޚާބާ ދިމާކޮށް ރޭވުމަކުން ކަމަށް ވެލެންސިއާއިން އޭރު ވަނީ ބުނެފައެވެ.

އެކަމަކު އެފްއޭއެމްގެ ހިންގުން މިދިޔަ އޯގަސްޓް މަހު ފީފާއިން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށްފައިވާއިރު، މިހާރު ފީފާގެ ޓީމެއް އަންނަނީ ނޯމަލައިޒިން ކޮމިޓީއާއެކު ރާއްޖޭގައި މަސައްކަތްކޮށް، ބައެއް ނިންމުންތައް ނިންމަމުންނެވެ.

އެ ގޮތުން، ފީފާގެ ޓީމުން ވަނީ މި އަހަރުގެ ފެބްރުއަރީ އަށްވަނަ ދުވަހު އެފްއޭއެމް އިން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބަލައިނުގަންނަން ނިންމާފައެވެ. އެހެންކަމުން އެ ކޮންގްރެސްއިން ނިންމާފައިވާ ނިންމުންތައް އުވިފައިވާއިރު، ވެލެންސިއާ ސަސްޕެންޑް ކުރަން ނިންމީ އެ ކޮންގްރެސް އިން ފާސްކުރި ޑިސިޕްލިނަރީ ކޮމީޓީއަކުންނެވެ. އެހެންކަމުން ވެލެންސިއާގެ ސަސްޕެންޝަން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ވެލެންސިއާގެ ސަސްޕެންޝަން ނިމުމަކަށް އައިރު، ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް އެ ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވަނީ އެފްއޭއެމްގެ ތެރޭގައި ހިނގާފައި ހުރި ކަންކަމަށް ބަލާއިރު، ވެލެންސިއާއަކީ ސަސްޕެންޑް ވެފައި އޮންނަން ޖެހޭނެ ކުލަބެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އެފްއޭއިމް މި އަހަރުގެ ޖެނުއަރީ މަހު ބާއްވަން މަސައްކަތްކުރި އިންތިޚާބާ ދިމާކޮށް ވެލެންސިއާ ސަސްޕެންޑް ކުރިއިރު، އެ އިންތިޚާބުގައި ވާދަކުރައްވަން ނަން ހުށަހެޅެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާވިޒް ހާޝިމް (މުފާ) އާއި އެފްއޭއެމްގެ ކުރީގެ ރައީސް އަޙްމަދު ޠާރިޤު (ޓޮމް) އަށް ވެލެންސިއާއިން ވަނީ ތާއީދު ސިޓީ ދީފައެވެ. އެކަމަކު އެ މައްސަލަ ބަލައި، އެފްއޭއެމް އިން ވަނީ ވެލެންސިއާގެ ތާއީދު ސިޓީތައް ބަލައިނުގަންނަން ނިންމާފައެވެ. އެއާއެކު ޠާރިޤުގެ ކެންޑިޑެސީ ވަނީ ބާތިލުވެފައެވެ.