ޚަބަރު

އާރޯ ކެމްޕެއިންގެ ދަށުން ހުޅުމާލޭގައި ގަސް އިންދައިފި


ދައުލަތުގެ މިނިވަން މުއައްސަސާތަކުން ގުޅިވަޑައިގެން ފައްޓަވާފައިވާ އިޖްތިމާޢީ ހަރަކާތް، "އާރޯ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގައި ގަސްއިންދުމުގެ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ. 

މިނިވަން މުއައްސަސާތަކުން ގުޅިވަޑައިގެން ފައްޓަވާފައިވާ އިޖްތިމާޢީ ކެންޕެއިން "އާރޯ" ގެ ދަށުން ކުރިއަށްގެންދެވި ފުރަތަމަ ހަރަކާތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު އެއްހާހަށްވުރެ ގިނަ ގަސް އިންދާފައިވެއެވެ. މިހަރަކާތުގައި 13 މުއައްސަސާއެއްގެ އިސްވެރިންނާއި މުވައްޒަފުން ހިމެނޭ ގޮތަށް 1200 އެއްހާ މުވައްޒަފުން ބައިވެރިވިއެވެ. 

ގަސްއިންދުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރ ޠާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ ތިމާވެށީގެ ގޮތުން ނާޒުކު ޤައުމެއްކަމުން ތިމާވެށީގެ މައްސަލަތަކުން ލިބޭ ގެއްލުންތައް ކުޑަކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި މިނިވަން މުއައްސަސާތަކުގެ އެއްބާރުލެއްވުން ވަރަށް މުހިންމު ކަމަށެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވަނީ ތިމާވެއްޓަށްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ތަރައްޤީގެ މަގުގައި ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުގައި، ތިމާވެށްޓަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14650566774959.jpg|އެންވަޔަރަމަންޓް މިނިސްޓަރ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގަހެއް އިންދަވަނީ / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވީ އިޖްތިމާޢީ އެކިއެކި ކަންކަމުގައި މިނިވަން މުއައްސަސާތަކުން ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމަކީ ލިބިގެންދާ ބޮޑު ކުރިއެރުމެއްކަމަށެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ހުޅުމާލޭގެ ތަރައްޤީގެ މާސްޓަރ ޕްލޭން ރާއްވަވާފައިވަނީ ވީހާވެސް ގިނަ ހުސްޖާގަ އޮންނަ ގޮތަށް ކަމަށެވެ. އާންމު ރައްޔިތުންނަށް ހިތްފަސޭހަ ޝަހަރެއްގެ ގޮތުގައި ހުޅުމާލެ ތަރައްޤީ ކުރެއްވުމަށްކަމަށެވެ. މިކަން ކާމިޔާބު ކުރެވޭނެ ހުޅުމާލެއަކީ ވަރަށް ފެހި، ތިމާވެއްޓާ ރައްޓެހި ސިޓީއެއްގެ ގޮތުގައި ހަދައިގެންކަން ސައިމަން ފާހަގަ ކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14650566926123.jpg|އާރޯ ކެމްޕެއިންގެ ދަށުން ބޭއްވި ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"އާރޯ" އަކީ ދައުލަތުގެ މުސްތަޤިއްލު 13 މުއައްސަސާއެއް ގުޅިވަޑައިގެން ފައްޓަވާފައިވާ އިޖްތިމާއީ ހަރަކާތެކެވެ. މިހަރަކާތުގެ މަޤްޞަދަކީ ދިވެހި ރައްޔިތުންނަށް ފައިދާ ކުރާނެފަދަ އިޖްތިމާއީ ހަރަކާތްތަކެއް ހިންގުމެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އިޖްތިމާއީ ތަފާތު ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާއިރު، ހުޅުމާލޭގައި ކުރިއަށްގެންދިޔަ ގަސްއިންދުމުގެ ހަރަކާތަކީ އާރޯ ގެ ދަށުން ކުރިއަށްގެންދިޔަ ފުރަތަމަ އިޖްތިމާއީ ޙަަރަކާތެވެ.