ޚަބަރު

ގައިޑެޑް ބޮން ބޭނުން ކޮށްގެން ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް


ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ދެ ފަރާތުގެ ފައުޖުތަކުން ވެސް ދަނީ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. ރަޝިޔާގެ ސިފައިންގެ އަމާޒުތަކަށް ޙަމަލާ ދިނުމަށް ޔޫކްރެއިނުން ދަނީ, އެމެރިކާއާއި ނޭޓޯގެ މަދަދުގާރުން ފޯރުކޮށްދެމުންދާ ހަތިޔާރުތައް ބޭނުން ކުރަމުންނެވެ. ފަހަކަށް އައިސް ރަޝިޔާއިން ވަނީ ޔޫކްރެއިންގެ ރަށްތަކާއި ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި ގްލައިޑް ބޮން ނުވަތަ ގައިޑެޑް ބޮން ބޭނުން ކުރުން އިތުރު ކޮށްފައެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ, ފާއިތުވި ހަފުތާއެއްގާ ދުވަހުގެ ތެރޭގައި އެކަނިވެސް ރަޝިޔާއިން އެ ފަދަ 900 އެއްހާ ބޮން ބޭނުން ކޮށްފައިވާ ކަމުގައެވެ. ދެ އަހަރާއި ހަ މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމައިގައި ޔޫކްރެއިންގެ ސިފައިންގެ އިތުރުން ޢާންމުން ދިރިއުޅޭ ރަށްތަކަށް ޙަމަލާ ދިނުމަށް ރަޝިޔާއިން އެ ފަދަ ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގައި ޒެލެންސްކީ ތުހުމަތު ކުރައްވައެވެ. އަދި, އެ ކަން ހުއްޓުވޭނީ, ހުޅަނގުން ފޯރުކޮށްދެމުންދާ ދުރު-ރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްގެން ކަމުގައި އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.

'ގްލައިޑް' ނުވަތަ 'ގައިޑެޑް ބޮމަކީ' ކޮބާ؟

ގްލައިޑް ބޮމަކީ ވައިގެ ޒަރީއާއިން, އަސްކަރީ މަތިންދާބޯޓުތައް ބޭނުންކޮށްގެން, ޙަމަލާ ދިނުމަށް ބޭނުން ކުރެވޭ ހަތިޔާރެކެވެ. އެއީ, ކުރީގެ ރޫސީވިލާތުގެ ޒަމާނުގައި އުފައްދާފައިވާ ބޮންތަކުގައި ފިޔަގަނޑާއި, ސެޓެލައިޓު މެދުވެރިކޮށް ރާސްތާއަށް ވާސިލުވުމުގެ ޤާބިލުކަން އިތުރުކޮށް, ޒަމާނީ ކޮށްފައިވާ ހަތިޔާރެކެވެ. އެއާ އެކު, އެ ބޮމުގެ ރާސްތާއާއި އަމާޒަށް ވާސިލުވުމުގެ ޤާބިލުކަން އެތަކެއް ގުނައަކަށް އިތުރުވެގެންދާ ކަމުގައި އަސްކަރީ މާހިރުން ބުންޏެވެ.

ގައިޑެޑް ނުވަތަ ގްލައިޑް ބޮމަކީ, ހަނގުރާމައިގައި ރަޝިޔާއިން ބޭނުން ކުރަމުންދާ ބެލިސްޓިކް މިސައިލާއި ކްރޫޒް މިސައިލްތަކަށް ވުރެ ކުޑަ ޚަރަދަކުން ތައްޔާރު ކުރެވޭ ނުރައްކާތެރި ހަތިޔާރެކެވެ. 500އާއި 3,000 ކިލޯ ބަރުދަނުގައި ހުންނަ މި ފަދަ ބޮންތައް ރަޝިޔާއިން ފޮނުވައިލަނީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގާ ދުރު ހިސާބަކުންނެވެ. ބޭނުމަކީ, ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން އެ ފަދަ ބޮންތައް ހުއްޓުވުމުގެ ފުރުޞަތު ހަނި ކުރުމެވެ. އެއީ, ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ޤާބިލު ކަން ލިބިފައިވާ ހަތިޔާރެކެވެ.

"އެއީ [ބޮމަކީ] ވަރަށް އާދައިގެ ގޮތަކަށް ފަރުމާ ކޮށްފައިވާ ހަތިޔާރެއް, އެހެންވެ, އޭތި ޖޭމް ކުރުން [ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ހުއްޓުވުން], ނުވަތަ އެއިން ސަލާމަތްވުމުގެ ފުރުޞަތު ވަރަށް ކުޑަ،" ޔޫކްރެއިންގެ ޚާރިޖީ ވަޒީރުގެ މަޤާމު ކުރިން ފުރުއްވާފައިވާ ދްމިތުރޯ ކޫލެބާ ވިދާޅުވިއެވެ.

އެ ފަދަ ހަތިޔާރު ބޭނުން ކޮށްފައި ވަނީ ކޮން ތަނަކު؟

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަައިގައި ފުރަތަމަ ފަހަރަށް 'ގްލައިޑް ބޮން' ބޭނުން ކުރަން ފަށާފައި ވަނީ މި އަހަރުގެ ކުރީކޮޅު ކަމުގައި ޔޫކްރެއިނުން ބުންޏެވެ. އެއިރު, ރަޝިޔާއިން ދިޔައީ ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ އަވްދީވްކާއަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންނެވެ. އެ ރަށް މިހާރު އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. އެއަށްފަހު, މޭ މަހުގެ ތެރޭގައި ޔޫކްރެއިންގެ އިރުއުތުރުގައި އޮތް ޚަރްކިވް ސަރަޙައްދަށް ޙަމަލާ ދިނުމަށް އެ ފަދަ ހަތިޔާރު ބޭނުން ކުރަން ފެށި ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ޚަރްކިވް ސަރަޙައްދުގެ ވެރިރަށް, ޚަރްކިވަށް ޙަމަލާ ދިނުމަށް ވެސް ރަޝިޔާއިން އެ ފަދަ ހަތިޔާރު ބޭނުން ކޮށްފައިވެއެވެ.

ހުސްވި އޮގަސްޓު މަހު އެ ފަދަ ގައިޑެޑް ބޮން ބޭނުން ކޮށްގެން ޚަރްކިވަށް ދިން ޙަމަލާތަކުގައި ޢާންމުންގެ ހަތް މީހުން މަރުވި ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ހުސްވި ހަފުތާގައި ވެސް ރަޝިޔާއިން ވަނީ އެ ފަދަ ހަތިޔާރު ބޭނުންކޮށް ޚަރްކިވުން 21 މީހުން ޒަޚަމު ކޮށްލާފައެވެ. މީގެ އިތުރުން, ޔޫކްރެއިންގެ އިރުއުތުރުގައި ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ސޫމީ ސަރަޙައްދަށް ދެމުންދާ ޙަމަލާތަކުގައި ވެސް ރަޝިޔާއިން އެ ފަދަ ހަތިޔާރު ބޭނުން ކުރަމުންދާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ސޫމީ ސަރަޙައްދަށް ރަޝިޔާއިން ވަރުގަަދަ ޙަމަލާތަކެއް ދޭން ފަށާފައި ވަނީ, ރަޝިޔާގެ ހުޅަނގުގައި އޮތް ކޫރްސްކު ސަރަޙައްދަށް ޔޫކްރެއިނުން ސިފައިން ފޮނުވައި ހަނގުރާމަ ފުޅާ ކުރުމާ ގުޅިގެންނެވެ.

އެ ފަދަ ހަތިޔާރުގެ ނުރައްކަލުން ސަލާމަތްވެވޭނީ ކިހިނެއް؟

ރަޝިޔާއިން ދެމުންދާ ޙަމަލާތަކުން ރައްކާތެރިވުމުގެ ޤާބިލުކަން އިތުރު ކުރަން, އެމެރިކާއާއި ހުޅަނގުން އިތުރު ވައިގެ ދިފާޢީ ނިޒާމުތައް ހޯދުމަށް ޒެލެންސްކީ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި, ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުގައި އެމެރިކާއާއި ނޭޓޯގެ ބާރުތަކުން ފޯރުކޮށްދެމުންދާ ދުރު-ރާސްތާގެ މިސައިލްތައް ބޭނުން ކުރުމުގެ ހުއްދަ ހޯދަން އެދި އާދޭސް ދަންނަވަމުންނެވެ. މިހާރު އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޒެލެންސްކީ އެމެރިކާގެ އޮފިޝަލުންނާ އެކު މި ކަމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެއެވެ.

ނަމަވެސް, އަސްކަރީ ދާއިރާގެ މާހިރުން ބުނީ, ގްލައިޑް ބޮމަކީ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކޮށްގެން ދިފާޢުކޮށް ވައްޓައިލެވޭނެ ފަދަ ހަތިޔާރެއް ނޫން ކަމުގައެވެ. އަދި, އެ ފަދަ ބޮންތައް ހުއްޓުވޭނެ އޮތީ އެންމެ ގޮތެއް ކަމަށާއި, އެއީ އެ ފަދަ ބޮން ބޭނުން ކޮށްގެން ޙަމަލާ ދޭން ބޭނުން ކުރާ އަސްކަރީ މަތިންދާބޯޓުތަކަށް ޙަމަލާ ދިނުން ކަމުގައެވެ. އަދި, އެ ފަދަ ބޮން ރައްކާ ކޮށްފައި ހުރި ތަންތަނަށް ޙަމަލާ ދިނުން ކަމުގައެވެ.

ޔޫކްރެއިނުން ހުސްވި ހަފުތާގައި ވެސް ވަނީ ރަޝިޔާގެ ތުވިޔޭ ސަރަޙައްދަށް އަސްކަރީ ޑްރޯންތަކެއް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އޭގެ ތެރެއިން ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ, ރަޝިޔާއިން ހަތިޔާރު ރައްކާކޮށްފައި ހުރި ގުދަންތަކަށް ކަމުގައި ޔޫކްރެއިނުން ބުންޏެވެ. އަދި, އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ ގްލައިޑް ބޮމާއި, މިސައިލާއި, އާޓިލަރީ ބަޑީގެ ވަޒަންތައް ނައްތައިލާފައިވާނެ ކަމުގައި ވެސް އެ ޤައުމުން ބުންޏެވެ.