ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށާ، ކަނޑު ދަތުރުކުރާއިރު ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
އެއިދާރާއިން ވިދާޅުވީ އިއްޔެއިން ފެށިގެން ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށެވެ. މިގޮތުން މިއަދު މުޅި ރާއްޖޭގެ ކަނޑުތައްވެސް ގަދަ ކަމަށް ލަފާކުރެވޭކަމަށާ، ޚާއްސަކޮށް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރައްވައެވެ. ރާޅުތަކުގެ އުސްމިން ހުންނާނެކަމަށް ލަފާކުރެވެނީ 4 ފޫޓައި 7 ފޫޓާ ދެމެދުގެ އުސްމިނުގައިކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
މާދަމާގެ ގަޑިތަކުގައި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.
White Alert for heavy rain,strong winds and rough seas. pic.twitter.com/dWGUW7C28X
— Maldives Meteorology (@MetMaldives) September 26, 2024
މެޓް އޮފީހުން ވިދަޅުވާގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ. ވައިޖެހޭނެކަމަށް ލަފާކުރެވެނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށިގެންވާކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާތީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރު ވާރޭވެހުނު މިންވަރަށް ބަލާއިރު އެންމެ ގިނައިން ވެހިފައިވަނީ 36.5 މިލިމީޓަރުގެ ވާރެއެވެ. އެންމެ ގިނައިން ވާރޭ ވެހުނީ ލ.ކައްދޫއަށެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލައި އެޅިދާނެ ފިޔަވަޅުތައް އެޅުމަށްވެސް ކަމާބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ވައިގަދަވާނެކަމަށް ބެލެވޭތީ ފުރާޅު އެއްލާލުން ފަދަ ކަންކަމުން ރައްކާތެރިވުމަށްވެސް އަންޖެހޭ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން އިލްތިމާސްކުރައްވައެވެ.