ޚަބަރު

ރައީސް މުޢިއްޒުއާއި ސިންގަޕޫރުގެ ޚާރިޖީ ވަޒީރުގެ މުހިއްމު މަޝްވަރާތަކެއް!


  • އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ދެ ބޭފުޅުން ބައްދަލުކުރެއްވި

  • މުހިއްމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވި

ތަރައްޤީއާއި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސިންގަޕޫރުގެ ޚާރިޖީ ވަޒީރާއެކު މުހިއްމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އދގެ އާއްމު މަޖިލީހުގެ ހަވާސާގެ ތެރެއިން ދެ ބޭފުޅުން ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.

ސިންގަޕޫރުގެ ޚާރިޖީ ވަޒީރު ވިވިއަން ބަލަކްރިޝްނަން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމާއި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވަން ސަރުކާރުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސޯޝަލް ހައުސިންގެ މަސައްކަތުގައި ޓެކްނިކަލް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމާލެ ތަރައްޤީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ މައުލޫމާތުތައް ސިންގަޕޫރުގެ ޚާރިޖީ ވަޒީރާއި ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ރާއްޖޭގެ އާބާދީގެ 50 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްޤީކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އެގޮތުން ޕޭޕަލްފަދަ ހިދުމަތްތައް ފުރިހަމައަށް ލިބުމުން ޒުވާން ވިޔަފާރިވެރިންނަށް ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކުރަން ފުރުސަތުތައް ފަހިވެގެންދާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އިތުރަށް މަސައްކަތްކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.