ޚަބަރު

އަވާމީ ލީގުގެ ބައިވެރިވުމާ ނުލައި އިސްލާޙީ އެޖެންޑާ, އިންތިޚާބު ޞައްޙައެއް ނުވާނެ: ޙަސީނާގެ ދަރިކަލުން


ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަވާމީ ލީގު ޕާޓީގެ ބައިވެރިވުމާ ނުލައި އެ ޤައުމުގެ އިސްލާޙީ އެޖެންޑާގެ އަދި ޢާންމު އިންތިޚާބުގެ ޝަރުޢީ ޞައްޙަކަން ކަށަވަރު ނުކުރެވޭނެ ކަމުގައި އޭނާގެ ދަރިކަލުން އަދި މުޝީރު ސަޖީބް އަޙްމަދު ވާޒިބް ވިދާޅުވެއްޖެއެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި ވަނީ, ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގައި ޢާންމު އިންތިޚާބު ބޭއްވުމަށް ވަގުތީ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަން, އަސްކަރިއްޔާގެ ވެރިޔާ ވާކިރު އަލް-ޒަމާން ވިދާޅުވުމާ ގުޅިގެން, އެ ކަމަށް އިޝާރާތް ކުރައްވައެވެ.

ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ, ޙަސީނާ ޤައުމު ދޫކޮށް ވަޑައިގަންނަވައި, އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. ޙަސީނާގެ ސަރުކާރު ވައްޓައިލާފައި ވަނީ ބަންގްލަދޭޝްގެ ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި ތަޢުލީމު ހާސިލު ކުރާ ދަރިވަރުންނެވެ. ޙަސީނާގެ ސަރުކާރާ ދެކޮޅަށް ޖުލައި މަހުގެ މެދެއްހާ ހިސާބުގައި ދަރިވަރުން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ އޮގަސްޓު 5ވަނަ ދުވަހުއެވެ.

ޙަސީނާގެ އަވާމީ ލީގުގެ އިތުރުން ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން ވަނީ ތިން މަސް ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް އެ ޤައުމުގެ ވަގުތީ ސަރުކާރަށް ގޮވައިލާފައެވެ. ނަމަވެސް ވާޒިބް ވިދާޅުވީ, ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ޢާންމު އިންތިޚާބު ބާއްވާނެ ކަން ޒަމާން އިޢުލާނު ކުރެއްވުމުން އެ ކަމާ މެދު އުފާ ކުރައްވާ ކަމުގައެވެ. ނަމަވެސް, ވަގުތީ ސަރުކާރުން ފަށާފައިވާ އިސްލާޙީ މަސައްކަތްތައް އަވާމީ ލީގުގެ ބައިވެރިވުމާ ނުލައި ފުރިހަމަ ނުވާނެ ކަމުގައެވެ. އަދި, އެ ޕާޓީގެ ބައިވެރިވުމާ ނުލައި ބާއްވާ އެއްވެސް އިންތިޚާބެއް ޝަރުޢީ ގޮތުން ސައްޙަ ނުވާނެ ކަމުގައެވެ.

"ދުސްތޫރީ ގޮތުން ބަލާއިރު ޤާނޫނު އަސާސީން ބާރު ދީފައި ނުވާ, އަދި އިންތިޚާބު ކޮށްފައި ނުވާ ސަރުކާރަކުން އިސްލާޙީ މަސައްކަތްތަކެއް ކުރާނެ ކަމުގެ ވަޢުދުވުމުން ކުރިން ކަން ވެގެންދިޔަ ގޮތް އަޅުގަނޑުމެން ދުށީމު. އެއިރުން ކަންކަންވީ އިތުރަށް ގޯސް،" ވާޒިބް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ, 1971ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަން ކަން ލިބުނު ފަހުން ބަންގްލަދޭޝްގައި ކޮށްފައިވާ ދެ ބަޣާވާތަށް ފަހު ކަން ހިނގާފައިވާ ގޮތަށެވެ.

ފަހުގެ ތާރީޚެއްގައި ބަންގްލަދޭޝްގައި އަސްކަރީ ބަޣާވާތެއްކޮށް, އިންތިޚާބީ ސަރުކާރު ވައްޓައިލާފައި ވަނީ 2007ވަނަ އަހަރުއެވެ. އެއަށް ފަހު, އަސްކަރިއްޔާގެ ތާޢީދާއި އެއްބާރުލުމާ އެކު ވަގުތީ ސަރުކާރެއް އެކުލަވައިލިއެވެ. ޙަސީނާ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ އޭގެ ދެ އަހަރު ފަހުންނެވެ. އަދި, އޭނާގެ ވެރިކަމަށް ނިމުމެއް އައިސްފައި ވަނީ އޭގެ 15 އަހަރު ފަހުންނެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދިޔަ ދަރިވަރުން ހުއްޓުވަން ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް, މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދީފައެެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 1,000އަށްވުރެ ގިނައެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ. މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ޙަސީނާގެ ސަރުކާރުން ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ސިފައިން ނެރުނު ނަމަވެސް, މުޒާހަރާތައް ހުއްޓުވަން ކުރި މަސައްކަތްތަކުގައި ސިފައިން އަމަލީ ގޮތުން ބައިވެރިވެފައެއް ނުވެއެވެ.

ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން ފެށި ހަމަނުޖެހުންތަކަށް ފަހު ވެރިރަށް ދާކާގެ މަގުތައް މި ވަގުތު އަމާންވެފައިވީ ނަމަވެސް, ސަރުކާރުގެ ބައެއް މުހިންމު އޮފީސްތަކާއި އިދާރާތައް އަލުން ހިނގައިގަތުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. އަދި, 190,000އެއްހާ ފުލުހުން ހިމެނޭ ފުލުހުންގެ އިދާރާގެ ހިންގުމަށް އޮތް ގޮންޖެހުންތަކާ ގުޅިގެން އަމަންއަމާން ކަމާއި ސުލްޙަމަސަލަސް ކަން ދެމެހެއްޓުމަށް އަސްކަރިއްޔާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޙަސީނާގެ ވެރިކަން ނިމުމަކަށް އައުމުން ބަންގްލަދޭޝްގައި އެކުލަވައިލާފައިވާ ވަގުތީ ސަރުކާރުގެ އިސް މުޝީރަކީ ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސެވެ. އޭނާގެ ވަގުތީ ސަރުކާރުން ބުނީ, ޝަރުޢީ ނިޒާމާއި, ފުލުހުންގެ އިދާރާގެ އިތުރުން މާލީ އިދާރާތައް އިސްލާޙު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައެވެ. އަދި, ޢާންމު އިންތިޚާބުގެ ކުރިން އެ މަސައްކަތްތައް ނިންމާނެ ކަމުގައެވެ.

އިސްލާޙީ މަސައްކަތްތައް ވިލަރެސް ކުރުމަށް ހަ ޕެނަލެއް އެކުލަވައިލާފައިވާއިރު, ޔޫނުސްގެ ސަރުކާރުން ބުނީ އެ ޕެނަލްތަކުގެ ލަފައާ މެދު ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރާނެ ކަމުގައެވެ. ނަމަވެސް, ވޮޝިންގޓަނުގައި ދިރިއުޅުއްވާ ވާޒިދް ވިދާޅުވީ, ޔޫނުސް ވެސް ނުވަތަ އޭނާގެ ސަރުކާރުން ވެސް އަވާމީ ލީގާ މަޝްވަރާ ކުރަން އެދި ހުށަހަޅާފައި ނެތް ކަމުގައެވެ. "[ބަންގްލަދޭޝްގެ] އެންމެ ދުވަސްވީ, އަދި އެންމެ ބޮޑު ސިޔާސީ ޕާޓީއާ ނުލައި ސައްޙަ އިސްލާޙީ މަސައްކަތެއް ވެސް, އިންތިޚާބެއް ވެސް ކުރިއަށް ނުގެންދެވޭނެ،" އޭނާ ވިދާޅުވިއެވެ.