ޚަބަރު

ޙިޒްބުاللهގެ ކޮމާންޑަރުން ޝަހީދުކޮށްގެން އެ ޖަމާޢަތް ނައްތައެއް ނުލެވޭނެ: ޚާމަންޢީ


ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް ޙިޒްބުاللهގެ އިސް ކޮމާންޑަރުން ޝަހީދުކޮށްލައިގެން އެ ޖަމާޢަތް ބަލިކޮށް, ނައްތައިނުލެވޭނެ ކަމުގައި އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޚާމަންޢީ ވިދާޅުވެއްޖެއެވެ. އޭނާ އެ މޭރުމުން ވިދާޅުވެފައި ވަނީ, ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ދަނީ ލުބްނާންގެ ރަށްތަކަށް ރަޙުމު ކުޑަ ނިރުބަވެރި ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 569އަށް އުފުލިފައެވެ. އޭގެ ތެރޭގައި 50އެއްހާ މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,835އަށް އަރައެވެ.

އޭގެ ކުރިން ޔަހޫދީ ފައުޖުން ވަނީ, ލުބްނާންގެ ޢާންމު ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރުތަކާއި ވޮކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ނިރުބަވެރި ޙަމަލާތަކެއްދީ, 39 މީހުން ޝަހީދު ކޮށްލާފައެވެ. އަދި, 3,000އެއްހާ މީހުން ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރެއިން 300އެއްހާ މީހުންގެ ހާލު ސީރިޔަސް ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދަނީ ޙިޒްބުاللهގެ ކޮމާންޑަރުން ޝަހީދު ކޮށްލުމުގެ ނަމުގައެވެ. "އެ ޖަމާޢަތުގެ [ޙިޒްބުاللهގެ] ހިންގުމުގެ އޮނިގަނޑާއި އިންސާނީ ވަަސީލަތްތައް ވަރަށް ހަރުދަނާ, އަދި ވަރުގަދަ ވާނެ, އަދި އިސް ކޮމާންޑަރުން ޝަހީދުކޮށްލައިގެން އެ ޖަމާޢަތަށް ލިބޭނެ ބޮޑު ގެއްލުމެއް ނޯންނާނެ،" ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރައްވައި ޚާމަންޢީ ވިދާޅުވިއެވެ.

މީގެ 11 މަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ޢުދުވާނާ ގުޅިގެން, ޣައްޒާގެ މުސްލިމުންނަށް ވާގިވެރިވުމުގެ ގޮތުން ޙިޒްބުاللهން ދަނީ ޒަޔަނިސްޓު ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. ޙިޒްބުاللهގެ ބޭނުމަކީ ޣައްޒާ ޢުދުވާން ހުއްޓައިލަން ޔަހޫދީންނަށް މަޖުބޫރު ކުރުވުމެވެ. 2023 އޮކްޓޫބަރު 7ގެ ފަހުން ޙިޒްބުاللهން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް 1,901 ޙަމަލާ ދީފައިވެއެވެ. އަދި, 33 މީހުން މަރައިލާފައިވެއެވެ. އޭގެ ރައްދުގައި ޔަހޫދީން ވަނީ 8,313 ފަހަރު ލުބްނާންގެ ރަށްތަކަށް ޙަމަލާދީ, 752 މީހުން ޝަހީދު ކޮށްލާފައެވެ.

"[ޔަހޫދީންނާ] ދެކޮޅަށް ހަތިޔާރު އުފުލާފައިވާ ފަލަސްޠީނާއި ލުބުނާނުގެ މުޖާހިދުންނަށް އަދި ނަޞްރު ލިބޭނެ،" ޣައްޒާއާއި ލުބްނާންގެ ކުށެއް ނެތް ޢާންމު ރައްޔިތުން އެއްވެސް ރަޙުމެއް ނެތި ޝަހީދު ކުރަމުންދާ ކަން ފާހަގަ ކުރައްވައި ޚާމަންޢީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, ފަލަސްޠީނާއި ލުބްނާންގެ ޢާންމު ރައްްޔިތުން ޝަހީދު ކުރަމުން ދަނީ ޔަހޫދީންނަށް ކާމިޔާބީ ނުލިބޭނެ ކަން އެނގޭތީ ކަމުގައެވެ.

1982ވަނަ އަހަރު ޙިޒްބުالله އުފެއްދި ދުވަހުން ފެށިގެން އީރާނުން ދަނީ އެ ޖަމާޢަތަށް ވާގިވެރިވަމުންނެވެ. ޚާމަންޢީ ވިދާޅުވީ, ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ ވޮޝިންގޓަނުން އެ ކަމަށް ބާރުއަޅާތީ ކަމުގައެވެ. އަދި, މަސްރަޙު އިތުރަށް ގޯސް ކުރަން ވޮޝިންގޓަނުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެމެރިކާއިން ވަނީ, ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ފަށަން އުޅޭ ކަމުގެ މަޢުލޫމާތު ޔަހޫދީން ހިއްސާ ކޮށްފައި ނުވާ ކަމަށް ބުނެފައެވެ. ނަމަވެސް, ޚާމަންޢީ ވިދާޅުވީ "އެމެރިކާއަށް އެ ކަން އެނގޭ, އަދި އެ ކަމަށް ނުފޫޒު ފޯރުވަމުންދާ" ކަމުގައެވެ. އަދި, ނޮވެންބަރު މަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ޒަޔަނިސްޓުންނަށް ކާމިޔާބީއެއް ހޯދައިދިނުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ މުހިންމު ލަނޑުދަނޑިއެއް ކަމުގައި ވެސް ޚާމަންޢީ ވިދާޅުވިއެވެ.

ފަލަސްޠީނާއި ލުބްނާންގެ ކުޑަކުދިންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަމުގައި ވެސް ޚާމަންޢީ ދާދިފަހުން ވިދާޅުވެފައިވެއެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ މުޖާހިދުންގެ ބަދަލުގައި ކުޑަކުދިންނަށް ކަމަށް އޭނާ ވިދާޅުވެފައި ވަނީ, ލުބްނާންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ.

ޚާމަންޢީ ވިދާޅުވީ, ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރީގެ އިތުރުން ލުބްނާނާއި ސޫރިޔާގެ ކުޑަކުދިންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ލަދުވެތި ކުށްތަކެއް ހިންގަމުން ދަނީ އެއްވެސް ޖެހިލުމެއް ނެތި ކަމުގައެވެ. ޔަހޫދީ ފައުޖުން ޙަމަލާތައް އަމާޒު ކުރަމުން ދަނީ "ހަތިޔާރު އެޅި މީހުންގެ ބަދަލުގައި ޢާންމު ރައްޔިތުންނަށް" ކަމުގައި އޭނާ ވިދާޅުވިއެވެ.

"ފަލަސްޠީނުގެ މުޖާހިދުންނަށް އަނިޔާ ދޭން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ފޭލުވުމާ ގުޅިގެން އެ މީހުން [ޔަހޫދީ ފައުޖުން] ދަނީ ކުޑަކުދިންނާއި, ހަސްފަތާލުގައި ތިބި ބަލި މީހުންނާއި, ކުޑަކުދިން ފުރައިތިބި މަދަރުސާތަކަށް ބޮންއަޅައި ރުޅިގަނޑު ބާލަމުން،" ޚާމަންޢީ ވިދާޅުވެފައިވެއެވެ.