ޚަބަރު

ސްރީ ލަންކާގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައިފި


ސްރީ ލަންކާގެ އައު ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ, އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައްވައިފިއެވެ. އެ ކަން އިޢުލާނު ކޮށްފައި ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރި އިޢުލާނެއްގައެވެ. ދަރަނި ބޮޑުވެ, އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވެފައިވާ ސްރީ ލަންކާގެ ސަރުކާރުން ވަނީ, ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ނޮވެންބަރު 14ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ ކަން ވެސް އިޢުލާނު ކޮށްފައެވެ.

ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ދިސާނަޔަކަ ރައީސް ކަމުގެ ހުވައި ކުރައްވައި, އެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލު ވަޑައިގަތީ ހޯމަ ދުވަހުއެވެ. 55 އަހަރުގެ ދިސާނަޔަކަ އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސަގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ.

ދިސާނަޔަކަ މިހާރު ގެންދަވަނީ އޭނާގެ އައު ސަރުކާރުގެ ކެބިނެޓު އެކުލަވައިލެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން, ބޮޑުވަޒީރު ކަމުގެ މަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ ޔުނިވަރސިޓީ އޮފް އެޑިންބްރާއިން ސޯޝަލް އެންތުރޮޕޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓު ހާސިލު ކުރައްވާފައިވާ 54 އަހަރުގެ ހަރީނީ އަމަރަސޫރިޔެއެވެ. ނޮވެންބަރު 14ވަނަ ދުވަހު ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ފަހު, އެ މަހުގެ 21ވަނަ ދުވަހު އައު މަޖިލީހުގެ މެންބަރުން ހުވައި ކުރައްވާނެ ކަމުގައި ވެސް ދިސާނަޔަކަގެ ސަރުކާރުން ހާމަކުރިއެވެ.

ސްރީ ލަންކާގައި އެންމެ ފަހުން ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައި ވަނީ 2020ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. 225 މެންބަރުން ހިމެނޭ ޤާނޫނު ހަދާ މަޖިލީހުގައި ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ތަމްސީލު ކުރައްވަނީ އެންމެ ތިން މެންބަރުންނެވެ. އޭގެ ތެރޭގައި ދިސާނަޔަކަގެ އިތުރުން އަމަރަސޫރިޔެ ވެސް ހިމެނި ވަޑައިގަންނަވައެވެ.

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި ދިސާނަޔަކަ ވާދަ ކުރައްވާފައި ވަނީ އެންޕީޕީ އިއްތިޙާދުގެ ކެނޑިޑޭޓުގެ ގޮތުގައެވެ. އޭނާގެ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީއަކީ ކާލް މާކްސްގެ ސިޔާސީ އަދި އިޤުތިޞާދީ ސިޔާސަތުތަކަށް ތާޢީދު ކުރާ, ވައަތު ފިޔައިގެ ޕާޓީއެކެވެ. ދިސާނަޔަކައާއި އޭނާގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ, އިޤުތިޞާދީ އަދި މާލީ ކާރިސާއަކާ ކުރިމަތިވެފައިވާ ސްރީ ލަންކާގެ އިޤުތިޞާދު ސަލާމަތްކޮށް, އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރަކަށް އަރާފައިވާ ބޭރުގެ ދަރަނި ދައްކާނެ ގޮތްތަކެއް ހޯދުމެވެ.

ބޭރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ ދޮރުތައް ބަންދުވެ, ސްރީ ލަންކާއަށް އިޤުތިޞާދީ ކާރިސާއެއް ކުރިމަތިވެފައި ވަނީ 2022ވަނަ އަހަރުއެވެ. އެ ކާރިސާއާ ގުޅިގެން ތެލާއި, ބޭހާއި ކައްކާ ގޭސް ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުން މެދުކެނޑި, ސްރީ ލަންކާގެ ރައްޔިތުން ހާލުގައި ޖެހުނެވެ. އަދި, އެ ކަމާ ނުރުހުން ފާޅު ކުރުމަށް އެ ޤައުމުގެ ޢާންމު ރައްޔިތުން ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެއިރުގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝައަށް އިސްތިޢުފާ ދެއްވަން މަޖުބޫރުވިއެވެ. އޭނާގެ ބަދަލުގައި ރައީސް ކަމުގެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ކުރީގެ ރައީސް ރަނިލް ވިކްސަރަމަސިންހައެވެ.

ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން އަރައިގަތުމަށް އެ ޤައުމުން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދަމުންނެވެ. މި ގޮތުން, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓު ޕުރޮގުރާމެއްގައި އެ ޤައުމުން ވަނީ ބައިވެރިވެފައެވެ. ދިސާޔަނަކަ ވިދާޅުވީ, އެ ޕުރޮގުރާމު ދަށުން އަޅަމުންދާ އިޤުތިޞާދީ ފިޔަވަޅުތަކުގެ ސަބަބުން ނޭދެވޭ އަސަރު ކުރަމުންދާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން, އެ ފިޔަވަޅުތައް މުރާޖާ ކުރައްވާނެ ކަމުގައެވެ.

އިޤުތިޞާދީ މާހިރުން ބުނީ, ޓެކުހުގެ ނިޒާމު މުރާޖާކޮށް, އައިއެމްއެފް ޕުރޮގުރާމުގެ ދަށުން އަޅަމުންދާ ފިޔަވަޅުތައް މުރާޖާ ކޮށްފި ނަމަ ބޭރުގެ ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ ފުރުޞަތު އޮތް ކަމުގައެވެ. އަދި, ބޭރުގެ ދަރަނީގެ ތެރެއިން 25 ބިލިޔަން އެމެރިކާ ޑޮލަރު ރީސްޓްރަކްޗަރ ކުރަން ސްރީ ލަންކާގެ ސަރުކާރުން ފަށާފައިވާ މަަސައްކަތްތަކަށް ލަސްތަކެއް ކުރިމަތިވުމުގެ ފުރުޞަތު އޮތް ކަމުގައެވެ.